ޖިންސީ އަނިޔާ އާއި ރޭޕްގެ ވާހަކަ އަޑު ނީވޭ ދުވަހެއް މިހާރަކު ނުދެއެވެ. މީޑިއާތަކުގެ ފަލަ ސުރުހީތަކުން އެ ނޫން ވާހަކައެއް ނުފެނެއެވެ. ސޯޝަލް މީޑިއާގައި އެކަމުގެ ތަދާއި ވޭން ބަންޑުން ކޮށްލާ މީހުން ގިނަވެއްޖެ އެވެ. އެ ޒުވާބު ކޮންމެ ދުވަހަކު ވެސް ކުރެއެވެ. ނަމަވެސް މިއީ އިއްޔެ މެންދުރު ދައްކަން ފެށި ވާހަކައެއް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ދައްކަމުން އައި ވާހަކައެވެ. ތަފާތަކީ މިއަދު އެވާހަކަ ދައްކާ މީހުން އިތުރުވުމެވެ. ނޫނީ ދައްކާ އަޑު ގަދަވުމެވެ. ރިޕޯޓްކުރާނެ ހިތްވަރު ލިބުމެވެ.
މިދިޔަ ހަފްތާއަށް ބަލައިލި ނަމަވެސް އެފަދަ ފަސް ވަރަކަށް މައްސަލަ ރިޕޯޓްކުރިއެވެ. މިއީ ހަމައެކަނި ތިލަވި ވަރެވެ. މިފަދަ ނުދައްކާ އެތައް ވާހަކައެއް ހުރެދާނެއެވެ. ނަމަވެސް އާއިލާގެ ތެރެއިން ނުވަތަ އިތުބާރު ކުރެވޭ އާއިލާ މެންބަރަކު އެފަދަ މުޑުދާރު އަމަލެއް ކުރުމުން އެހީއަށް އެދި ދާނީ ވެސް ވަކި ކާކު ކައިރިއަށް ހެއްޔެވެ؟
މިފަހުން ރޭޕްގެ މައްސަލަ އެންމެ ބޮޑަށް ދެކެވެން ފެށީ ހުޅުމާލޭގެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެންނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރާއްޖެ އައި، ކެންޔާގެ އުމުރުން 27 އަހަރުގެ އެ އަންހެން މީހާގެ ވާހަކަތައް އިވެމުންދަނީ އެކި ގޮތަށެވެ. އެއީ ރޭޕެއް ކަމަށް އޭނާ ކުރިން ބުނިއިރު ފަހުން އެކަން ޖިންސީ ގޯނާއަކަށް ބަދަލުވެއްޖެއެވެ.
ނަމަވެސް މި މައްސަލަ ހޫނުވެގެން ދިޔައީ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ފުލުހުން ދޫކޮށްލި ހިސާބުންނެވެ. އޭގެ ތެރޭގައި ސިޔާސީ ނުފޫޒު ފަދަ ބަޔަކު ހިމެނޭތީ ފުލުހުން އެކަށީގެންވާ ތަހުގީގެއް ނުކޮށް އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް އާންމުން ތުހުމަތު ކުރެއެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުންނަމަ އެމީހުން ދޫކޮށްލީ، އެވަގުތާ ހަމަޔަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވި އަންހެން މީހާ ދައްކާ ވާހަކަ ބަދަލުކުރީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމުގައި ތުހުމަތުކުރާ ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުން ހިމެނޭ ކަމަށް ވެސް ދެކެއެވެ. އެކަން ފުލުހުން ތަހުގީގު ކުރަން އެހާ ބޮޑަށް ބާރު އަޅަމުން ނުދާތީ އެކަމަށް ރައްޔިތުން ކުރާ ތުހުމަތު ބޮޑެވެ. އެހެން ކަމަށް ވާނަމަ، ނުފޫޒު ގަދަ މީހުންގެ މުށުތެރޭގައި މިފަދަ ކިތައް މީހުން ތިބޭނެ ހެއްޔެވެ؟ އެމީހުން ހަމަ ތަދާއި ވޭނުގައި ހަޔާތް ހޭދަކުރާނީ ހެއްޔެވެ. ނުފޫޒު ގަދަ މީހުންނާ ހަމަޔަށް އިންސާފު ހަމަކުރާނެ ހެއްޔެވެ؟
އާއިލާގެ ތެރެއިން ނުވަތަ އިތުބާރު ކުރެވޭ އާއިލާ މެންބަރެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބޭ މީހުން ވެސް މިގައުމުގައި މަދެއް ނޫނެވެ. މިކަމުގެ ޝިކާރައަކަށް ބޮޑަށް ވަނީ ކުޑަ ކުދިންނެވެ.
އެގޮތުން މި ހަފްތާގެ ތެރޭގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުހުމަތު ކުރެވުނު ބައްޕަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ދަރިޔަކު އެންމެ ބޮޑު ރައްކާތެރިކަމެއް ބޭނުންވާ މީހާގެ ފަރާތުން އެކުއްޖާ ސަލާމަތްވީ އެކި ދުވަސް މަތިން ޖިންސީ ގޯނާ ލިބުމަށްފަހުއެވެ.
އެފަދަ އިތުރު ހާދިސާއެއް ފެންމަތި ވީ އިއްޔެއެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި މެދުރާއްޖެ ތެރޭގެ ރަށެއްގެ ގުރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ނަފްސާނީ މައްސަލަތަކެއް ވެސް ހުންނަ އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ އާއިލާ މެންބަރެކެވެ. އާއިލާގެ ފަރާތުން ރައްކާތެރިކަން ކަށަވަރު ކޮށްގެން ހުރި އެކުއްޖާ، ޖިންސީ ޝިކާރަކަށް ވެ މިއަދު އިނީ ބަލިވެއެވެ. އުމުރުން ގާތްގަނޑަކަށް 11 އަހަރުގެ އެކުއްޖާ އަޅާނެވޭން އިހުސާސް ކުރެވޭ ހެއްޔެވެ؟ އެކުއްޖާއަށް ރައްކާތެރިކަން ދޭން މުޖުތަމައަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އަނިޔާ ދޭ މީހުންނަށް އަދަބު ދެވޭނީ ކިތައް ކުދިންގެ ހަޔާތް ބަރުބާދުވީމަ ތޯއެވެ.
ރާއްޖޭގައި، ހާއްސަކޮށް ތޮއްޖެހި ފިތިފައި މިއޮތް ކުޑަ މާލޭގެ ގެސްޓްހައުސްތަކަކީ ބޮޑެތި ކުށްތަކަށް އަރައިގަންނަން ބޭނުންކުރާ ތަންތަނެވެ. މަސްތުވުމަށާއި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަށް އެތަންތަން ބޭނުން ކުރާކަން އެންމެން ދަނެއެވެ. މިއަދު އެއީ ކުޑަކުދިން ރޭޕްކުރަން ގެންދާ ހާއްޔަކަށް ވެސް މިވަނީ ވެފައެވެ.
އެގޮތުން މިމަހުގެ ތެރޭގައި ވެސް ގެސްޓްހައުސްއަކަށް ގެންގޮސް ދެ ކުއްޖަކު ރޭޕްކުރި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެއީ 11 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނެވެ.
އޭގެ ތެރެއިން 16 އަހަރުގެ ކުއްޖާ ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރީ އާއިލާއަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސްގެންނެވެ. އެނގިފައިވާ ގޮތުގައި، އެކުއްޖާ މާލެ ގެނެސްފައިވަނީ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެއެވެ. އަދި ކުއްޖާގެ ބައްޕަގެ އަތުން މަކަރާއި ހީލަތުން ފައިސާ ވެސް ހޯދައިފައި ވެއެވެ.
އުމުރުން 11 އަހަރުގެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރީ ގުރޫމް ކޮށްގެންނެވެ. ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާ މެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.
މި ދެ މައްސަލައިގައި ވެސް ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތާއި ފޮޓޯ ވަނީ އާންމުކޮށްފައެވެ. އަދި އޭގެ ތެރެއިން 16 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުކުރާ މީހާއަށް ދައުވާކުރަން ކޯޓަށް ވަނީ ފޮނުވައިފައެވެ. ބެލެނިވެރިޔަކާ ނުލައި ކުޑަކުދިން ގެސްޓްހައުސްތަކަށް ވެއްދިގެން ނުވާނެ ކަމަށާއި އެތަންތަން މޮނީޓާ ކުރަން ޖެހޭނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުންނާއި މީހުން ބުނަމުންދިޔައެވެ. އަދި އެ ހާދިސާތައް ހިނގި ގެސްޓްހައުސްތައް ބަންދުކުރަން ވެސް ގޮވިއެވެ. ނަމަވެސް އެކަންވީ އަވާމެންދުރަކަށެވެ. ޖަޒުބާތުގައި ބުނެވުނު އެއްޗިއްސަށެވެ. މިކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އެއްވެސް ފަރާތަކުން އެޅިތަނެއްވެސް ނުފެނެ އެވެ. ރޭޕަ ރޭޕުގެ ގޮތުގައި ދަނީ ކުރިޔަށެވެ. ޅަ ކުދީންގެ ޖީލެއް ހަލާކުގެ ތެރެޔަށް ވެއްޓެމުން ދަނީ އެވެ. އެކުދީން މާދަމާ މުޖުތަމައު ތެރެޔަށް ނުކުމެ އަމިއްލަ ދިރިއުޅުމަކަށް ކުރިމަތިލާ އިރު ތަހައްމަލުކުރާން ޖެހޭނީ ކޮންފަދަ ހާލަތެއްތޯ ވިސްނައިލީ ކާކު ހެއްޔެވެ؟
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް