ރާއްޖޭގެ ބޯޑަރުތައް މާދަމާ ހުޅުވާލަން ނިންމާފައިވާއިރު، މާދަމާ އެކަނި ވެސް 250 އަށްވުރެ ގިނަ މީހުން ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ހުޅުވާލާއިރު މާދަމާ ތިން ފްލައިޓެއް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގަތަރުގެ ވެރިރަށް ދޯހާ އިން އަންނަ ގަތަރު އެއާވޭސްގެ ފްލައިޓަކާއި ކޮލަމްބޯ އިން އަންނަ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން އަންނަ މޯލްޑިވިއަންގެ ފްލައިޓެކެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ޖައްސާނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:25 ގައެވެ. ބޯޑަރު ހުޅުވުމުގެ ގޮތުން އެއާޕޯޓްގައި މާދަމާ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ގަތަރު އެއާވޭސްގް ފްލައިޓުގައި މާދަމާ 154 މީހަކު ރާއްޖެ އަންނާނެ ކަމަށެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓު، އޭސް އޭވިއޭޝަން މޯލްޑިވްސް އިން "ވަން" އަށް ވިދާޅުވީ މާދަމާ ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ސްރީލަންކަންގެ ފްލައިޓުގައި 104 ފަސިންޖަރުން ރާއްޖެ އަންނާނެ ކަމަށެވެ.

މި ދެ އެއާލައިނުން 250 ވަރަކަށް މީހުން ރާއްޖެއަށް އަންނަ އިރު، މީގެ ތެރޭގައި ދިވެހީންވެސް ހިމެނޭނެ އެވެ. މީގެ ތެރޭގައި ދިވެހީންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން އަދި ޓޫރިސްޓުންވެސް ހިމެނޭނެ އެވެ.