ކޮވިޑާއި ދެކޮޅަށް ފުލުހުން ކުރި ގައުމީ މަސައްކަތް ހުރިހާ ރައްޔިތުންވެސް ބަލައިގަންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިއަހަރު ފެށުނީއްސުރެ ކޮވިޑް 19އާ ދެކޮޅަށް އެންމެން ކުރި މަސައްކަތުގައި ދިވެހި ފުލުހުން އަދާކުރީ އަދި އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި އެއީ ދިވެހި ކޮންމެ ރައްޔިތަކު ވެސް ހެޔޮ ހިތުން ބަލައިގަންނާނެ މަސައްކަތެއް ކަމަށެވެ.
"ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާންމު ރައްޔިތުން ގޭގައި ތިބިއިރު މާލެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމުގައި ތިޔަބޭފުޅުން ފުރާނަ އަތްމައްޗަށް ލައްވައިގެން އާއިލާއާ ވަކިން ކުރެއްވި މަސައްކަތްތަކަކީ އަގުނުކުރެވޭނެ މާމަތީ މާ އަގުބޮޑު މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް ފެނުމާއެކު އެންމެ ބޮޑު ކަންބޮޑުވުމަކީ ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބިދޭސީންގެ މެދުގައި މިބަލި ފެތުރި ކޮމިއުނިޓީ ސްޕްރެޑެއް ފެށިދާނެތީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ހާލަތު މެދުވެރިނުވީ އެމީހުން އެކި ތަންތަނަށް ބަދަލުކޮށް، ވަކި އުސޫލެއްގެ ތެރެއިން ބެލެހެއްޓުމަށް ފުލުހުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
އޭގެ އިތުރުން ވެސް ކޮވިޑާ ގުޅިގެން ކުރި ހުރިހާ މަސައްކަތެއްގައި ފުލުހުން ބައިވެރިވިއިރު ފުލުހުންގެ ވާޖިބު އެ މުއައްސަސާއިން އަދާކުރެއްވި ކަމަށްޓަކައި ރައީސް ވަނީ ހުރިހާ ފުލުުހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު