ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް ކަމުންނާއި މެންބަރުކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޖޭޕީ އަށް މިއަދު ހުށަހަޅާފައިވާ މި މައްސަލައިގެ ކޮޕީއެއް ވަން އަށް ވަނީ ލިބިފަ އެވެ. މި ލިޔުން ޖޭޕީއަށް ހުށަހަޅާފައި ވަނީ މިއަދު އެވެ.

އެ ޕާޓީގެ ކައުންސިލް މެންބަރަކު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ، މި މައްސަލަޔަކީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަދި ޕާޓީގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމަށް ހަމަޖެއްސުމަށް ހުށަހަޅައި ރައީސުލްޖުމުހޫރިއްޔާ އެ މަގާމަށް އައްޔަންކުރައްވާފައިވާ އަލީ ވަހީދު، މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސުލްޖުމުހޫރިއްޔާ އަންގާފައިވުމާއި އެމަގާމުން އޭނާ އިސްތިއުފާދެއްވާފައި ވުމާއެކު ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެމަގާމުން ވަކިކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ.

ކައުންސިލް މެންބަރު ޖޭޕީއަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެންބަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަހުލާގީ މިންގަނޑުން ބޭރުވެ ބޭއަދަބީ ބަސްތައް ބޭނުންކޮށް ފުރައްސާރަ ކޮށްފައިވާ އޯޑިއޯތަކެއް ލީކުވެފައިވާކަން ފާހަގަކޮށްފަ އެވެ. ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ފޮނުވި ނަމަކީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކަމަށް ވުމާއި، އަލީ ވަހީދު މިނިސްޓަރު ކަމަށް ހަމަޖެހިގެން ދިއުމާއި އެކު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށް އޭނާ އެމަގާމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފައިވުމާއި އަދި އެ އެންގެވުމާ އެއްގޮތަށް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާގެ އެ މައްސަލަތައް ވަނީ ޖެންޑަރ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހެޅި ތަހުގީގް ކުރަން ފަށާފައިވާކަން މި ހުށަހެޅުމުގައި ފާހަގަކޮށްފައި ވެއެވެ. އަދި މީގެ ކުރިންވެސް އަލީ ވަހީދުގެ މައްސަލައެއް ކައުންސިލަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ވަކިގޮތެއް ނިންމުމުގެ ކުރިން ޕާޓީން އޭނާއާ މެދު ފިޔަވަޅު އަޅައި ވަކިކުރަން ނިންމުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭރު ޕާޓީން ނިންމާފައި ވީނަމަވެސް މިއަދުގެ ހަލާތު އޭނަ އާއި މެދު ބަދަލުވެފައި ވާ ކަމާއި މިއަދު ރައީސުލްޖުމްހޫރިއްޔާ އޭނާ އިސްތިއުފާ ދެއްވަން އެންގެވި އެންގެވުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ސީރިއަސް ތުހުމަތެއް ކަމަށް ބައްލަވައި އޭނާ މިނިސްޓަރުކަމުން ވަކި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް މަޖުބޫރުވި ސަބަބުތަކެއް ކަމަށް ދެކޭ ކަމަށްވެސް މި ހުށަހެޅުމުގައި އަލީ ވަހީދު ޕާޓީގެ ރައީސް ކަމުން ވަކިކުރަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައި ވެއެވެ.

"އިސްވެ ދެންނެވުނު ސަބަބުތަކަށް ރިއާޔަށްކޮށް ބެލި އިރު އެފަދަ މީހަކު މިފަދަ ސިޔާސީ ޕާޓީއެއްގެ ރައީސްކަމުގެ ބެހެއްޓުމަކީ މިޕާޓީގެ މައިގަޑު މަގުސަދާއި ހިލާފު ވެ މިޕާޓީއާއި މެދު މީހުން ދެކޭ ގޮތް ބަދަލުވެ ޕާޓީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ފެންނާތީ، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި ޖޭޕީގެ ކައުންސިލަށް މިމައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި ހުށަހަޅަމެވެ." އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން ހުށަހެޅި ލިޔުމުގައި ވެއެވެ.