ބ. ތުޅާދޫން އަލީ އަފާފް ރަމީޒް
އެޑިޓަރުގެ ނޯޓް: މިދިޔަ ބުރާސްފަތި ދުވަހު މުޅި ރާއްޖެ ބިރުވެރިކަމުގެ ތެރެޔަށް ވައްޓާލީ، ބ. ތުޅާދޫއާ އެއްފަޅެއްގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅު ކިޔާ ރަށެއްގައި ދިވެހީންތަކެއް ރަހީނު ކުރި ހާދިސާ އެވެ. މުސާރަ ނުލިބޭ މައްސަލައިގައި ބިދޭސީންގެ ކެތްތެރިކަން ކޮޅުންލައި، ރުޅިގަނޑު ފަޅައިގެން ގޮސް 13 ދިވެހީން ރަހީނުކޮށް މުޅި ރަށް އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނައި މި ހާދިސާއާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ. އެއީ އެރަށަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމާއި ދެވަނަޔަށް ދިޔަ ފުލުހުންގެ ޓީމުވެސް ރަށަށް އެރިޔަ ނުދީ މުޅި ރަށް ވަށާލައި ބިދޭސީން ފުލުހުންނާ ކުރިމަތިލުމުންނެވެ. އެމީހުން ފުލުހުންނާ ކުރިމަތިލީ އެކި ކަހަލަ ނުރައްކާތެރި ހަތިޔާރުވެސް އުފައްދައި އެތަކެއްޗާ އެކުއެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ފުލުހުންނަށް އަނިޔާވެސް ވި އެވެ. އެރަށުގައި ބިދޭސީން ރަހީނުކުރި ދިވެހީން ސަލާމަތްކޮށް، ރަށް ފުލުހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައި މި ވަނީ އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނަކަށްފަހު އެވެ. މި އޮޕަރޭޝަނަށް ދިޔަ އިރު، ދިވެހި ގައުމީ ދިފާއީ ބާރުގެ ޓީމެއްވެސް ބ. އަތޮޅަށް ދަތުރުކޮށްފައިވެ އެވެ. މާލެއިން ތައްޔާރުވެގެން ދިވެހި ސިފައިންނާއި ފުލުހުން ބ. އަތޮޅަށް ދަތުރުކުރީ އިއްޔެރެ އެވެ. ސިފައިން ދިޔައީ ފުލުހުންނަށް އެހީތެރިވާން ޖެހިއްޖެ ހާލަތުގައި ރަށަށް އަރަން ކަމަށް ބެލެވެ އެވެ. މި މުޅި ހާދިސާގެ އެކި މަންޒަރުތަކާއި ވާހަކަތައް ވަންގެ ކިޔުންތެރީންނަށް އެންމެ ކައިރީން ގެނެސްދޭން ވަންގެ ޓީމުން މި އަންނަނީ ހާދިސާގެ ފެށުމާއި ހިސާބުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ވަން ގެ ނޫސްވެރިޔާ އަލީ އަފާފް ރަމީޒް ވަނީ އިއްޔެ ބޮޑުފިނޮޅަށް ގޮސް އެރަށުގައި ކަން ހިނގި ގޮތް އެ ރަށުގައި ހުރެގެން ރިޕޯޓު ކޮށްފަ އެވެ. މި ހާދިސާގައި އެންމެ އާދަޔާ ހިލާފު ގޮތަކަށް ސަލާމަތްވި އެކަކީ، އިރު އޮއްސުނު ގަޑީގައި މޫދަށް ފުންމާލައިގެން ގޮސް ކަނު އަނދިރީގައި ތުޅާދުއަށް އެރި އެ ރަށު މުހައްމަދު އިދްރީސް އެވެ. ތިރީގައި އެވަނީ ވަން އޮންލައިންގެ ނޫސްވެރިޔާ، އަލީ އަފާފް ރަމީޒް އަށް އިދްރީސް ދިން ހާއްސަ އިންޓަވިއު އެވެ. ވަން ގެ ނޫސްވެރިޔާ އިދްރީސް ގެ މި އިންޓަވިއު ނަގާފައި ވަނީ ތުޅާދޫގަ އެވެ.
ބ. އަތޮޅު ބޮޑުފިނޮޅުގައި ދިވެހީންތަކެއް ރަހީނުކުރި ބިރުވެރި ހާދިސާއަކީ ވޭތުވެދިޔަ ދެތިން ދުވަހު މުޅި ގައުމުގައި އިވެމުންދިޔަ އެންމެ ބިރުވެރި އަޑެވެ. ފަހުގެ ތާރީހެއްގައި ދިވެހީންގެ އަމިއްލަ ވަޒަނުގައި ދިވެހިންތަކެއް ބޭރުގެ ބަޔަކު ރަހީނުކޮށް، މިފަދަ ގޮތަކަށް ބިރުދެއްކި ނުރައްކާތެރި ހާދިސާއެއްގެ ދެކިފައެއް ނުވެއެވެ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް 13 ދިވެހިން ރަހީނުކޮށްގެން ފުލުހުންނާ ކުރިމަތިލައި، މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އެވެ. އެ 13 ދިވެހިންގެ ތެރޭގައި ހިމެނޭ އެކަކީ ބ. ތުޅާދޫ މުހައްމަދު އިދުރީސެވެ. ފުރާނަ އަތްމައްޗަށް ލައިގެން މޫދަށް ފުންމާލި އިދުރީސް ސަލާމަތްކަން ހޯދިގޮތް އޭނާ މިވަނީ ވަން އޮންލައިން އަށް ކިޔައިދީފައެވެ.
އިދުރީސަކީ ސީލް މޯލްޑިވްސްގެ ފަރާތުން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ އެރަށު ސައިޓް ސުޕަވައިޒަރެވެ. ތުޅާދޫއާ އެއް ފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި އިދުރީސް މަސައްކަތް ކުރި ނަމަވެސް އޭނާ ރަށަށް އަންނަނީ މަދު ފަހަރެއްގައެވެ. ގިނައިން އުޅެނީ އެރަށުގައި އެވެ. މި ބިރުވެރި ހާދިސާ ފެށިގެން އައިއިރުވެސް އިދުރީސް ހުރީ އެރަށުގައި އެވެ.
އިދުރީސް ބުނި ގޮތުގައި ހާދިސާ ހިނގަން މެދުވެރި ވީ ރިޒް ކުންފުނީގެ ފަރާތުން ބިދޭސީންނާއި ހަވާލުވެގެން ހުރި މީހާ އެމީހުން ދޫކޮށްލާފައި ދިޔަ ހިސާބުންނެވެ. އޭނާ ގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ބިދޭސީންނާއި ހަވާލުވެގެން އިސްކޮށްހުރި މީހާ ދިއުމުން ބިދޭސީންގެ ރުޅި ގަދަ ވެ، އެމީހުން ބަދަލު ހިފަން ނުކުތީ އެވެ.
"ރިޒް ކުންފުނީގެ ގެ ބައެއް މީހުން ތިބީ ތުޅާދޫގައި، އެމީހުންގެ ސާމާނުތަކާއި ލަގެޖްތައް ބަލައި އަނބުރާ ބޮޑުފިނޮޅަށް ދިޔަތަނުން ބިދޭސީން އެމީހުން އެކޮޅުގައި ހިފެހެއްޓީ، އެއީ މެންދުރެއްހާއިރު، އަށް ވަރަކަށް މީހުން ތިބި، އެމީހުން ހިފަހައްޓައިގެން، ސަލާމަތް ކުރަން ޕޮލިހުން ފުރަތަމަ އައީ، ފުލުހުންނަށް އެކަކު ސަލާމަތް ކުރެވުނީ، އަނެއް މީހުންނަކަށް ނާދެވުނު، އެހާ ހިސާބުން ތަނުގެ އެއްޗިއްސަށް ވަރަށް ބޮޑެތި ގެއްލުންދޭން ފެށި،" އިދުރީސް ބުންޏެވެ.
މިކަންތައްގަނޑު ފެށުނުއިރު އިދުރީސް ހުރީ ބޮޑުފިނޮޅު ވަޑާންގޭގަ އެވެ. އޭރު އޭނައާއެކު އިތުރު ހަތަރު ދިވެއްސަކު ވެސް ތިއްބެވެ. އިދްރީސް ބުނީ ވަޑާންގެ ސަރަހައްދުގައި ހުރިއިރު ރިޒް ކުންފުނީގެ ދިވެހިންތައް ހިފަހައްޓައިގެން އުޅޭ މަންޒަރު ފެނުނު ކަމަށެވެ. އޭގެ އިރުގަނޑެއް ފަހުން ފެނުނީ ފުލުހުން ގޮސް އެމީހުން ސަލާމް ކުރަން އުޅެ ނުގެންދެވިގެން އުޅުނު މަންޒަރު ކަމަށެވެ. ހަމަނުޖެހުން ފެށުނީ އެހާ ހިސާބުން ކަމަށް އިދުރީސް ބުންޏެވެ.
"ކަންތައްތައް ފެށުނު އިރު އަޅުގަނޑު ހުރީ ވަޑާންގެ ސަރަހައްދުގައި، އަޅުގަނޑަށް ފުރަތަމަ ފެނުނީ ރިޒް ކުންފުނީގެ ދިވެހިން ހިފަހައްޓައިގެން އުޅޭ މަންޒަރު، ދެން ޕޮލިހުން އައިސްވެސް އެމީހުން ނުގެންދެވިގެން އުޅުނު މަންޒަރު، ދެން އެމީހުން އައިތަނުން ހަމަނުޖެހުން ހިންގައި މުޅިތަން ސުންނާފަތި ކުރަން ފެށީމާ އަޅުގަނޑުމެން ފިލީ، އަޅުގަނޑާއެއްކޮށް އިތުރު ހަތަރު މީހުން ތިބި،" އިދުރީސް ބުންޏެވެ.
އިދުރީސް އާއެކު ތިބި ހަތަރު މީހުން ފިލާ ތިބީ އެރަށުގައި ހުރި ގެތަކެއް ކައިރީގައި އެވެ. ހާސްކަމާއި ބިރުވެރިކަން މަތީ ފިލާތިބި އިދުރީސްމެން އެސަރަހައްދުން ނުކުތީ ދިވެހިންނަށް އަނިޔާ ނުކުރާ ކަމުގެ އަޑުތައް އިވުމުންނެވެ. އޭރުގައި މޭގަނޑު ބާރަށް ތެޅެއެވެ. ފިލައި ތިބިތަނުން ނުކުތްތަނާ ބިދޭސީއަކު އައިސް އިދުރީސްމެންނަށް ވަޅިން ބިރުދައްކައި އެރަށުގައި ހުންނަ ސެކިއުރިޓީ ޕޯސްޓަށް ގެންދިޔައެވެ.
"އޭރު އަޅުގަނޑުމެން ތިބީ ފިލާ، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި، ވަރަށް ބޮޑު ހާސް ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ތިބީ، ފިލާ ތިބެފައި ދިވެހިންނަށް އެއްވެސް ހަމަލާއެއް ނާންނަ ކަމަށް ބުނުމުން ނުކުތީ ބޭރަށް، ނުކުތްތަނުން ވަޅި ހިފައިގެން އައިސް ހަމަ މިހާރު އަންނާށޭ ކިޔާފަ ބިރު ދެއްކީ، ދެން ގެންދިޔައީ ސެކިއުރިޓީ ޕޯސްޓަށް، ވާރޭ ވެހޭތީ އަޅުގަނޑުމެން ބައިތިއްބާފައި ތިބީ އެތާ އެތެރޭގައި،" އިދުރީސް ބުންޏެވެ.
އިދުރީސް ބުނި ގޮތުގައި ސެކިއުރިޓީ ޕޯސްޓްގައި އެމީހުން ބައި ތިއްބާފައި ތިބިއިރު، އެއްވެސް ވަރަކަށް ބިރުދައްކައި އަނިޔާއެއް ކޮށްފައެއް ނުވެއެވެ. އަދި އެދުމުން އެމީހުން އޭނާ ނަމާދަށް މިސްކިތަށް ދާންވެސް ފޮނުވި އެވެ. އެތާ ބެއިތިއްބުމަށްފަހު އެމީހުން ޑިމާންޑް ކުރީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަށް އޭނާ ގުޅައި މުސާރަ އަވަހަށް ދިނުމަށެވެ. ބިދޭސީން ރިޒާއަށް ގުޅުމުން ފޯނު ނަގާފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
އިދުރީސަށް ފިލަން މަޖުބޫރިވީ އޭނާ ސެކިއުރިޓީ ޕޯސްޓް ތެރޭގައި އިންދައި އިވުނު ވާހަކަ ތަނުންނެވެ. އޭނާ ބުނި ގޮތުގައި ބިދޭސީންނާ އޭނާއާ ޖައްސަން ދޮގު ވާހަކަތަކެއް މީހަކު ފަތުރައިގެން އުޅޭ ހަބަރު ލިބުނު ކަމަށެވެ. އަދި އޭނާ ގެންގުޅޭ ބިދޭސީންގެ ފަރާތުން ވެސް ހަމަލާ އަންނާނެ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
"ސެކިއުރިޓީ ޕޯސްޓްގައި ހުރިއިރު، އަޅުގަނޑަށް މައުލޫމާތު ލިބުނީ އަޅުގަނޑަށް ހަމަލާ އަންނާނެކަން، އަޅުގަނޑާ ބިދޭސީންނާ ދެމެދު ޖައްސަން ދޮގު ވާހަކަތަކެއް މީހަކު ފަތުރައިގެން އުޅޭ ހަބަރު ލިބުނު، އެހާ ހިސާބުން އަޅުގަނޑަށް އެނގިއްޖެ އަޅުގަނޑަށް ހަމަލާ އަންނާނެކަން. އަޅުގަނޑުގެ މުއައްޒަފުންގެ ފަރާތުންވެސް އަޅުގަނޑަށް ހަމަލާ އަންނާނެ ކަމުގެ މައުލޫމާތު ލިބުނު، ހުރިހާ އެންމެންވެސް ތިބީ ވަރަށް ބިރުވެރި ހާލުގައި، އެއްވެސް މީހަކު ފުރާނަ ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް،" އޭނާ ބުންޏެވެ.
އިދްރީސް ބުނި ގޮތުގައި މަޣްރިބް ނަމާދަށް ދިއުމަށް މިސްކިތަށް ފޮނުވުމުން ނަމާދުކޮށްގެން އެނބުރި އެކޮޅަށް ދާން ޖެހިލުންވި ކަމަށެވެ. އަދި ހިތު ތެރޭގައި އޭރު އޮތީ ކަންތައްތައް ގޯސްވެފައި އޮތް މިންވަރަށް ބަލާއިރު، މިތާ ހުއްޓަސް މަރުވެދާނެ ކަމަށާއި އަމިއްލައަށް ސަލާމަތް ހޯދުން ނޫން ގޮތެއް ނެތް ކަމަށެވެ. ނަމާދުކޮށް ނިންމައިގެން އޭނާ ވަގުތުން ގޮސް މޫދަށް ފުންމާލައި އެރަށުން ބޭރުވާން މަސައްކަތް ފެށީ އެނޫން ގޮތެއް ނެތީމައެވެ.
"ދެން އެހާ ހިސާބުން ފުންމާލީ މޫދަށް، ފޯނުވެސް ހިފައިގެން ފުންމާލީ މޫދަށް، މޫދަށް ފުންމާލާފައި ކުޑަ ތަންކޮޅަކަށް ދެވުނުތަނާ މީހުންތައް އަޅުގަނޑާ ދިމާއަށް އަންނަތަން ފެނިއްޖެ، ބާރަށް ފަތައިގަންނަން ހަދައިގެން އަޅުގަނޑުގެ ފޯނާއި ހުރިިހާ އެއްޗެއް މޫދަށް ދޫކޮށްލަން ޖެހުނު، ފެތުނު އެންމެ ބާރަކަށް ފަތައި ސަލާމަތްވާން މަސައްކަތް ކުރީ،" އޭނާ ބުންޏެވެ.
އިދުރީސް ބުނި ގޮތުގައި އޭނާ މޫދަށް ފުންމާލީ ރޭގަނޑު ހަތެއް ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ. އޮއިވަރު ގަދަ ކަމުން ތުޅާދޫއާ ހަމަޔަށް އޭނާއަށް އާދެވުނީ ހަތަރު ގަޑިއެއްހާއިރު ފަހުންނެވެ. އޭނާއަށް އާދެވުނު އިރު އެރޭ 11 ޖަހަން ކައިރިވެއްޖެ އެވެ.
"އަޅުގަނޑު އެމީހުންނަށް އަތުނުވާނޭހެން ދިޔައީ ބޮޑު ފިނޮޅު މުއްޔާ ދިމާލަށް، ބައްތިއަށް، އަޅުގަނޑު ފުންމާލިއިރު ގާތްގަނޑަކަށް 7 ޖަހަނީ، ދެން މައި ތޮއްޓާ ހަމަޔަށް ފައިޖެހޭ ހިސާބަށް ދެވުނީމާ އަޅުގަނޑު އައީ ފަރުމަތިންލާފަ ތުޅާދޫއާ ދިމާއަށް، އައިސް ތުޅާދޫއާ ކައިރިވެފަ ހުއްޓަ ސައިކަލު ތަކާއެއްޗެހި ދުއްވާތަން ފެނޭ އަޅުގަނޑު ދެން ހަޅޭލަވަން ފެށީ، ހަޅޭލަވަން ފެށީމަ އެއީ އަޅުގަނޑުކަން އެމީހުންނަށް ކޮންމެވެސް ވަރަކަށް އެނގިއްޖެ، ދެން ކުޑަވެސް ހިންހަމަ ޖެހުމެއް ލިބުނީ، އޭގެ ފަހުން ޑިންގީއެއް އައިސް އަޅުގަނޑު ނެގީ، އޭރު ތުޅާދޫއާ އަޅުގަނޑާ ދެމެދު ހުންނާނީ 100 ވަރަކަށް ފޫޓް،" އިދުރީސް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޮޑުފިނޮޅުން ތުޅާދޫއަށް އަންނަން އެހާ ގިނައިރު ނެގީ ބިދޭސީންނަށް އަތުނުވާނޭހޭން ދުރުން އަންނަން ޖެހުނީމަ ކަމަށެވެ. ތޮށިމަތިން ހިނގާފައި އައުމުން އޭނާގެ ފައިގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވެސް ހުއްޓެވެ. ނަމަވެސް އޭނާއަށް މާބޮޑު އަނިޔާއެއް ނުވެއެވެ.
އިދުރީސް ބުނި ގޮތުގައި ބިދޭސީންނާ ހަވާލުވެގެން ހުރި މީހާ ފިލުމުން އެމީހުން ފުރަތަމަ ރާވާފައި އޮތީ އެދުވަހު ހަމަނުޖެހުން ނުހިންގައި މާދަމާ ހިންގަން ކަމަށެވެ. ނަމަވެސް އަވަސް ވީ ކަންތައް ދިމާވި ގޮތުންނެވެ. އެމީހުން އޮތީ އިއްޔެ އިރުއޮއްސުމުގެ ކުރިން މުސާރައިގެ ކަންތައްތައް ހަމަ ނުޖެހިއްޖެނަމަ ހުރިހާ ތަނެއްގައި ހުޅުޖަހަންވެސް ނިންމާފައި ކަމަށްވެސް އިދްރީސް ބުންޏެވެ.
ބޮޑުފިނޮޅުގައި ހިނގި މި ނުރައްކާތެެރި ހާދިސާގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގެ ދަށުން ބާކީ ތިބި 12 ދިވެހިންވެސް ސަލާމަތް ކުރި އެވެ. އަދި އެކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި 19 މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އިދުރީސްގެ އިތުރުން ރަހީނުކުރި އެހެން އެންމެންގެ ހާލުވެސް ރަނގަޅެވެ.
އިންޓަވިއު
އިންޓަވިއު
އިންޓަވިއު
އިންޓަވިއު