ރާއްޖޭގައި ލޮކްޑައުންގެ މުއްދަތު އިތުރު ކުރަމުން އަންނަނީ ކޮވިޑް-19އާ ގުޅިގެން ނޫން ކަމަށާއި އެއީ އިންސާފު ހޯދަން ރައްޔިތުން ނުކުމެދާނެތީ ބިރުން ކުރާ ކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރައްވަން ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އިސްކޮށް ހުންނަވައިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު މެންދުރު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.
ކޯޓުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، ރާއްޖޭގެ ޖުޑީޝަރީ ނިޒާމު މިއަދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަތުގައި ކަމަށެވެ. އެހެންކަމުން މިއީ އެމްޑީޕީން ވައުދު ވި އިންސާފާއި ހަމަކަން ހޯދައިދިނުންތޯ އޭނާ ސުވާލު އުފެއްދިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދައުވާތަކެއް ކުރަނީ ސަރުކާރުން ކުރަމުން އަންނަ ވައްކަންތައް ފޮރުވައި، އެމަނިކުފާނުގެ ބޮލުގައި އިލްޒާމު އަޅުވަން ކަމަށެވެ. އަދި ދައުވާތަކެއް އުފަން ކުރުވައިގެން ރައީސް ޔާމީނަށް ދައުވާ ކުރަން އުޅުނަސް، އެކަން ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ގޮތަކަށް ކޮރޯނާއަކާ ގުޅިގެންނެއް ނޫން މާލެ ލޮކްޑައުން ކޮށްފަ މިއޮތީކީއެއް. ބިރުން. މި ސަރުކާރު ފެއިލްވެއްޖެކަން ގަބޫލުކޮށްގެން ރައްޔިތުން އިންސާފު ހޯދަން ނުކުމެދާނެތީ އެކަމާ ބިރުން. ލޮކްޑައުންގެ މުއްދަތު 14 ދުވަހުން 14 ދުވަހުން ޖަހަމުން މިގެންދަނީ. އެއްވެސް ހާލެއްގައި ކޮރޯނާއާ ގުޅިގެން ކުރާ ކަމެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް ކުރަނީ އެމަނިކުފާނުގެ ބޮލުގައި އިލްޒާމުތަކެއް އަޅުވަން ކަމަށް އިދިކޮޅުން ބުނިއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލައި، ކޯޓަށް ވަނީ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު