‎ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދީގެން އެއްވެސްކަމެއް ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

‎މިއަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޖޭޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކަށް ވޯޓު ދިނުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

އަދި އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލް ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖޭޕީން ވަނީ ނިންމާފައި ކަމަށް ގާސިމް ވިދާޅުވިއެވެ.

‎"ބޭފުޅުން އެންމެ ރަނގަޅު ވޯޓު ނުދެއްވީ ޕީއެންސީއަށް. އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދެއްވީ. އެއްވެސް ކަމެއް ކުރެވޭނެތަ؟ ރަށުން ބޭލޭނެތަ އެ މަނިކުފާނު؟ ވެރިކަމުން ބޭލޭނެތަ އެ މަނިކުފާނު؟. ނޯ. ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ،" ގާސިމް ވިދާޅުވިއެވެ.

‎ގާސިމް ވިދާޅުވީ، ސަރުކާރަށް ތާއީދުކުރަން ނިންމީ ގައުމަށް އިތުރު ހަމަނުޖެހުމެއް އަންނަން ބޭނުންނުވާތީ ކަމަށެވެ. ކުރީ ސަރުކާރުގެ ސަބަބުން ގައުމުގެ އިގުތިސާދު ބަނގުރޫޓުވުމުގެ މަގުމަތީގައި އޮއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ހައްލުކުރެއްވުމަށް އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

‎"ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ ޕީއެންސީގެ މެންބަރުންނަށް، ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިއުމަށްޓަކައި،" ގާސިމް ވިދާޅުވިއެވެ.

‎އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުން ހޮވައިގެން ސަރުކާރަށް ދަތިކުރުމަކީ ރަށުގެ ތަރައްގީއަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ލިބޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

‎މީގެ އިތުރުން، ގައުމުގެ ދަރަނި ދެއްކުމަށާއި އިގުތިސާދު ހަމަމަގަށް އެޅުވުމަށް ރައީސް މުއިއްޒަށް ފުރުސަތު ދޭންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހުގެ އައުލަބިއްޔަތު ސަރުކާރަށް އޮތުން މުހިންމު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.