"އަޅުގަނޑު 7 މާޗް 2020 ގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފުރަތަމަ ޕްރެސް ކޮންފަރެންސް ބޭއްވިން. އެދުވަހު އަޅުގަނޑާ ޖެހިގެން އިން ބޭފުޅަކީ ކާކުކަން ޕްރެސް ކޮންފަރެންސް ބެލި ވަރަށް ގިނަ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައެއް ނުގަންނަވާނެ. އެދުވަހު އަޅުގަނޑުމެން ތަރުޖަމާނަކަށް މަބްރޫކު ހަމަޖެއްސި ޖެއްސުން އެއީ ވަރަށް ތަފާތު ކަމެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެން ފަހަތަށް އެނބުރި ބަލައިލުމުން ފާހަގަވާނެ. މިރެޔަކީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޕްރެސް ކޮންފަރެންސްގެ ގޮތުގައި މަބްރޫކު ޕްރެސް ދެއްވާ ފަހު ޕްރެސް ކޮންފަރެންސް. އެހެންވީމާ އެކަން ފާހަގަކޮށް މަބްރޫކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ރާއްޖޭގެ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދެބަސް ނުވެވޭނެ ފަދައިން މަބްރޫކު ވަދެން މިދަނީ ރާއްޖޭގެ ނޫސްވެރިކަމުގައި ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމުގެ ތާރީހުގެ ތެރެޔަށް. ޖެހިޖެހިގެން މިހާ ގިނަ ޕްރެސް ކޮންފަރެންސްތަކެއް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައެއް ނުވާނެ. އަދި ރާއްޖޭގެ ނޫސްވެރިންނާ މެދުކެނޑުމެއް ނެތި މިކަހަލަ ނުރައްކާތެރި ހާލަތެއްގައި މައުލޫމާތު މެދުކެނޑުމެއްނެތި ފޯރުކޮށްދިން މީހަކާ ވެސް އަޅުގަނޑުމެންނާ އަދި ބައްދަލުވެފައެއް ނެތް. އެހެންވީމާ އެތައް ގޮތަކުން މަބްރޫކުގެ ހިދުމަތް އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ. ހަގީގަތުގައި އަޅުގަނޑުމެންގެ މި މަސައްކަތް މިހާ ހިސާބަށް ދިޔަ އިރު ރައްޔިތުންނަށް މައުލޫމާތުދިނުމުގައި، މައުލޫމާތު ފޯރުކޮށްދިނުމުގައި، ހޭލުންތެރިކުރުމުގެ ގޮތުންނާއި މައުލޫމާތުގެ ގޮތުންނާއި އަދި ހާއްސަ ކަންކަމުގެ މައުލޫމާތު ގޮތުން ފޯރުކޮށްދިނުމުގައި މަބްރޫކު ދެއްކެވި ކެތްތެރިކަމާއި އަދި ފޮރުވުމެއްނެތި މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކު ދެއްކެވި ނަމޫނާއަކީ އަޅުގަނޑުމެންނަށް ކުރިޔަށް އޮތް ތަނުގައި އެ ނަމޫނާގައި މިކަމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ހިފަހައްޓަން ޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ" މިއީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި އެ ސެންޓަރުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުން ފަށްޓަވައިދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަކަފުޅެވެ.
ތެދެކެވެ. ކޮވިޑުގެ ކަންކަމުގައި މަބްރޫކް ވެގެން ގޮސްފައި މިވަނީ ދިވެހިންނަށް ދެކިފަރިތަ މޫނަކަށެވެ. އެ އަޑަކަށް އެތައް ރައްޔިތުންނެއް ކޮންމެ ދުވަހަކު އިންތިޒާރު ކުރި އަޑަކަށެވެ. ކޮންމެ ދުވަހެއްގެ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ވެގެން ދިޔައީ އެއް ވަގުތެއްގައި އެންމެ ގިނަ ދިވެހިން ބަލާ ނޫސްވެރިންގެ ބައްދަލުވުމަށެވެ. އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ފުރިހަމަވުމުގެ އަސްލަކީ މަބްރޫކެވެ. ރައްޔިތުން އެކަން ގަބޫލު ކުރެއެވެ. އެންމެ ރެއެއްގެ ނޫސްވެރިންގެ ބައްދަލުވުމަކުންވެސް މަބްރޫކް ނުފެނިއްޖެނަމަ ކަންބޮޑުވާ އެތައް ބަޔަކު އުޅެއެވެ. އެކަމާ ސުވާލުކުރާ މީހުން ގިނަ އެވެ. ރައްޔިތުންނަށް ކޮވިޑުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް އެ ދެއްކެވި މިސާލު ދިވެހިން ވަނީ ބަލައިގަނެފައެވެ. ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި ހަތަރު މަހެއްހާ ދުވަސް ހޭދަކުރުމަށްފަހު ރޭ ވެގެން ގޮސްފައިވަނީ އެތައް ރައްޔިތުންނެއް ރޮއްވާލި ރެޔަކަށެވެ. އެންއީއޯސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ފަހު އެންއީއޯސީގެ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް ރައްޔިތުންނާ ބައްދަލު ކުރި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމަކީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމެވެ.
އުމުރުން 32 އަހަރުގެ މަބްރޫކަކީ ޕޮލިޓިކަލް ސައިންސްގެ ރޮނގުން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މަބްރޫކް ވަނީ ތައިލެންޑްގައި ކިޔެވުމާއި މަސައްކަތުގައި 10 އަހަރު ހޭދަކުރައްވައި އިންޑޮނޭޝިއާގައިވެސް ވަޒީފާ އަދާކުރައްވައިފައެވެ. އެއިރު މަބްރޫކް ގެންދެވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ކުރެވޭ ކަންކަމުގައި އެހީތެރިވެވޭނެ ގޮތްތަކެއް ހޯއްދަވަމުންނެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކު މަސައްކަތް ކުރެއްވި އިރު، ޒުވާނުން ކުރިއަރުވައި ބާރުވެރި ކުރުވުމުގެ ފުރުސަތުތަކެއް ވެސް ހޯއްދަވައި ދެއްވިއެވެ. މަބްރޫކް ރާއްޖެއަށް ދިރިއުޅުން ބަދަލުކުރެއްވީ އެމްޑީޕީގެ ވެރިކަން 2012 ގައި ނިމި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައި އޮތް ދުވަސްވަރެއްގައެވެ. އެއިރުން ފެށިގެން އެމްޑީޕީގެ ހިޔާވަހިކަމުގައި މަބްރޫކް ސިޔާސީ މަސައްކަތް ފެއްޓެވިިއިރު، މަބްރޫކް ވަނީ އިސްލާހީ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ސިޔާސީ މައިދާނުގައި ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުން އައިސް މަބްރޫކް ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަކުރައްވައިފައެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި އިންތިހާބުގައި ފެލިދޫ ދާއިރާއަށް މަބްރޫކް ވާދަކުރެއްވި އިރު އޭނާގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީން ވާދަކުރެއްވި އިބްރާހިމް ފަޒުލް ރަޝީދެވެ. ނަމަވެސް ނާކާމިޔާބުވުމުން ފަހަތަށް ޖެހިވަޑައި ނުގަންނަވައި ނާކިޔާބީ މަބްރޫކް ނެންގެވީ ލިބުނު ފިލާވަޅެއްގެ ގޮތުގައެވެ.
އިންތިހާބުގެ ނާކާމިޔާބަށް ފަހު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު މަބްރޫކަށް ލިބިވަޑައިގަތެވެ. މަބްރޫކަކީ އަބަދުވެސް މުޖުތަމައަށް މައުލޫމާތު ފޯރުކޮށްދީ އާ ކަންކަން ދަސްކުރަން ޝައުގު ހުންނަ މީހެއް ކަމުން ރައީސް އޮފީހުގެ ހުށަހެޅުން މަބްރޫކް ގަބޫލުކުރައްވައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެ މަގާމުގައި ހުންނަވައިގެން ވެސް މަބްރޫކް ކުރެއްވި ކަމަކީ ދާއިރާތަކުން ރައްޔިތުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމެވެ. ނަމަވެސް ކެމެރާގެ ފަހަތުގައެވެ.
ޗައިނާގެ މައި ދޮރާށިން ނުކުމެ މުޅި ދުނިޔެއަށް ކޮވިޑް ފެތުރެން ފަށައި ރާއްޖެއާ ހަމައަށް އެބަލި ވާސިލްވުމާ ހަމަޔަށް ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތައް ލީޑް ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އެއިރުވެސް ސަރުކާރުގެ މައި އަމާޒަކީ ކޮވިޑުގެ ސައްހަ މައުލޫމާތު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ނަމަވެސް އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮވިޑާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ މަންދޫބެއް ހުންނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ކަމާ ގުޅުހުން ހުރި ދާއިރާތަކުގެ އެހެން ހުރިހާ ބޭފުޅުންނަށް ވެސް ގަބޫލުކުރެއްވުނެވެ. އެހެންކަމުން ކޮވިޑުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެ މަންދޫބަކަށް އައްޔަނުކުރުމަށް ރައީސް އޮފީހުގެ ތެރެއިން އެންމެ ކަމުދާ ބޭފުޅަކަށް އެ އޮފީހުގެ ބޭފުޅުންނަށް ފެނިވަޑައިގަތީ މަބްރޫކެވެ. ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މަންދޫބަކަށް ވުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހުށަހެޅުއްވުމަށް މަބްރޫކް އެއްބަސްވެވަޑައިގެންނެވީ، ގައުމީ ހިދުމަތެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައެވެ.
ސިއްހީ އިރުޝާދުތަކާއި ބަލީގެ ހާލަތު ވިދާޅުވެދެއްވާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންކަން ކަށަވަރު ކުރައްވައި އެންއީއޯސީގެ ތަރުޖަމާނުކަމާ މަބްރޫކް ހަވާލުވަޑައިގެންނެވީ ކޮވިޑުގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގައުމު ދަތުރުކުރާ މިސްރާބާއި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދީ ރައްޔިތުންގެ ކަންބޮޑުންވުންތަކަށް ޖަވާބުދާރީވުމުގެ ބުރަކަންވެސް ދެނެވަޑައިގެން ހުންނަވަ އެވެ.
"މިއީ، ހީކުރިވަރަށް ވުރެން ވެސް ބުރަ އަދި އުނދަގޫ މަސައްކަތެއް. ކޮންމެ ދުވަހަކު އެތައް ވަގުތެއް މިކަމުގައި ހޭދަ ކުރަން ޖެހޭ. އެކި މައުލޫމާތު ހޯދައި އެމައުލޫމާތު ފޯރުކޮށްދިނުމަށް" އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން ކުރެވުނު ތަޖުރިބާ "ވަން"އާ ހިއްސާ ކުރައްވަމުން މަބްރޫކް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ ގަލަމަކީ ބާރުގަދަ ގަލަމެކެވެ. އެ ގަލަމުގެ ދެލި އެކި ދިމަދިމާއަށް ހިނގާއިރު ނޫސްވެރިންގެ ދުލަކީވެސް ބާރުގަދަ އެއްޗެކެވެ. ނޫސްވެރިން ކުރާ ސުވާލުތަކަކީ ފަހަރުގައި ހުރިހާ އެންމެންނަށް ޖަވާބު ނުދެވިދާނެ ސުވާލުތަކެކެވެ. ރާއްޖޭގައި ނޫސްވެރިކަމުގެ ދިގު ތާރީހަށް ބަލާއިރު ނޫސްވެރިންގެ ބަރު ސުވާލުތަކުން އެތައް ބައެއްގެ އަނގަ ބަންދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮންމެ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާއިރުވެސް މިހާތަނަށް މަބްރޫކަށް ޖަވާބު ނުދެއްވޭ ސުވާލެއް ނޫސްވެރިންނަށް ކުރެވިފައެއް ނުވެއެވެ. ނޫސްވެރިން ފުލުފުލުގައި ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަނީ ވަރަށް ހަމަޖެހިވަޑައިގެން މަޑުމައިތިރިކަމާ އެކު އިންނަވަ އެވެ. އެކި މީޑިއާތަކުން އެއް ފަހަރާ، 20 ނޫސްވެރިން ބައިވެރިވާ އިރުވެސް ސުވާލަކުން މަބްރޫކް ހާސްކޮށްލައި ރުޅިއަރުވައެއް ނުލެވެ އެވެ. ޖަވާބު ދެވެން ނެތް ނަމަ، ކޮންމެވެސް ގޮތަކުން ހޯއްދަވައި އާއްމުންނަށް އެ މައުލޫމާތު ތިލަކޮށްދެއްވަ އެވެ. މަބްރޫކް ވިދާޅުވާ ގޮތުގައި މިއީ އޭނާއަށް ޕަބްލިކް ސްޕީކިން އާއި ޑިބޭޓިންގެ ތެރެއިން ދަސްވެގެން ދިޔަ ކަންކަމެވެ.
"އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް އެއީ ޑިބޭޓް ކުރުމަކީ. ޔުނިވަސިޓީގައި އުޅުނުއިރު ކޮމްޕެޓިޓިވްކޮށް ޑިބޭޓްކުރިން، ޕްރެސް ކޮންފަރެންސްތަކުގައި އެ ފެންނަނީ އެކަމުން ދަސްވި ކަންކަން. އެގޮތުން ވޯލްޑް ޑިބޭޓް ޗެމްޕިއަންޝިޕް، ވޯލްޑް އޭޝިއަން ޑިބޭޓް ޗެމްޕިއަންޝިޕްގައިވެސް ވާދަކުރިން. އަދި އެ މުބާރާތްތަކުގައި ރަނގަޅު ހިސާބަކަށްވެސް ދެވުނު" ސިޔާސީ ޕާޓީތަކާއި ޔުނިވަސިޓީތައް އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ޑިބޭޓިންގެ ބައެއް ކްލާސްތައް ވެސް ނަގައިދެއްވި މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވާ ގޮތުގައި އޭނާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ އިންޓަނޭޝަނަލް ޑިބޭޓިން މުބާރާތްތަކަށް ރާއްޖޭގެ ކުދިން ތަމްރީންކޮށް އެފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ކުދިންނަށް ފަހިކޮށްދިނުމެވެ.
ކޮވިޑް 19 ވެރިރަށް މާލޭގައި ފެތުރިގަތް ދުވަސްވަރު ދުވާލަކު ދެއިރު މަބްރޫކް ނޫސްވެރިންނާ ބައްދަލު ކުރެއްވިއެވެ. ނަމަވެސް ކޮވިޑުގެ ހާލަތު މަޑުމަޑުން ބަދަލުވާން ފެށުމާއެކު ދުވާލަކު އެއްފަހަރު މަބްރޫކް އަންނަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި ކޮވިޑާ ގުޅިގެން ސަރުކާރާއި ކަމާބެހޭ އެހެން އިދާރާތަކުގެ ނިންމުންތައް ރައްޔިތުންނަށް ސާފުކޮށްދެއްވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން މަބްރޫކް ދެއްވާ އޯޕަނިން ސްޓޭޓްމަންޓަކީ 10 ވަރަކަށް މިނެޓްގެ ސްޓޭޓްމަންޓެއް ނަމަވެސް އެ މައުލޫމާތުތައް އެއްކަރުދާސްކޮށް، ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމަށް އެތައް ވަގުތެއް ނަގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހާއި މިނިސްޓްރީތަކާއި އެހެން އިދާރާތަކުގެ ބޭފުޅުން ހިމެނޭ ޕްރެސް ޓީމުން އެ ދުވަހެއްގެ ނޫސްވެރިންގެ ބައްދަލުވަށް ބޭނުންވާނެ މައުލޫމާތު އެއްކުރެއެވެ. އެކަންކަމުގައި ވެސް ލީޑްކުރައްވަނީ މަބްރޫކް އެވެ.
މަބްރޫކް ވިދާޅުވީ، ކޮންމެ ޕްރެސް ކޮންފަރެންސެއް ފެށުމުގެ ދެތިން ގަޑިިއިރު ކުރިން، އެންމެން އެކުގައި ތިބެ ތައްޔާރުވާ ކަމަށާއި އެންމެ ބޮޑަށް ބަލަނީ ރައްޔިތުން އެންމެ އެނގެން ބޭނުންވާ ކަންކަން އޮޅުންފިލުވައިދެވޭތޯ ކަމަށެވެ.
"އަޅުގަނޑުމެން ބަލަނީ ރައްޔިތުން އެ ބޭނުންވާ މައުލޫމާތު، ފޮރުވުމެއް ނެތި ހާމަކަމާ އެކު ގެނެސްދެވޭތޯ. މީސް މީޑިއާގައި ދައުރުވާ ވާހަކަތައްވެސް އެނަލައިޒްކޮށް އެ ކަންބޮޑުވުންތައްވެސް އަޅުގަނޑުމެން ބަލަން. އަދި ސަރުކާރުގެ ނިންމުންތަކާއި ކޮވިޑުގެ ހާލަތު ދެން އޮންނާނެ ގޮތުގެ ތަސައްވަރާމެދުވެސް އަޅުގަނޑުމެން މަޝްވަރާ ކުރަން. މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑުގެ ކަންކަމުގައި އުޅެން ފެށިފަހުން ވަރަށް ބޮޑަށް މިކަމުގެ ތެރެޔަށް ވަދެވަޑައިގެންނެވުނު ކަމުގައި މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑާ ގުޅޭ ތަފާތު މައުލޫމާތު ހޯއްދަވައި ކޮވިޑަށް ފަރުވާދެވޭނެ ގޮތްތައްވެސް މަބްރޫކް ހޯއްދަވައެވެ. އެކި މީހުންގެ ކަންބޮޑުންތައް އަޑުއައްސަވައި އަމިއްލައަށް އެކަމާމެދު ވިސްނަވައެވެ. ރާއްޖޭގައި ފަރުވާ ދޭ ގޮތާއި ވެންޓިލޭޓަރު މަސައްކަތް ކުރާ ގޮތް އަމިއްލަ އަށް ދެނެގަތުމަށާއި ފަރުވާ ދޭ ތަންތަނާއި މީހުން ކަރަންޓީނުކުރާ ފެސިލިޓީތައް އަދި އައިސޮލޭޓްކޮށްފައި ތިބޭ މީހުންގެ ކަންކަންވެސް މަބްރޫކް ބައްލަވައެވެ. މަބްރޫކް އެކަންކަން ކުރައްވަނީ މައުލޫމާތު މުއްސަނދި ކުރެއްވުމުގެ އިތުރުން ނޫސްވެރިން ފެންމަތިކުރާ ސުވާލުތަކަށް ފުރިހަމަޔަށް ޖަވާބުދެއްވޭނީ ކަންކަން ހިނގާ ގޮތް ރަނގަޅަށް އެނގިވަޑައިގެން ކަމުގައި ގަބޫލު ކުރައްވާތީއެވެ.
ފާއިތުވި ހަތަރުމަހެއްހާ ދުވަސް ވަރުބަލިކަމެއްނެތި ކޮވިޑުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މަބްރޫކް ހޭދަކުރެއްވިއިރު މަބްރޫކާ އެންމެ ގާތުން މަސައްކަތް ކުރި އެއްބަޔަކީ ނޫސްވެރިންނެވެ. ކޮންމެ ދުވަހަކު އެ ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވައި ކޮވިޑާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ނޫސްވެރިން ވެފައިވަނީ މަބްރޫކް އެންމެ ލޯބިވާ އެއްބަޔަކަށެވެ. ނޫސްވެރިންނާ މެދު މަބްރޫކް ބެހެއްޓެވީ ހިތްހެޔޮކަމާ ހިތްތިރިކަމެވެ. ނޫސްވެރިން ސިފަކުރާ ގޮތުގައި މަބްރޫކަކީ ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރަކަށް ކަނޑައެޅޭނެ އެންމެ ރަނގަޅު "ޗޮއިސް" އެވެ.
ކޮންމެ ދުވަހަކު ގަވައިދުން ޕްރެސްތަކުގައި ބައިވެރިވާ ދިވެހި ޗެނަލްގެ ސީނިއާ ވީޑިއޯ ޖާނަލިސްޓް، މުހައްމަދު އަފްރާހް، އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ސިފަ ކުރަނީ އާއިލީ ބޭފުޅެއްގެ ގޮތުގައެވެ. އަފްރާހްގެ ނަޒަރުގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ވެވަޑައިގަތީ ބޮޑު ގުރުބާނީއެކެވެ.
"މަބްރޫކަކީ ފެމިލީ މެންބަރެއް. މަދަދުގާރެއް. މަބުރޫކަށް އަޅުގަނޑުގެ ހިތުގައި ވަނީ ހާއްސަ ގަދަރެއް އުފެދިފައި. މަބްރޫކުގެ ފަރާތުން ފެނުނު އެންމެ ތަފާތުކަމަކީ ސުވާލުތައް ރަނގަޅަށް އަޑުއެހުމަށް ފަހު ޖަވާބުދޭކަން. އެހެން މީހުންގެ ވާހަކަތައް މަބްރޫކް އަޑު އަހާ. އަޅުގަނޑަށް ބުނަން ކެރިދާނެ މަބްރޫކަކީ ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެންމެ ބެސްޓް ޗޮއިސް އޭ. ވަރަށް މިސްވާނެ މަބްރޫކް މަތިން. ފަށްފަށުން ޝުކުރިއްޔާ ތިޔަކޮށްދެއްވި އަގުހުރި ހިދުމަތަށް" މަބްރޫކަށް އޮތް ލޯބި ބަޔާންކޮށްދެމުން އަފްރާހް ބުންޏެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އެސިސްޓަންޓް ޖާނަލިސްޓް އިސްމާއިލް އާޒިމް ބުނީ، މަބްރޫކަކީ ކޮންމެ ވަގުތެއްގައިވެސް ގުޅޭ އަދި ނޫސްވެރިންނަށް ފުރިހަމަ މައުލޫމާތު ދިން އެކުވެރިއެއް ކަމަށެވެ. އާޒިމްވެސް ވަނީ މަބްރޫކްގެ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
"މަބްރޫކް އެންމެ ފުރަތަމަ ފެނުނީ މެރާކީން، އެއިރުވެސް ވަރަށް ފްރެންޑްލީ ޕާސަނާލިޓީއެއް ހުންނާނީ. ދެން ޕްރެސްތަކުން ބައްދަލުވިއިރުވެސް އެ ހިތްހެޔޮކަން ފެނިގެން ދިޔައީ. ގުޅާ ގިނަ ފަހަރު ފޯނުވެސް ނަންގަވާނެ. ނުނެންގެވިއްޖެނަމަ ކޯލްބެކްވެސް ކުރައްވާ. އެ ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ" އާޒިމް ބުންޏެވެ.
މަބްރޫކް ސިފަކުރައްވައި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓް މާހަތު ހުސައިން (މާތު) ބުނީ، މަބްރޫކަކީ ނޫސްވެރިންނާ ގުޅޭ އެކުގައި މަސައްކަތް ކުރަން ފަސޭހަ ބޭފުޅެއް ކަމަށެވެ. އަދި ބޭނުންވާ މައުލޫމާތު އޮޅުންފިލުވައިދިނުމުގައި މަބްރޫކަށް މާތު ދިނީ "އޭ" ރިޕޯޓެކެވެ.
"އަސްލު އިތުރު މީހަކަށް ނުކުރެވޭނެ ކަންނޭނގެ އެކަމެއް. އަބަދުވެސް ގުޅީމަ ފޯނު ނަގާނެ، ރިޕްލައި ކުރާނެ. އެހާ ފްރެންޑްލީ" މަބްރޫކް ސިފަކުރަމުން މާތު ބުންޏެވެ.
މަބްރޫކް ހަގީގަތުގައިވެސް ވަނީ މައުލޫމާތު ފޯރުކޮށްދިނުމުގައި ބުރަ މަސްއޫލިއްޔަތެއް އަދާކުރައްވައިފައެވެ. ގަޑިއެއްހާއިރުގެ ޕްރެސް ނިންމަވައިލެއްވުމަށް ފަހުވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ސުވާލުތައް އަޑުއެއްސެވުމުގެ މަބްރޫކް އެތައް އިރެއް ހޭދަކުރައްވައެވެ. މަބްރޫކް ވިދާޅުވާ ގޮތުގައި ނިދުން ނޫން އެހެން ހުރިހާ ވަގުތެއް ހުސްކުރީ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
މީޑިއާތަކުން ފޯރުކޮށްދޭ މައުލޫމާތުތަކަށް އެންމެ ބޮޑަށް ފާރަވެރިވާނެ އެއް ފަރާތަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އެވެ. އެ ކައުންސިލުންވެސް ވަނީ ކޮވިޑުގެ ކަންކަމުގައި މަބްރޫކް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މަބްރޫކް ކުރެއްވީ ގައުމީ މަސައްކަތެއް ކަމަށާއި އެހެންކަމުން މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ފާހަގަކުރެވެނީ ބަތަލެއްގެ ގޮތުގައި ކަމަށެވެ.
"މަބްރޫކް ވަނީ ވަރަށް ފުރިހަމަޔަށް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދީ އޮޅުން އަރާ ކަންކަން ސާފުކޮށްދެއްވާފައި. މަބްރޫކް އެ ކުރެއްވީ ގައުމީ މަސައްކަތެއް. އަޅުގަނޑު މަބްރޫކް ސިފަ ކުރަނީ ބަތަލެއްގެ ގޮތުގައި. އެއީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހައެއް ނުވާނެ މަބްރޫކް ދެއްވިހާ ފުރިހަމަޔަށް ސުވާލުތަކަށް ޖަވާބުދީ މިކަންކަން މެނޭޖުކުރާކަށް" ހިދާޔަތުﷲ ވިދާޅުވިއެވެ.
މަބްރޫކް ސިފަކުރައްވާ ގޮތުގައި ކޮވިޑުގެ ކަންކަމުގައި އޭނާ މި ހޭދަކުރެއްވި ހަތަރުމަހެއްހާ ދުވަހަކީ މިހާތަނަށް ކަމަކަށް އެހާ ބޮޑަށް "ކޮމިޓް" ވެގެން ހޭދަކުރެއްވި ފުރަތަމަ ދުވަސްތަކެވެ. ކޮވިޑުގެ ކަންކަމާއި ކުރިމަތިލައްވާއިރު އެންމެ އުނދަގޫވީ "ސްޓްރެސް" މެނޭޖުކުރަން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ގަޑިއެއް ކޮވިޑުން ބޭރު ކޮންމެވެސް ކަމަކަށް ހުސް ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކުވެސް ގަޑިއެއްހާއިރު ހޭދަކުރަން ކޮވިޑުން ބޭރު ކޮންމެވެސް ކަމަކާ ވިސްނާލަން. ދެން ޕްރެސް ނިންމާފައި ބައެއް ދުވަސްދުވަހު މައިންޑް ފްރެޝް ކޮށްލުމަށް ރަހުމަތްތެރިންނަށް ގުޅައި ކަންކަން ހިއްސާކޮށްލަން. އަސްލު މިކަމުގައި ދިމާވި އެންމެ އުނދަގޫ ނުވަތަ ޗެލެންޖިން ކަމަކީ "ސްޓްރެސް މެނޭޖު ކުރުން" މަބްރޫކް ވިދާޅުވިއެވެ.
ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނިދި ހަމަކުރުމަށް މަބްރޫކް ހާއްސަ އިސްކަމެއް ދެއްވައެވެ. ވީވަރަކުން އާއިލާއާއެކުވެސް ވަގުތު ހޭދަކުރައްވައެވެ.
ކޮވިޑުގެ ދަތުރުގައި މިހާތަނަށް އެންމެ ދެރަވާ ކަމަށް ނުވަތަ އެންމެ ހިތް ނުތަނަވަސްވާ ކަމަކަށް މަބްރޫކަށް ކުރިމަތިވީ ކޮވިޑް ބަލީގައި ރާއްޖޭގައި ބަޔަކު ނިޔާވުމެވެ. އެބަލީގެ ޝިކާރައަކަށްވެ މީހުން ނިޔާވާ އަޑުއެހުމަކީ ނުވަތަ އެވާހަކަ ދެއްކެވުމަކީ މަބްރޫކުގެ ލަގޮނޑިއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.
"އަޅުގަނޑަށް އެންމެ އުނދަގޫވާ ދުވަސްތަކަކީ މައުލޫމާތު ހޯދަންވެސް އަދި އެ މައުލޫމާތު ޑެލިވާކުރަންވެސް، މިބަލީގައި ނުވަ މީހަކު ނިޔާވެ ހިނގައްޖެ. ދެން އެއިން ކޮންމެ ފަހަރަކު އެއީ ހިތަށް ބަރުކަން ލިބޭ ފަދަ ވަގުތެއް. އެވާހަކަ ދައްކަންވެސް، އެވާހަކައާ ބެހޭ މައުލޫމާތު ހޯދަންވެސް އަޑުއަހަންވެސް އުނދަގޫ. އެހެންކަމުން އެއީ އަޅުގަނޑަށް އެންމެ އުނދަގޫވި ވަގުތުތަކަކީ،" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހަތަރުމަހެއްހާ ދުވަހު ކެމެރާގެ ކުރިމަތީގައި އުޅުއްވުމަށް ފަހު، ފްރޮންޓްލައިނުން ދުރަށް ޖެހިވަޑައިގަންނަވާ އިރު މަބްރޫކް ވަނީ ރައްޔިތުން ދެއްކެވި ކެތްތެރިކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވައިފައެވެ. ކޮވިޑުގެ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރައްޔިތުންނާއެކު ނޫސްވެރިން ކުރި ބުރަ މަސައްކަތްވެސް މަބްރޫކް ފާހަގަކުރެއްވީ ޝުކުރުވެރިކަމާ އެކުގައެވެ.
"ވަރަށް ދުވަހު މިކަމުގައި އުޅެފައި ކުޑަކޮށް ދުރުގައި ހުންނަން ޖެހުނީމަ އަސްލު އުނދަގޫ ވާނެ. ނަމަވެސް މި މުއްދަތުގައިވެސް ރައްޔިތުންގެ ފަރާތުން އެ ދެއްކެވި ކެތްތެރިކަމަށް ޝުކުރުވެރިވަން. އަދި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އަޅުގަނޑާއެކު ނޫސްވެރިން ރެއާއި ދުވާލު ހޭލައި ތިބެ ތިކުރެއްވި ބުރަ މަސައްކަތްވެސް ފާހަގަކޮށް އެންމެހާ ނޫސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ނަސޭހަތް ދިނުމަށް އާންމުކޮށް ކޮންމެ ރެޔަކު މަބްރޫކް ރައްޔިތުންނާ ބައްދަލުކުރިނަމަވެސް ކެމެރާގެ ކުރިމަތިން މަބްރޫކް ފަހަރުގައި ދެން ނުފެނިދާނެއެވެ. ފެނުނަސް އެންއީއޯސީގެ މަސައްކަތުގައެއް ނުފެންނާނެއެވެ. ވަދާއީ ޕްރެސްގައިވެސް މަބްރޫކް ދެއްވީ ނަސޭހަތެކެވެ. މަބްރޫކް ރައްޔިތުންނަށް ކުރެއްވީ އިލްތިމާސެކެވެ.
"ކޮވިޑުގެ ނުރައްކާ އަދި ނުނިމޭ. ކޮވިޑާ އެކު އަޅުގަނޑުމެން އުޅެން ދަސްކުރަން މި ޖެހެނީ. ފަރުވާކުޑަ ނުކުރައްވާތި. މިކަމުން އަރައިގަނެވޭނެ ދުވަހެއް އަދި ނޭނގޭ" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކްގެ ނަޒަރުގައި ކޮވިޑު ރާއްޖޭގައި ފެތުރުން މިހާބޮޑަށް ކޮންޓްރޯލް ކުރެވުނީ، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިކަމުގައި އަމަލީ ގޮތުން ހަރަކާތްވެވަޑައިގެންނެވި މިންވަރުގެ ބޮޑުކަން އުފަލާއެކު މަބްރޫކް ފާހަގަކުރެއްވިއެވެ. "ކޮވިޑުގެ ކަންކަމުގައި އެންމެ ފަހުބަސްވެސް އަދި އެންމެ އިސްބަސްވެސް ބުނާނީ ސިއްހީ މާހިރުން" ކަމަށް ރައީސް ނިންމި ނިންމެވުމުގެ ހަގީގީ ކުލަ ޖެހިފައިވާ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
އެންއީއޯސީން ބޭއްވި 164 ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން 111 ނޫސްވެރިންގެ ބައްދަލުވުން ލީޑްކުރައްވައި މަބްރޫކް ވަނީ 1200 ވުރެ ގިނަ ސުވާލަށް ޕްރެސްތަކުގެ ތެރޭގައި ޖަވާބު ދެއްވައިފައެވެ. ނޫސްވެރިންގެ ބައްދަލުވުންގެ ބޭރުން ނޫސްވެރިން ގުޅައިގެން ކުރި 681 ސުވާލަކަށްވެސް މަބްރޫކް ވަނީ ޖަވާބުދެއްވައިފައެވެ. އަބަދުވެސް އޮން ކޯލްގައި މަބްރޫކް ހުންނަވާއިރު ކޮވިޑުގެ އޮޕަރޭޝަންގައި މަބްރޫކް ހަރަކާތްތެރިވީ ގައުމީ ހިދުމަތެއްގެ ގޮތުގައެވެ. އެ ހިދުމަތާމެދު އޭނާ މިއަދު ފަހުރުވެރި ވެއެވެ.
ދިވެހީން ވެސް އަދި ނޫސްވެރީންވެސް މަބްރޫކް މިސް ވާނެ އެވެ. ރައްޔިތުންގެ ވެސް އަދި މީޑިއާގެ ވެސް އެދުމަކީ މަބްރޫކާ އެކު ކޮވިޑްގެ މައުލޫމާތު ގެއްލިގެން ނުދިއުމެވެ. ބޭނުންވާ މައުލޫމާތު އަބަދުވެސް ފަސޭހަކަމާ އެކު ދިނުމެވެ. ޖަވާބުދާރީ ވުމެވެ. މަބްރޫކް ގެފަހު އިލްތިމާސަކީ ރައްޔިތުން ބަސް އެހުމެވެ. ފަރުވާތެރިވުމެވެ. ކޮވިޑާ އެކު ރައްކާތެރިކަމާ އެކު ދިރިއުޅެން ދަސްކުރުމެވެ.