މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާ އާންމު ހާލަތުގެ ދަށުން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތައް ހުޅުވައި، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތައް މާދަމާއިން ފެށިގެން އޮޕަރޭޝަނަށް ހުޅުވާލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ކަންކަން މެނޭޖްކުރަމުން އަންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ އޮޕަރޭޝަންތައް މާދަމާ އިން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އެތަނުގެ މަސައްކަތްތައް މާދަމާ އިން ފެށިގެން ކުރާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

ލޮކްޑައުން އަށް އިތުރު ލުއިތަކެއް މާދަމާއިން ފެށިގެން ދޭއިރު، ކޮވިޑް ނެތް ރަށްރަށުގެ ކިޔެވުން ވެސް ފެށޭނެ އެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ވެސް އަންނަ މަހުގެ 15 ގައި ހުޅުވާލައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަވެސް ދޭން ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހު މީގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.