ނެތް އެެއްޗެެއް ހުރިކަމަށް ހަދައި ބަހަނާ ދައްކައިގެން އިސްލާމީ ގައުމުތަކަށް އަރައި ސުންނާފަތި ކުރުމަކީ ޒަޔަނިސްޓުންނާއި އެމީހުންގެ ފިކުރަށް ތާއީދުކުރާ މީހުން އާދަޔަކަށް ހަދާފައިވާ ކަމެކެވެ. މިކަން ފެށިފައިއޮތީ ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު ހުރިކަމަށް ބުނެ އިރާގާ ދެކޮޅަށް ކުރި ހަގުރާމައިންނެވެ. އިރާގު ސުންނާފަތިކޮށް އަތްފުނާ އަޅައިގެން ބެލިއިރުވެސް އެބުނާ ޒާތުގެ ހަތިޔާރުތަކެއް ނުފެނުނެވެ. އޭގެފަހުން ލީބިޔާއާއި ސީރިޔާގައިވެސް ޒަޔަނިސްޓް ބާރުތަކުން ވަނީ މިކުޅިވަރު ކުޅެފައެވެ. މިހާރު އީރާނާ ދެކޮޅަށްވެސް ކުޅެން ދިމާކޮށްގެން އުޅެނީ މިކުޅިވަރެވެ. އީރާނުން ނިއުކުލިއަރ ހަތިޔާރު އުފައްދަން އުޅެނީއޭ ނުވަތަ އުފައްދަނީއޭ ބުނެ ބަހަނާ ދައްކައިފައެވެ. އީރާނަކީ އިރާގެއް ނުވަތަ ލީބިޔާއެއް ނޫނެވެ. އެއަށްވުރެ މާބޮޑަށްވެސް ކުރިއަރާފައިވާ ގައުމެކެވެ. އެހެންވީމާ އީރާނު ކުޑަކަކޫ މައްޗަށް ތިރިކޮށް އަތްދަށުލުމަކީ ޒަޔަނިސްޓުންނަށް ފަސޭހައިން ނުކުރެވޭނޭ ކަމެކެވެ. އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަގުރާމައިން އެކަން ސާފުވެެއްޖެއެވެ.
މިހަގުރާމައިން އީރާނު ބަލިނުވުމަކީ މުޅި އިސްލާމީ އުއްމަތުގެ މަސްލަހަތަށްޓަކައި ނުހަނު މުހިންމު ކަމެކެވެ. އީރާނު ބަލިނުކުރެވި ހުސްއަތާ ދާންޖެހުމަކީ މިހާތަނަށް ޒަޔަނިސްޓުން ކުޅެމުންއައި ގޭމް މިވަގުތަކަށް ހުއްޓާލަން މަޖުބޫރުވާނޭ ކަމެކެވެ. އީރާނު ބަލިވެ، ޒަޔަނިސްޓުންނަށް ކުރިލިބިއްޖެނަމަ މިކަން އީރާނާ ހަމަޔަކުން ނުނިމޭނެއެވެ. ދެން ދިމާކުރާނީ އިސްލާމީ ދުނިޔޭގެ ކޮންމެވެސް އެހެން ގައުމަކާއެވެ. ފަހަރުގައި ތުރުކީވިލާތް ކަމަށްވެސް ވެދާނެއެވެ. ފަހަރަކު ގައުމަކާ ދިމާކުރަމުން ހަފުސްކުރަމުންގޮސް އިސްލާމީ ދުނިޔޭގައި ހިންދެމިލައިގެން ކޮޅަށް ތިބެވޭ ހަމަ އެއްބަޔަކުވެސް ނުތިބޭ ހިސާބަށް ކަންކަން ގެންދާނެއެވެ. މިއީ އިސްލާމީ ދުނިޔެއާ ދެކޮޅަށް ޒަޔަނިސްޓުން ރާވާފައިވާ ބޮޑު ރޭވުމުގައި އޮތްގޮތެވެ. ހަގީގީ ބޭނުމަކީ އިސްލާމީ ދުނިޔޭގެ ގުދުރަތީ ވަސީލަތްތައް ފޭރިގަތުމާއި އިޒްރޭލޭ ކިޔުނު ޣައިރުގާނޫނީ ދައުލަތާ ދެކޮޅަށް ބަހެއްބުނުމާއި ކަމެެއް ކުރުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ ހަމައެއްވެސް ގައުމެެއް މެދުއިރުމަތީގައި ނުބޭއްވުމެވެ.
ހުޅަނގުގެ މީޑިއާ ވަސީލަތްތަކުން އިސްލާމުން ސިފަކުރަނީ ހުޅަނގުގެ މުޅި ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގަައެވެ. މިއީ އެމީހުންގެ އަމިއްލަ ޚިޔާލަށް އުފަންކޮށްގެން އުޅޭ ފޭކް ނުރައްކަލެކެވެ. ތަފާސްހިސާބުތަކާއި ހެކީގެ މައްޗަށް އުފަންކޮށްގެން އުޅޭ ޚިޔާލެެއް ނޫނެވެ. ފާއިތުވި ސަތޭކަ އަހަރެެއްހައި ދުވަހުގެ ތެރޭގައި އިސްލާމީ އެއްވެސް ދައުލަތަކުން ޣައިރު މުސްލިމް ދައުލަތަކަށް ހަމަލަދީ އަރައިގެންފައެއް ނުވެއެވެ. އެކަމަކު މިދެންނެވި މުއްދަތުގެ ތެރޭގައި ހުޅަގުގެ މުސްތައުމިރުން ވަނީ އިސްލާމީ އުއްމަތުގެ އެތައް ތަނަކަށް ހަމަލަދީ ސުންނާފަތިކޮށްފައެވެ. އީރާނާއި ސީރިޔާއެވެ. އަފްޣާނިސްތާނާއި އިރާގެވެ. ސޮމާލިޔާއާއި ލުބުނާނެވެ. ޔަމަނާއި ލީބިޔާ އަދި ގާޒާއެވެ. މި ލިސްޓު އަދިމިއަށްވުރެވެސް ދިގު ކުރެވިދާނެއެވެ. މިހިރީ ހައްތާވެސް ޔަހޫދީ ޒަޔަނިސްޓުންނާއި ނަސާރާ ޒަޔަނިސްޓުން ހަލާކުކޮށް ވީރާނާކޮށްލާފައިވާ އިސްލާމީ ތަންތަނެވެ. އިސްލާމުން ވެފައިވަނީ އެންމެ ބޮޑަށް އަނިޔާ ލިބެމުންދާ އަދި އަނިޔާތައް ތަހައްމަލް ކުރަމުންދާ މީހުން ކަމުގައެވެ.
އެންމެފަހަކަށް މި ހަފުތާގައި އދ.ގެ ކޯޓުން ވަނީ މިޔަންމާގެ ބުޑިސްޓުން އެތާގެ މުސްލިމް އަވަށްތަކަށް އަރައި މީހުން މަރައި ގެދޮރު ލޫޓުވައި ހުޅުޖަހައި ބޮޑުވެގެންވާ ގަތުލުއާއްމެއް ހިންގިކަމަށް ހުކުމްކޮށްފައެވެ. ޖުމްލަ ދޮޅު މިލިއަން މީހުން ގެދޮރުން ނެރެ ފައްސާލާފައިވާ ކަމަށް ބުނެފައެވެ. މުސްލިމުންނަށް އެންމެ ހެޔޮކަމަށް ހެދިގެން އުޅޭ އެއްގައުމަކީ ޗައިނާއެވެ. އެތަނުގެ ޒިންޖިއާން ޕްރޮވިންސްގެ ފަނަރަ މިލިޔަން ވީގަރ މުސްލިމުންނާމެދު ޗައިނާގެ ރަސްމީ އިދާރާތަކުން ކަންކަންކުރާ ގޮތުގެ ވާހަކަ ދޭތެރެދޭތެރެއިން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައެވެ. ރާއްޖެއާ އެންމެ ގާތުގައިވާ ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ބިބީއެސް ޖަމާއަތަށް ނިސްބަތްވާ ބުޑިސްޓުން ހަމަކޮންމެ ދުވަހަކު ހިންގާ ހަރަކާތްތަކުގެ ވާހަކަޔަކީވެސް އެންމެނަށް އެނގޭ ވާހަކަތަކެކެވެ. އޭޝިޔާއާއި އެފްރިކާގައެވެ. އުތުރު އެމެރިކާޔާއި ޔޫރަޕުގައެވެ. ދުނިޔޭގެ ހަމަ ހުރިހާ ބައްރެއްގައެވެ. އިސްތިސްނާއެއް ނެތެވެ.
އެފްރިކާ ބައްރުން ސެންޓްރަލް އެފްރިކަން ރިޕަބްލިކޭ ކިޔުނު ގައުމުގައި ދިރިއުޅުނު މުސްލިމުންގެ ތެރެއިން 80 އިންސައްތަ މީހުން ވަނީ ނަސްލު ނައްތައިލުމުގެ ކެމްޕޭނެއްގެ ތެރެއިން ގެދޮރުން ފައްސައިލެވިފައެވެ. ނުވަތަ މަރާލެވިފައެވެ. ރާއްޖެއާ ގާތުން އިންޑިޔާގެ ކަޝްމީރާއި ގުޖަރާތާއި އުއްތަރު ޕްރަދޭޝްގައި މުސްލިމުންނާ ދެކޮޅަށް ހަމަކޮންމެ ދުވަހަކުހެން ހިންގަމުންދާ ހަރަކާތްތަކަށް މަޑުޖެހުމެއް ނިމުމެއް ނެތެވެ. ފާއިތުވި ފަންސަވީސް އަހަރުގެ ތެރޭގައި އެކަނިވެސް މިދެންނެވި ކަހަލަ ހަރަކާތްތަކުގައި ދުނިޔޭގެ ކަންކޮޅުތަކުން ފަސް މިލިޔަނަށްވުރެ މަދުނޫން އަދަދެއްގެ މުސްލިމުން ވަނީ ފަނާކޮށްލެވިފައެވެ. މިކަންކަން މިމަގުން ނުހުއްޓި ކުރިއަށްދާއިރުވެސް ހުޅަގުގެ މީޑިއާއިން މުސްލިމުން ސިފަކުރަނީ ޓެރަރިޒަމްގެ މޫނުގެ ގޮތުގައެވެ. އެކަމަކު ހަގީގަތަކީ ކޮބައިތޯއެވެ. ގަތުލުއާއްމުތަކާ ކުރިމަތިލާން ޖެހިފައިވަނީ މުސްލިމުންނެވެ. ނަސްލު ނައްތައިލުމުގެ ކެމްޕޭނުތަކާ ކުރިމަތިލާން ޖެހިފައިވަނީވެސް މުސްލިމުންނެވެ.
މިއީ އަލަށް ކުރިމަތިވި ކަމެއް ނޫނެވެ. މިކަން މިމަގުން ކުރިއަށްދާތާ ދަހަރުތަކެއް ވަނީ ވެފައެވެ. އެކަމަކު ހުޅަނގުގެ މީޑިއާއަށް މިކަން ފެންނަގޮތް ތަފާތެވެ. އަޅާ އައިނުގެ ނަމްބަރު ދިމާނުވަނީއެވެ. މިނިވަން މީޑިއާއޭ ޑިމޮކްރަސީގެ ނަމޫނާއެކޭ ކިޔަކަސް އެމީޑިއާ ހަގީގަތުގައި މިނިވަނެއް ނޫނެވެ. ތިބީ މަޖުބޫރު ކުރުމެއްގެ ތެރޭގައެވެ. ބިރުދެެއްކުމެއްގެ ތެރޭގައެވެ. ދުނިޔޭގެ މީސްތަކުންނަށް މިހާރު ހަގީގަތް އެބަފެނެއެވެ. ޖަރީމާތައް ހިންގާ މީހުންނާއި އެމީހުންނަށް ހިތްވަރުދޭ މީހުންނާއި މިކަންކަން ރާވައިދޭ މީހުންވެސް އެބައެނގެއެވެ. ޚާއްސަކޮށް ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ފާޅުގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން އިހު ފަރުދާވެ ފޮރުވިފައިހުރި ކަންކަން ފަރުދާގެ ކުރިމައްޗަށްއައިސް ތިލަވެއްޖެއެވެ. ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމަށް އޮތް ނުރައްކަލަކީ މުސްލިމުން ނޫންކަމާއި އެނުރައްކަލަކީ ޒަޔަނިސްޓުންކަން އެންމެނަށްވެސް އޮޅުންފިލައި މޭރުން ވެއްޖެއެވެ. ޔަހޫދީ ޒަޔަނިސްޓުންނާއި ނަސާރާ ޒަޔަނިސްޓުންނެވެ.
އިމާދު ލަތީފު
ކޮމެންޓް