ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު ބަލިވެ އިން މައްސަލައާއި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވަނީ ވަން އަށް އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
މީގެ އިތުރުން މިތަނުން އެއް މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމަށާއި، އެމީހާ ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކުރެއެވެ. މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރެވޭ މައްސަލައެއްގައި މީހަކު ދޫކޮށް ނުލެވޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
18 އަހަރުން ދަށުގެ ދެ ކުއްޖަކު ބަލިވެ އިން ވާހަކަ އާއި އެ ދެ މައްސަލަވެސް ރޭޕް މައްސަލައިގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވަނީ މި ހަފުތާގެ ތެރޭގަ އެވެ. އެ ދެ ހާދިސާވެސް ހިނގާފައި ވަނީ މެދުރާއްޖެތެރޭގެ ދެ އަތޮޅެއްގަ އެވެ.
މީގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖާ ބަލިވެ އިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަންގާރަ ދުވަހު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަޒަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އެ މައްސަލަ ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކްރައިމް އަގައިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ތަހުގީގު ޓީމަކާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
އަނެއް ކުއްޖާ ބަލިވެ އިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖެންޑާއިންނެވެ. ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕް އާއި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދުވަސް ވަރެއްގައެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނާއި ކުދިންނަށް އިންސާފު ނުލިބޭ ކަމަށް ބުނެ ވޮއިސް އޮފް ޗިލްޑްރަން ކިޔާ އެންޖީއޯ އަކުން ވަނީ މި ހަފްތާގައި މުޒާހަރާވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު