ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި ގިނަ އަދަދެއްގެ ފުލުހުންނަށް އަނިޔާވި ކަމަށް ފުލުހުން ބުނެފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވެފައި ވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ. އަދި އެ ރުޅިވެރިކަމުގައި އިހްތިޖާޖުކޮށް، އެރަށުގައި ތިބި 12 ދިވެހިން ވެސް ވަނީ ރަހީނުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެ މީހުން ދިއުމުން ފުލުހުންނާ ދިމާއަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުފިނޮޅަށް ރޭ ފަތިހު ގޮސްފައިވަނީ ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުން ކަމަށް ފުލުހުން ބުނެއެވެ. މި ޓީމުން ގޮސް އެރަށުގައި ތިބި ދިވެހިން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން ބުނީ، ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓުގެ ފުލުހުންނާއި ފުލުހުންގެ ތަހުގީގު ޓީމު ބޮޑުފިނޮޅަށް ދިޔަފަހުން އެރަށުގައި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކޮށް، އެރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވި 19 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު އަންނަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުންނެވެ. އަދި އެ މައްސަލަތައް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.