ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ވެސް ތާއީދުކުރުމަށް އެ ޕާޓީން ނިންމައިފިއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއެކު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ނަގާ އާންމު ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީން ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކުރާ އިރު، އިދިކޮޅު ޕާޓީތަކުން އެކަމާ ދެކޮޅެވެ.

އަދާލަތު ޕާޓީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު، ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، "ފެންނަ ކަމަށް" ވޯޓު ދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

އެ ވޯޓުގައި "ފެންނަ ކަމަށް" ވޯޓު ދިނުމަށް އަދާލަތުގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިޔަތްކޮށް ކަމަށް އެ ޕާޓީން ބުންޏެވެ.

އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވަނީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން، އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ، އެކަމަށް ތާއީދުކުރައްވައިފައެވެ.

މިމަހުގެ އަށްވަނަ ދުވަހު ސޯޝަލް މީޑިއާގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

"2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުވެސް ދެކެމެވެ،" ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.

"އެހެންކަމުން މިހާރު އޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ ފަރާތަށް މި ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ. އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލައި ރައީސަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވެއެވެ،" ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށެވެ. އަދި މަޖިލީހުން ގެނައި މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާނބަސް ބުނުމުންކަމަށްވާތީ، އަންނަ މަހު ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު އޮންނަ ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓުގައި ރާއްޖޭގެ ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

"އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާ ބޮޑީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވުމާއި އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުން ކުރުމަށް ފުރުސަތު ލިބިގެން ދިއުމާއި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި އިންތިހާބާ ގުޅުން ހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ،" ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމްގެ އިތުރުން މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކޮށްފައެވެ.

އެ ވޯޓު ހުއްޓުވުމަށް ވެސް ސުޕްރީމް ކޯޓަށް މިއަދު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނާއި ވަކީލު އައިކް އަހުމަދު އީސަގެ އިތުރުން ވަކީލު އިބްރާހިމް ޝިޔާމެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ މަހު ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލުވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.