"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ޒުވާން އަންހެނަކު ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކޮށް، އެޕިލެޕްސީ ބައްޔާ ގުޅިގެން އޭނާ ތަހައްމަލު ކުރަމުންދާ ބޮޑެތި ދަތިތަކާއި ސިއްހީ ނިޒާމުގެ ތެރެއިން ކުރިމަތިވި އިހުމާލުގެ ވާހަކަތައް މިއަދު ހިއްސާކޮށްފިއެވެ.
އެ ޒުވާނާ ކިޔައިދިން ގޮތުގައި 2011 ވަނަ އަހަރު ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް އަލީ ނާޒިމާއި އެކުވެރިންތަކެއް ނިޔާވުމާ ގުޅިގެން ލިބުނު ޝޮކާއެކު ފިޓު ޖެހެން ފެށިއެވެ. އޭރު ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުންދިޔަ އިރު، އޭނާ އެ ހިސާބުން ސްޓްރެޗަރުގައި އިންޑިއާއަށް ގެންގޮސް ފަރުވާ ހޯދަމުން ދިޔައީ ބަލީގެ ބާވަތް ނޭނގި، "އަންނޯން އެޕިލެޕްސީ"އެއް ގޮތުގައެވެ.
ކޮވިޑަށް ފަހު 2020 ވަނަ އަހަރު ޑެންގޫ ޖެހި ހާލު ބޮޑުވިއެވެ. އޭރު ހުޅުމާލޭގައި ދިރިއުޅެމުން ދިޔައިރު ހުޅުމާލެ ހޮސްޕިޓަލުގައި ނިއުރޮލޮޖިސްޓެއް ނެތުމުން ކޮންމެ ފަހަރަކު އައިޖީއެމްއެޗް ނުވަތަ އޭޑީކޭއަށް ބަދަލުކުރަން ޖެހުނެވެ. އައިޖީއެމްއެޗް އައިސީޔޫގައި އެނދެއް ނެތިގެން އޭޑީކޭއަށް ގެންދިޔަ އިރު، އެ ތަނުންވެސް އެނދެއް ހަމައެއް ނުޖެހުނެވެ. އެންމެ ފަހުން އައިޖީއެމްއެޗްގައި ބޮޑެތި ބަލީގެ މީހުން ބައިތިއްބާ ތަނެއްގައި ބާއްވައިގެން ފިޒީޝިއަނެއް ލައްވައި ބެލީ ކަމަށް އޭނާ ބުނެފައިވެއެވެ.
ތަކުރާރުކޮށް ފިޓު ޖެހެމުން ދިޔައިރުވެސް އައިސީޔޫ އެނދެއް ހަމަޖައްސައިނުދިންކަން ފާހަގަކޮށް އޭނާ ބުނި ގޮތުގައި ޑިޕާޓްމަންޓު ބަންދު ކަމަށްބުނެ އެމްއާރުއައި ހައްދައިދޭކަށްވެސް ހޮސްޕިޓަލުން އެއްބަހެއް ނުވިއެވެ. ޑިސްޗާޖް ކުރަން އެދުމުންވެސް ޒިންމާ ނުނަގާނެ ކަމަށްބުނެ "ޑިސްޗާޖް އޮން ރިކުއެސްޓް"ގައި ސޮއިކުރަން ވެސް ހޮސްޕިޓަލުން އެންގި ކަމަށް އެ ޒުވާނާ ބުނެފައިވެއެވެ.
ޒުވާނާ ބުނި ގޮތުގައި އެ ހާލަތުގައި ރާއްޖެއިން ބޭރަށް ގޮސް އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލަށް ދެއްކުމުން އެނގުނީ ހަށިގަނޑަށާއި އުމުރާ ނުގުޅޭ މިންވަރަށް ބޭސްދީ އޯވަޑޯޒް ވެފައި ހުރި ކަމެވެ. އެހެނަސް ބަލީގެ ބާވަތް އޭރުވެސް ޔަގީނެއް ނުވެއެވެ. ފަހުން ރައްޔިތުންގެ އެހީތެރިކަމާއެކު ބެންކޮކަށް ގޮސް ޓެސްޓުތައް ހެދި ނަމަވެސް، އާސަންދަ ނުލިބުނީ ޝަރުތު ހަމަނުވާ ކަމަށް ބުނެއެވެ. ބެންކޮކް ހޮސްޕިޓަލުން ޓެސްޓު ހެދިތާ ދެ ގަޑިއިރު ނުވަނީސް އައިސް، "ފްރަންޓަލް ލޯބް އެޕިލެޕްސީ" ދެ ފަރާތަށް ފެތުރިފައިވާ ކަމާއި މާ ލަސްވެފައި ހުރި ކަމަށް ޑޮކްޓަރު ފާހަގަކުރި ކަމަށް އެ ޒުވާނާ ބުންޏެވެ.
މިހާރު ފްރަންޓަލް ލޯބް އެޕިލެޕްސީއަށް މަތީ ޑޯޒެއްގެ ބޭސް ކައިގެން ބަލި ކޮންޓްރޯލްކޮށްގެން އުޅޭ އިރު، އޭނާއަކީ މިހާރު މާބަނޑު މީހެކެވެ. "ކޮމްޕްލިކޭޓެޑް ޕްރެގްނެންސީ" އެއްގައި އެޕިލެޕްސީ ބޭހާއެކު ގާތުން މޮނިޓާކުރަން ޖެހޭ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ. ކޮންމެ ހަ މަހަކުން ބެންކޮކަށް ދާން ޖެހެނީ، ކޮންމެ ފަހަރަކު ލޯނު ނަގައިގެން ކަމަށާއި ބީއެމްއެލްގެ އެއް ލައްކައިގެ ލޯނަކާއި އެމްއައިބީގެ ހަތަރު ލައްކައިގެ ލޯނެއް، ޖުމްލަ ފަސް ލައްކައިގެ ދަރަންޏެއް ބޮލުގައި އެބައޮތް ކަމަށް އެ ޒުވާނާ ބުނެފައިވެއެވެ.
ބޯހިޔާވަހިކަމުގެ ދަތިތަކުގެ ވާހަކަތައް ހިއްސާކުރަމުން އެ ޒުވާނާ ބުނި ގޮތުގައި 18 އަހަރު ނުފުރޭ ތިން ކުދިންނާއެކު ދިރިއުޅެމުން ދިޔައީ 10 ފޫޓު 10 ފޫޓުގެ ކޮޓަރިއެއްގައެވެ. ފްލެޓަށް ހުށަހެޅުމުން ދެ ފަހަރުވެސް ޖަވާބު ލިބުނު ނަމަވެސް، ފައިނަލް ލިސްޓުން ނަން އުނިވީއެވެ. ރައީސްއާ ބައްދަލުކުރަން ދާ ވާހަކަ ދެ ދަރިން ކައިރީ ބުނުމުން، "މައިރާ އާއި ކައިރީއަށް ފްލެޓެއް ދޭށޭ ރައީސް ކައިރީ ބުނެދެއްޗޭ" އެދުނު ކަމަށް އެ ޒުވާނާ ބުންޏެވެ.
ޒުވާނާ ހުށަހެޅި ޝަކުވާތަކާ ގުޅިގެން ރައީސް ވިދާޅުވީ އެކަންކަން ހިނގައިދިޔަ ގޮތް ބައްލަވާނެ ކަމަށެވެ.
ކޮމެންޓް