ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭ ފުޓުބޯޅައިގެ އެންމެ ބޮޑު ބްރޭންޑެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދައި، ޔޫރަޕް ފަތަހަކޮށް، މިވަގުތު ރޮނާލްޑޯ ކުޅެމުން ދަނީ ސައުދީ އަރަބިއާ ލީގުގެ އަލް ނަސްރަށެވެ. ރޮނާލްޑޯއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ މުސާރަ ބޮޑު، އެންމެ މުއްސަނދި އެއް އެތުލީޓެވެ. ފެބްރުއަރީ ފަސްވަނަ ދުވަހަކީ ރޮނާލްޑޯގެ އުފަން ދުވަސް ކަމަށްވީ އިރު، އެންމެފަހުން ސައުދީގައި އޭނާ ފާހަގަކުރީ 38 ވަނަ އުފަން ދުވަހެވެ. އެދުވަހުގެ ހާއްސަ އުފާފާޅުކުރުންތައް ރޮނާލްޑޯ، އާއިލާއާއި ރައްޓެހިންނާއެކު ސައުދީގައި ކުރިއަށް ގެންގޮސްފައި ވަނީ ސަހަރާތަކުގެ ހިތްގައިމުކަމާއެކުގައެވެ.
ރޮނާލްޑޯގެ އެ އުފާފާޅުކުރުންތަކުގެ ބައެއް ފޮޓޯތައް ފޭސްބުކްގައިވެސް ހިއްސާކޮށްފައިވާ އިރު، ހާއްސަ ކެއުމަކަށް ދިޔަކަން އެނގެއެވެ. އެ ކެއުމަކީ ހަނަފަސް ސަހަރާގެ ހާއްސަ ލަގްޒަރީ ރެސްޓޯރެންޓެއްގެ ކެޔުމެއްކަންވެސް ފޮޓޯއިން އެނގެއެވެ. އެފޮޓޯތަކުން ދިވެހީންނަށް ހާއްސަވި ކަމެއް އެބައޮތެވެ. އެއީ ރޮނާލްޑޯއަށް އުފަންދުވަހުގެ ހާއްސަ ކެއުން ކެއްކުމުގައި ހަރަކާތްތެރިވި ޝެފެއްގެ ސަބަބުންނެވެ. ކ. ހުރައަށް އުފަން، އުމުރުން 29 އަހަރުގެ އަލީ ޒިޔާންގެ ވާހަކަ ތަފާތުވީ ރޮނާލްޑޯގެ އުފަން ދުވަހު އޭނާއަށް ކައްކައިދިން ދިވެހި ޝެފެއްގެ ގޮތުގައެވެ.
"އޯސީސް އަކީ ޕްރައިވެޓް ވިލާތަކާއެކު ލަކްޒަރީ ދިރިއުޅުން އުޅޭ ހިސާބެއް. ރޮނާލްޑޯ ޑިނާ ބޭއްވީ އެތަނުގެ ޑެސާޓް ރެސްޓޯރެންޓެއްގައި. އެއީ ސަހަރާ ތެރޭގައި ބޭއްވި ހާއްސަ އިވެންޓެއް. އެތަނަށް ރޮނާލްޑޯއާއެކު އާއިލާ އައީވެސް ކޮޑް ބައިކްތަކުގައި. ރޮނާލްޑޯގެ އުފަން ދުވަހުގެ ކެއުން ތައްޔާރުކުރަން ފުރުސަތު މި ލިބުނީ ތިން ޝެފުންނަށް. އެއީ އަޅުގަނޑާއި އަރަބި ދެ ޝެފުންނަށް. ސާވްކުރީވެސް އަހަރެމެން ތިން ޝެފުން ވެގެން. ހަމަ ގޮސް ގްރީޓް ކޮށްލައި، ރޮނާލްޑޯއާ ކުޑަކޮށް ވާހަކަވެސް ދައްކާލެވުނު،" ސައުދީގެ އަލްމާނިއާ މީޑިއާ އެންޑް އެޑްވަޓައިސިން ކޮމްޕެނީގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒިޔާން ސައުދީގައި ހުރެ "ވަން" އޮންލައިނަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"ސުޝީއަކީ ރޮނާލްޑޯއަށް މާ ކަމުދާ އެއްޗެއް. ސާވްކުރި އެއް ކޯސްއަކީ ސުޝީ. އެ ސުޝީ ތައްޔާރުކުރީ އަޅުގަނޑު. އޭނާއަށް ވަރަށް ކަމުދިޔަ. މިއީ ސައުދީގައި ކުރެވުނު އެންމެ ތަފާތު ތަޖުރިބާ، އަދި މިއީ ކެރިއަރުގައިވެސް އެންމެ ފަހުރުވެރިވި އެއް ވަގުތުކޮޅު. ދިވެއްސަކަށްވެ ހުރެ، ރޮނާލްޑޯ ކަހަލަ ކުޅުންތެރިޔަކަށް އުފަން ދުވަހު ކައްކާލަން ލިބުމަކީ ފަހުރުވެރި ކަމެއް،" މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ސައުދީގެ ވަޒީފާއަށް ބަދަލުވި ޒިޔާން އިތުރަށް ބުންޏެވެ.
ޒިޔާން ޝެފަކަށްވެ ދާއިރާއަށް ނުކުތީ 2014 ވަނަ އަހަރު ފޯ ސީޒަން އެޕެރެންޓިސް ޕްރޮގްރާމުގެ ދަށުންނެވެ. އޭރު ސްރީ ލަންކާގައި ކިޔަވަން ހުރެ، އެ ޕްރޮގްރާމަށް ބަދަލުވެ، ޒިޔާން ވަނީ ކެއްކުމުގެ ދާއިރާއަށް ޕްރޮފެޝަނަލް ފެންވަރުގައި ނުކުމެފައެވެ. ފޯ ސީޒަންސް ރެސޯޓުގެ އިތުރުން ސިކްސެންސަސް ލާމު ރިސޯޓުގައިވެސް ޒިޔާން މަސައްކަތް ކޮށްފައިވާ އިރު، އޭގެ ފަހުން ކްލަބު މެޑްގައިވެސް ޒިޔާން މަސައްކަތް ކުރިއެވެ.
ކެރިއަރުގައި އަބަދުވެސް ރާއްޖެއިން ބޭރުގެ ފުރުސަތަކަށް ޒިޔާން އިންތިޒާރުކުރިއެވެ. އެ އިންތިޒާރަށް ނިމުން އައިސް، ސައުދީއަށް މިދިޔަ އަހަރު ގޮސް، ރޮނާލްޑޯއަށް ކެއްކުމާއެކު އެ ހާސިލުވީ ފުޓުބޯޅައިގެ އައިޑަލްއަކަށް ކައްކައިދިނުމުގެ ހުވަފެނެވެ. ޒިޔާނަކީ އަބަދުވެސް ފުޓުބޯޅައަށް ހާއްސަ ޝައުގެއް ހުންނަ ޝެފަކެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓްކޮށް، މިހާރު ޕީއެސްޖީއަށް ޒިޔާން ސަޕޯޓް ކުރަމުން އަންނަ ނަމަވެސް، އަބަދުވެސް އައިޑަލްއަކީ ހަމަ ރޮނާލްޑޯއެވެ.
"އަޅުގަނޑު މަސައްކަތްކުރާ އަލަމިއާ މީޑިއާ ކޮމްޕެނީއަކީ މިކޮޅުގެ ވަރަށް ބޮޑެތި އިވެންޓްތަކުގައި މަސައްކަތް ކުރާ ކޮމްޕެނީއެއް. އެ ކޮމްޕެނީއާ ރޮނާލްޑޯއާ އޮންނަ ގުޅުމެއްގެ ސަބަބުން އޭނާގެ އުފަން ދުވަހަށް ހާއްސަ ކޭޓަރިންނެއް މި ބޭއްވީ. ރާއްޖެއިން ބޭރުގައި މަސައްކަތް ކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް، އެ ހުވަފެން ހާސިލުވީވެސް ދިވެއްސެއްގެ ފުރުސަތަކުން. މިވަގުތު އޭނާ ސައުދީގައި ނުވެސް ނެތް، އެއީ ދެން ދެރަވި ތަންކޮޅެއް. ފުޓުބޯޅައަށް އަޅުގަނޑު އިންތިހާއަށް ލޯބިކޮށް އައިޑަލްއަށް ކައްކަން މި ލިބުނީ،" އިންޓަނޭޝަނަލް ކުޒީނަށް ހާއްސަ ޒިޔާން ބުންޏެވެ.
ޒިޔާންގެ ނަޒަރުގައި ރޮނާލްޑޯއަކީ އާއިލީ ވަގުތުގައި ފޮޓޯ ނެގުމާ ދުރު، އަމިއްލަ ޕްރައިވެސީއަށް ސަމާލުކަން ދޭ ކުޅުންތެރިއެކެވެ. "ސެލްފީއެއް ނުނެގުނީވެސް އެހެންވެ،" ކަމަށް ޒިޔާން ބުންޏެވެ. އޭގެ އިތުރުން ޒިޔާންގެ ނަޒަރުގައި ރޮނާލްޑޯއަކީ ހިތްތިރި ކުޅުންތެރިއެކެވެ. ދެކެވުނު ވާހަކައިގައި ރޮނާލްޑޯ ކުރި އިހުތިރާމުން ޒިޔާން އެކަން ޔަގީންކުރިއެވެ.
"ފެނުނީމަ ވަރަށް އިހުތިރާމާއެކު ހީނލާފައި ރޮނާލްޑޯވެސް ވާހަކަ ދައްކާލި." ޒިޔާން ބުންޏެވެ. ޒިޔާން މީގެ ކުރިން ރާއްޖޭގައިވެސް ކުޅުންތެރިންނާއި މަޝްހޫރު ޝަހުސިއްޔަތުތަކަށް ކައްކާފައިވީ ނަމަވެސް، މިއީ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއްގެ ކުރިމައްޗަށް ނުކުމެ ސާވް ކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ބުނެފައިވެއެވެ. ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް ސާވް ކޮށްލެވުނު ދިވެއްސެއްގެ ފަހުރާއެކު ޒިޔާންގެ ކެރިއަރު އޮތީ ކުރިއަށެވެ.