މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެއާ ކޮލިޓީ އިންޑެކްސްގައި މާލޭގެ ވައިގެ ހާލަތު މިއަދު 163 ގައި ހުރި އިރު، މިއަދު ރާއްޖޭގައި ވައި އެންމެ ތަގައްޔަރުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ކަމަށް ރެކޯޑުތަކުން ދައްކައެވެ. އެ ރަށުގެ ވައިގެ ކޮލިޓީ 168 ގައި ހުރި ކަމަށް ސިސްޓަމުން ދައްކައެވެ. މީގެ އިތުރުން ށ. ފުނަދޫގައި ވައިގެ ކޮލިޓީ ހުރީ 157 ގައެވެ.

މި އިންޑެކްސް 150 އިން މައްޗަށް ދިއުމަކީ އެންމެންނަށް ވެސް ސިއްހީ ނުރައްކާ ބޮޑުވާ ފެންވަރެކެވެ. 100 އާއި 150 އާ ދެމެދު ނަމަ ހާއްސަކޮށް ހައި ރިސްކު ފަރާތްތަކަށް ނުރައްކާ ބޮޑުވާ އިރު، 50 އިން މައްޗަށް ދިއުމުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ލާޒިމުވެއެވެ.

އެޗްޕީއޭއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ 150 އަށްވުރެ މައްޗަށް ގޮސްފައިވާ ސިޓީތަކާއި ރަށްރަށުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލަން އިލްތިމާސްކުރާ ކަމަށެވެ. އަދި ބޭރަށް ނުކުންނައިރު އެން95 މާސްކް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެއާޕިއުރިފައި ބޭނުންކުރުމަށާއި ގޭގެ ކުޑަދޮރުތައްވެސް ނުސާފު ވައި ނުވަންނާނެހެން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހު ވެސް ރާއްޖޭގެ އުތުރަށް ނުރައްކާ މިންވަރަށް ވަނީ ވައި ނުސާފުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރި އިރު، ފުނަދޫގައި ވައިގެ ކޮލިޓީ ހުރީ 162 ގައެވެ. އަދި މާލޭ ސަރަހައްދުގައި އޭރުގެ ވައިގެ ކޮލިޓީ ހުރީ 102 ގައެވެ.