ނުކުޅެދޭ އަންހެން ކުއްޖަކު ރޭޕްކުރި ދިވެއްސެއްގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.
މި މީހާ އަކީ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު ބަލިވެ އިން މައްސަލައިގެ ތުހުމަތުގައި ބުރާސްފަތި ދުވަހު ފުލުހުން ހައްޔަރު ކުރި މީހެއްކަން "ވަން" އަށް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުން މިއަދު އާންމު ކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ފީރޯޒްގޭ އިބްރާހީމް ޝާފިއު (37 އަހަރު) އެވެ.
އިއްޔެ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ޝާފިއު ހާޒިރުކުރުމުން އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވާތީ މައްސަލަ ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ ކޯޓުގެ މި ނިންމުމަކީ އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ނިންމި ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން ތަހުގީގު ނިމެންދެން ޝާފިއު ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށާއި، މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ތަހުގީގު ނިންމައި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭ ގޮތަށް މިދުވަސްވަރު ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިފަދަ މައްސަލަތައް އިތުރުވާކަން ފާހަގަ ކުރެވޭތީ، މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިން މިކަންކަމަށް ސަމާލު ވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށް ފުލުހުން އެދިފައި ވެއެވެ.
މީގެ އިތުރުން މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ ޖެންޑާ މިނިސްޓަރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް މައްސަލަ ހުށަހެޅުމަށް ފުލުހުން އެދިފައިވެއެވެ.
ވަން އަށް އެނގިފައިވާ ރޭޕްކޮށް، ބަލިވެ އިން ކުއްޖާ ބަލިވެ އިން ކަން އެނގުނީ ހޮޑުލާތީ، އަތޮޅުގެ ވެރިކަންކުރާ ރަށުގެ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރުމުންނެވެ. މި ކުއްޖާއާ ޖިންސީ ގުޅުން ހިންގާފައިވަނީ އޭނާ ދައްތަގެ ފިރިމީހާ ކަމަށް ވެސް އެ ކުއްޖާ ނިސްބަތްވާ ރަށު ތެރޭގައި ވަނީ ވާހަކަ ފެތުރިފައެވެ. މި ކުއްޖާގެ ވަނަވަރާއި އެހެނިހެން މައުލޫމާތު ވަން އަށް އެނގިފައިވީ ނަމަވެސް ޝާއިއުކޮށްފައި ނުވަނީ ކުއްޖާގެ ކަރާމާތަށްޓަކަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު