ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ މަގުސަދު ހާސިލުކުރުމަށް މުވައްޒަފުން ވައްދާ ވާހަކައަކީ ބާ ވާހަކައެކެވެ. އެކަން ނުކުރާ ކުންފުންޏެއް ނެތެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައިވެސް މީގެ ކުރީން އެކަން އޮތެވެ. ނަމަވެސް އެ ކުންފުނީގެ އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްގެ ކަންބޮޑުވުމަކީ ސިޔާސީ މަގުސަދަށް އޭރު ވައްދާފައި ތިބި މުވައްޒަފުންގެ އަދަދު އިތުރުވެ، ކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑުބައެއް އެކަމަށް ހަރަދުކުރަން ޖެހުމެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޯޕަރޭޓް ގަވަނެންސްގައި ބެސްޓް ޕްރެކްޓިސްގައި ކުންފުންޏަކުން މުވައްޒަފުންނަށް ހަރަދު ކުރަންޖެހޭނީ އެ ކުންފުންޏަށް ލިބޭ އާމްދަނީގެ 30-40 ޕަސެންޓާ ހަމައަށެވެ.
"މި ކުންފުނީގައި (އެމްޕީއެލް)ގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެބަހުރި އާންމު ގޮތެއްގައި 55 ޕަސެންޓުން މަތީގައި އުޅެނީ. ބައެއް ފަހަރު އެބަހުރި 60 ޕަސެންޓަށްވުރެ އިތުރަށް ޕޭރޯލަށް ހަރަދުކޮށްފައި. ޕޭރޯލަށް އެވަރު ހަރަދު ކުރެވުނީމާ ދެންވާނެ ގޮތަކީ އެހެން ކަންކަމަށް ފައިސާއެއް ނުހުންނާނެ،" ވަޖީހު "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފުންނަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް އިތުރުވީ ކުންފުނީގެ ބޭނުމަށް ނުބަލައި، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެއްވެސް ބެލުމެއް ނެތި މުވައްޒަފުންތަކެއް ވެއްދުމުންނެވެ. އަދި ވަކި މަގުސަދެއް ހާސިލުކުރުމަށް ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީ، ބޮޑެތި މުސާރަތަކެއް ދީފައި ހުރިކަންވެސް ފާހަގަކުރެއްވިއެވެ.
"ސިޔާސީ ހަރަކާތްތަކަކީ ރާއްޖޭގައި ގިނަ އޮފީސްތަކުގައި ހިނގާ ހަރަކާތްތަކެއް. އެމްޕީއެލްގައިވެސް އެކަންކަން އޮންނާނެ. އަޅުގަނޑަށް ފާހަގަކުރެވުނު މިދިޔަ ސަރުކާރުގައި އެކަންކަން އެހެން ސަރުކާރުތަކާ އަޅައިބަލާއިރު ވަރަށް ބޮޑަށް ގޮސްފައި ހުރީ. އޭގެ އެއް ނަތީޖާއަކީ އެއްވެސް ބެލުމެއްނެތި އާދަޔާ ހިލާފު ގިނައިން އެ ބޭނުންވާ ބަޔަކު މިތަނަށް ވެއްދުން. ހަމަ އެއާއެކު އެ މީހުންނަށް ޕްރޮމޯޝަން ދީ، އެކަންތައްތަކެއް ކުރުން. އަދި ސިޔާސީ ގޮތުން އެ މީހުން ރުހޭ ބަޔަކާ އިތުރު އިނާޔަތްތަކެއްވެސް ދީފަ އެބަހުރި. މިސާލަކަށް ރާއްޖޭން ބޭރު ޓްރެއިނިންތަކަށާއި ވޯކްޝޮޕްތަކަށާއި ތަންތަނަށް ފޮނުވާފައި ސިޔާސީ ކަންތައްތަކެއްގެ ގޮތުގައި ކުންފުނި ބޭނުންކޮށްފައި އެބަހުރި،" ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޕީއެލްގެ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދަންޖެހެއެވެ. މަސައްކަތް ކުރެވިއްޖެ ނަމަ، އާމްދަނީ ލިބޭނެ ވަރަށް ގިނަ މަގުތަކެއްވެސް އެބަ ހުއްޓެވެ. ސީނިއާ މެނޭޖުމަންޓާ ވާހަކަދެއްކި އެކަން ދެނެގަނެވިފައިވާ އިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު