ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީތައް ހިންގައި، ގާނޫނުހަދައި، ޝަރީއަތް ހިންގާނަމަ، ސަރުކާރު އޮތުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ހިންގަނީ އެސޯސިއޭޝަންގެ ހިންގާ ގަވައިދާއި، ކުޅިވަރުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅަން ގޮވާލައި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، އެ މައްސަލައަކީ ގާނޫނާ ހިލާފަށް، ގާނޫނުން ނެތް ބާރެއް ބޭނުންކޮށްގެން އަލީ އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
މި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން ޝަރީފް ވިދާޅުވީ، ވަކި ބަޔަކު ގާނޫނާ ހިލާފުވެއްޖެކަން ކަނޑައަޅައި، ވަޒީރެއްގެ މައްޗަށް ވަކި އަމުރެއް ނެރުމަށް މަޖިލީހަށް މައްސަލައެއް ހުށަ ނޭޅޭނެ ކަމަށެވެ.
"ގާނޫނާ ހިލާފަށް މި މައްސލަ ހުށަހެޅީ، މިހާރު މިތަން ވެއްޖެ ޝަރީއަތް ކުރާތަނަކަށް، ހުކުމް ކުރާތަނަކަށް، މިތަން ވެއްޖެ ބަދަލު ހިފުމަށް މައްސަލަތައް ހުށަހަޅާ ތަނަކަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބަޔަކު ގާނޫނާ ހިލާފު ވެއްޖެނަމަ އެމައްސަލަ ހުށަހަޅަން ޖެހޭނީ ކޯޓަށް ކަމަށެވެ. ވަޒީރަކު މަޖިލީިހަށް ޖަވާބުދާރީ ކުރުވޭނީ، އެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްގެންނާއި، އިތުބާރު ނެތް ނަމަ މަޖިލީހުން އެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ކަމަށެވެ.
ނަމަވެސް މަޖިލީހަށް މައްސަލައެއް ވައްދައިގެން ވަޒީރަކަށް ނުވަތަ، މުއައްސަސާއަކަށް ވަކިކަމެއް ކުރަން ވަކި ގޮތަކަށް ކުރަން މަޖިލީހުން އަމުރެއް ނުނެރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ސަރުކާރުގެ ވަކި ވުޒާރާއަށް ވަކިކަމެއް ވަކި ގޮތަކަށް ލާޒިމްކޮށް އަމުރު ކުރަން މިތަނަށް މައްސަލައެއް ހުށަހަޅައިގެން ވަލު ދޮރާށިން ވަންނަ ވަނުމަކީ ރާއްޖޭގައި އޮތް ޖުމްހޫރިއްޔާގެ ތިންބާރު ވަކިކޮށްފައިވާ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،،" ޝަރީފް ވިދާޅުވިއެެވެ.
ޝަރީފް ވިދާޅުވީ އެ ކަންކަމަކީ މަބަރުލަމާނީ ނިޒާމުގެ ސިފައެއްވެސް ނޫން ކަމަށެވެ.
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު