ދޮށީ އުމުރުގެ ރައްޔިތުންނަށް ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ދޮށީ އުމުރުގެ މީހަކު ވަނީ މި ކަންބޮޑުވުން ރައީސްއާ ހިއްސާކުރައްވައިފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ލުއި ލޯނު ލިބޭ ގޮތް ރަނގަޅުކޮށްފައިވީ ނަމަވެސް، މުސްކުޅި އުމުރުގެ މީހުންނަށް ލޯނު ނުލިބޭ މައްސަލައަކީ ބޮޑު ކަންބޮޑުވުމެކެވެ.

ގެދޮރު ހެދުމަށް ލޯނު ބޭނުންވި ނަމަވެސް، އެ ފުރުސަތު ނެތް ކަމަށާއި ދަރިންގެ ނަމުގައި ނެގުމުގެ ގޮތެއް ވެސް ނެތީ، އެމީހުން ކިޔެވުމުގެ ލޯނާއި އެ ނޫންވެސް ދަރަނިތައް ދައްކަމުންދާތީ ކަމަށް އޭނާ ބުންޏެވެ.

މި ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކުރިން ރާއްޖޭގެ އެވްރެޖް އުމުރު ކުޑަ ނަމަވެސް މިހާރު 80 އާ ގާތް ހިސާބެއްގައި ހުރި ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ 60 އަހަރުގެ ލިމިޓަކީ ރަނގަޅު އުމުރެއް ކަމަށް ދެކެވަޑައިނުގަންނަވާތީ، 65 އަހަރު ނުވަތަ އެއަށް ވުރެވެސް މައްޗަށް އެ ލިމިޓް ބަދަލުކޮށްދިނުމަށް ބެންކާއި ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދިފައި އޮންނާނީ 65 އަހަރާ ހަމައަށް ނޫނިއްޔާ އެއަށްވުރެ ވެސް މައްޗަށް އޭޖް ލިމިޓް" ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް އަންނާނެ ކަމަށާއި، މިހާރު ވެސް ބައެއް ބަދަލުތައް ގެނެސްފައި ހުރެދާނެ ކަމަށް ލަފާކުރެއްވޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ހައްލެއް ގެނެސްދެއްވާނެ ކަމުގެ އުންމީދު ރައީސް ވަނީ ދެއްވައިފައެވެ.