ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސި މައްސަލައިގައި ހައްޔަރުުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ދައުވާކުރުމަށް ފޮނުވުމަށްފަހު، އެކަކު ފިޔަވައި އެހެން މީހުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ، ފުލުހުން މީހާގެ ގައިގައި ސައިކަލުން ޖެއްސި ދެ މީހުންނާއި އެ މީހުންނާއެކު އެހެން ސައިކަލެއްގައި އައި ދެ މީހުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުން:
- ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އަބްދުﷲ ސައްމާހް ހަސަން، 20 އ
- ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު، 21އ
- ކ. ގާފަރު، މަލަ، އަހުމަދު ޝިނާޒު، 30އ
- ސ. ހިތަދޫ، ފެނީވާ، އަހުމަދު މާއިޝް މުހައްމަދު، 21އ
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަތުރުތަކާއެކު ސައްމާހް ފިޔަވައި އެހެން އެންމެން ދޫކޮށްލައިފައެވެ. އެއީ، އެ މައްސަލަ މިހާރު ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވުމާއި، ސައްމާހް ފިޔަވައި ދެން ބަންދުގައި ތިބި މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ފެންނާތީ ކަމަށް އަމުރުގައިވެއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެ އެންމެންގެ މައްޗަށްވެސް ފުލުހުން ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ސައްމާހް އަކީ ފުލުހެއްގެ ގައިގައި ޖެއްސި ސައިކަލު ދުއްވަން އިން މީހާއެވެ. އޭނާ ވަނީ އެކަމަށް ކޯޓުގައި އެއްބަސްވެފައެވެ.
ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި އެ ހާދިސާގައި ފުލުސް މީހާގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދިފައިވާ ކަމަށެވެ.
އަލީ ޔާމިން
ކޮމެންޓް