ޚަބަރު

ސްކޫލްތައް ހުޅުވުމާ ގުޅިގެން، މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފި

މަރިޔަމް ޝަހުދާ

ސްކޫލުތައް ހުޅުވުމާ ގުޅިގެން އަނެއްކާވެސް މުދާ އުފުލޭނެ ވަކި ގަޑިތަކެއް ޓްރާންސްޕޯޓު އޮތީރިޓީން ކަނޑައަޅައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ސްކޫލުތައް ބަންދު ކުރުމާއެކު ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އަލުން ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިތަކެއްގައިވެސް މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކޮށްގެން މާލެތެރޭގައި މުދާ އުފުލުމުގެ ހުއްދައާއި ބުރިޖު މަތީގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ދީފައެވެ.

ނިއު ނޯމަލް ގައި މިއަދު އަލުން ސްކޫލުތައް ހުޅުވި އިރު، ޓްރާންސްޕޯޓުން ވަނީ މިއަދުން ފެށިގެން އަމަލު ކުރަން ޖެހޭ ގޮތަށް މުދާ އުފުލޭނެ ވަކި ގަޑިތަކެއް ކަނޑައަޅައި އެކަން އިއުލާނު ކޮށްފައެވެ.

އެގޮތުން މާލެ އާއި ހުޅުމަލޭގައިވެސް 350 ކިލޯ އިން ދަށުގެ ޕިކަޕަށް 24 ގަޑިއިރު ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ. ހުރިހާ ގިންތިއެއްގެ އުޅަނދު ތަކަށްވެސް ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރު 13:30 އިން އަނެއް ދުވަހުގެ ހެންދުނު 6:00 އަށް ފެނާއި ގޭސް ފިޔަވައި އެހެން މުދާ އުފުލޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ވަނީ 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދަކަށް ހެނދުނު 11:30 އާއި މެންދުރު 13:30 އާއި ދެމެދު މުދާ އުފުލުން މަނާ ކަމަށް ކަނޑައަޅައިފައެވެ. ހަވީރު 18:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދެއްގައިވެސް ފެން އަދި ގޭސް އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.

ބްރިޖު މަތީގައި މުދާ އުފުލުމުގައި އުޅޭ ދެ ޓަނުން މަތީގެ އުޅަނދުތަކަށް ބްރިޖު މަތިން މުދާ ހިފައިގެން ދަތުރު ކުރެވޭނީ ހަވީރު 18:00 އާއި ހެނދުނު 06:00 އާއި ދެމެދު ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ހުޅުމާލެއަށް މުދާ ގެންދިއުމުގައި އުޅޭ ދެ ޓަނުން ދަށުގެ އުޅަނދުތަކަށް ބްރިޖު މަތިން 24 ގަޑިއިރު މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ. ނަމަވެސް މި އުޅަނދުތައް ދަތުރު ކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި އުފުލުމުގައި އަމަލު ކުރަންވީ ކުރިންވެސް އަމަލު ކުރަމުން އައި ފަދައިން ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީންވަނީ ބުނެފައެވެ. އެއީ މާލެ އަދި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި އިމާރާތް ކުރުމަށް ބޭނުން ކުރާ ގާ، ހުރިހާ ގިންތިއެއްގެ އުޅަނދެއްގައިވެސް އުފުލޭނީ ހަވީރު 18:00 އާއި ހެނދުނު 06:00 އާ ދެމެދު ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.