ކުޑަކުދީންނަށް ކުރާ އެކި ކަހަލަ ޖިންސީ ގޯނާތަކާއި ގުޅިގެން ކުރިމަތިވެދާނެ ނަފުސާނީ ރައްކާތެރިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖެންޑާ މިނިސްޓަރު ޢާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޖިންސީ އަނިޔާއެއް ލިބިއްޖެ ކޮންމެ ފަރާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު އެއް ކަމަކަށް ވެގެންދާނީ ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުން އެކަމަށް އެޓެންޑުވެ ބަޔާން ނަގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުއްޖާއަށް ރައްކާތެރިކަންދޭނެ ކަމަށާއި ކުއްޖާ އެނބުރި ދާ ވެއްޓަކީ ރައްކާތެރި ވެއްޓެއްކަން ކަށަވަރުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކުޑަކުދީންނަށް ކުރާ އެކި ކަހަލަ ޖިންސީ ގޯނާތަކާ ގުޅިގެން ކުރިމަތިވެދާނެ ނަފުސާނީ ރައްކާތެރިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވޭ. އެކަންކަން ބެލުމަށް ޖެންޑާއިން މަސައްކަތް ކުރަން. ކުއްޖާއަށް ރައްކާތެރިކަންދިނުމާއި އެކުއްޖާ އެނބުރި ދާ ވެއްޓަކީ ރައްކާތެރި ވެއްޓެއްކަން ކަށަވަރުނުކުރެވޭ ކަމަށްވާނަމަ އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ރައްކާތެރިކަން ދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ މައްސަލަތަކުގައި ސޯޝަލް ވޯކަރެއް މެދުވެރިކޮށް ނޫނީ ބަޔާން ނުނެގޭނެ ކަމަށާއި އެހެންކަމުން ސޯޝަލް ވޯކާސް ނެތް ރަށްރަށަށް އެންމެ ކައިރީގައި ހުރި ސޯޝަލް ވޯކާސް ފޮނުވުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށް ވަނީ އެވަރުގެ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ނަފުސާނީގޮތުން ލިބިފައިވާ ފަރާތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަން ދިނުން ކަމަށެވެ. އަދި އާއިލާއިންވެސް އެފަދަ މައްސަލަތަކުގައި ބައިވެރިކުރަން ބޭނުންވާ ހާލަތްތަކުގައި ބައިވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ