ޖިންސީގޯނާ ފަދަ ކުށުގައި އަންހެނުންނައި ކުޑަކުދިން ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމަށް އޮތް ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވިދާޅުވެ، ޖިންސީ އަނިޔާއާ ދެކޮޅަށް މުޒާހަރާކުރާ ބައިވެރިންނަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހިތްވަރު ދެއްވައިފިއެވެ.
ރާއްޖޭގައި ރޭޕްގެ މައްސަލަތައް އިތުރުވުމާއި ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އިންސާފު ނުލިބި ހިނގައިދާނެ ކަމަށް ބުނެ ކުރަމުން އަންނަ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އެއްގައި ވިދާޅުވީ، މުޒާހަރާ ކުރާ މީހުންގެ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ޖިންސީގޯނާ ފަދަ ކުށުގައި އަންހެނުންނައި ކުޑަކުދިން ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމަށް އޮތް ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއްވާތީ، އެ މައްސަލައަށް އަވަސް އިސްލާހުތަކެއް އަންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ރިފޯމް ކުރުން ކޮންމެހެން ވެސް މުހިންމު. އަދި އެކަން އަވަސް ވެސް ވާންޖެހޭ. އިޖްތިމާއީ އިސްލާހުން ފެށިގެން ތަހުގީގުކުރުމާއި ދައުވާ ކުރުމާ ހަމައަށް ހުރި ހުރިހާ ކަމެއް އިސްލާހުވާންޖެހޭ. އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ އެކުގަ،" މިނިސްޓަރު ވިދާޅުވިއެވެ.
ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖެންޑަ މިނިސްޓްރީ ކައިރީގައާއި ރައީސް އޮފީސް ކައިރީގައި އަޑު އުފުލައި މުޒާހަރާ ކުރަމުން އަންނަނީ ވޮއިސް އޮފް ޗިލްރަން ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާއިން ވަނީ މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި މުޒާހަރާކޮށްފައެވެ.
އެ މުޒާހަރާތަކުގައި ބައިވެރިން ދަނީ ޖިންސީ ގޯނާގެ މައްސަލަތަކަށް ސަރުކާރުން ގެންގުޅޭނެ ކަމަށް ބުނާ ޒީރޯ ޓޮލަރެންސް ކޮބައިތޯ އާއި ނުފޫޒު ބޭނުންކޮށްގެން، އެފަދަ ކަންކަމުން ސަލާމަތް ވިޔަ ނުދީ އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ. މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ބައިވެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު