މި މަހުގެ ދެވަނަ ދުވަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ބޭއްވި އިންތިހާބީ ކޮންގްރެސްގައި އިސްކޮށް އުޅުއްވި އެތަނުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމުން އެތަނުގެ މުވައްޒަފުންނާއި އެދުވަހު ޕްރެސް އަށް ދިޔަ ނޫސްވެރިންގެ އިތުރުން އެއިވެންޓުގައި ބައިވެރިވި ހުރިހާ އެންމެން 14 ދުވަސް ވަންދެން ހޯމް އައިސޮލޭޝަންގައި ތިބުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ) އަންގައިފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި އިސްކޮށް އުޅުއްވި އެތަނުގެ މުވައްޒަފަކު ޕޮޒިޓިވުމުން އެކަން އެޗްޕީއޭއިން ވަނީ އެފްއޭއެމް އަށް އިއްޔެ އަންގާފައި ކަމަށެވެ. އަދި އެދުވަހު އެތަނުގައި އުޅުނު، އެތަނުގެ މުވައްޒަފުން މިހާރުވަނީ ޓެސްޓުކޮށް ނެގެޓިވް ކަން އެނގިފައި ކަމަށެވެ.
"ވަން" މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ މުވައްޒަފަކު ޕޮޒިޓިވް ވެގެން ކަރަންޓީން ފެސިލިޓީއަށް ގެންގޮސް އެމުވައްޒަފު ދިރިއުޅޭ ގެ މޮނިޓަރިންނަށް ލާފައިވަނީ އިންތިހާބު ބޭއްވިތާ ތިންވަރަކަށް ދުވަސް ފަހުންނެވެ.
ނަމަވެސް އެކަން މީޑިއާތަކާ ހިއްސާކޮށްފައި ނުވުމުގެ ސަބަބުން އެ ދުވަހު އެތަނުގައި ހަރަކާތްތެރި ވި ގިނަ ނޫސްވެރިން ވަނީ އެހެން ތަންތަނުން ބޭއްވި އިވެންޓްތަކުގައި ވެސް ބައިވެރި ވެފައެވެ.
އެކަން ހިނގިތާ ހަތް ދުވަސް ފަހުން އެޗްޕީއޭއިން މިއަދު އެކަން އަންގާފައިވާއިރު ބުނެފައިވަނީ ދުވަސް ގުނާނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި 14 ދުވަސް ހަމަވުމުން ޓެސްޓު ހެދުމަށް ގުޅާނެ ކަމަށް އެޗްޕީއޭއިން ވަނީ "ވަން" ގެ ނޫސްވެރިންނަށް އަންގައިފައެވެ. ހަމަ މި ގޮތަށް އެދުވަހުގެ އިވެންޓަށް ދިޔަ އެހެން ބައެއް މީޑިއާތަކަށް ވެސް އަންގާފައި ވެއެވެ.
އެހެން ނަމަވެސް ކޮވިޑްގެ އަލާމާތް ހުންނަ މީހުން ޓެސްޓު ކުރުމަށްފަހު ޓެސްޓުކުރާ ދުވަހުން ފެށިގެން 14 ދުވަސް ފުރިހަމަ ކުރަން ޖެހޭގޮތަށް އެޗްޕީއޭއިން ބައެއް ކޭސްތަކުގައި އަމަލު ކުރަމުންދެއެވެ.