އައްޑޫ ސިޓީ/ މަރަދޫން މުހައްމަދު އިޝާން (ވަން އޮންލައިން)
ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލުނަސް ހެޔޮކަމަށް ނިންމައިގެން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ބައްދަލު ކުރައްވާފައިވަނީ މަރަދޫ އަދި މަރަފޫދޭފޫގެ ރައްޔިތުންނާއެވެ. އިރުޝާދިއްޔާ ސްކޫލުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޝަރީފު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށާއި އެމްޑީޕީން އައްޑޫގެ އެކި އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.
"ޕީޕީއެމް ޕީއެންސީގެ ކޯލިޝަނާ އަޅުގަނޑު ގުޅުނީ ވަރަށް ވިސްނާފައި. އަޅުގަނޑުގެ މެމްބަރުކަން ގެއްލުނަސް ވަރިހަމަކަށް ވިސްނާފައި. އެކަންވީވެސް ހަމަ އެހެން. ކީއްވެގެންތޯ އަޅުގަނޑު ޕީއެންސީއާ ގުޅުނީ. މި ގައުމު ހަލަބޮލިކޮށް މި ގައުމުގައި ހުޅުރޯކޮށްލަން އެމްޑީޕީގެ މިއަދުގެ ލީޑާޝިޕުން ރާވާ ރޭވުމަށް ނުރުހުންވެ،" ޝަރީފު ވިދާޅުވިއެވެ.
އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ގައުމު އިގުތިސޯދު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާޢި ނަމަވެސް ރައީސް މުއިއްޒުގެ ޓީމުން، ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އަޅުވާނެކަން ޔަގީންވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި ހުރިހާ ދަރަންޏެއް ރައީސް މުއިއްޒުގެ ސަރުކާރުން ހަލާސްކުރައްވާނެ ކަމަށެވެ. އަދި އޭނާއަކީ މަޖިލީހުގައި ފަސް ދައުރު އަދާކުރައްވާފައިވާ މީހަކަށްވުމުން، ގައުމަށް އެންމެ ފައިދާ ހުރި ގޮތުގައި ކަންކަން ކުރެވޭނީ ރައީސް މުއިއްޒަށްކަން ޔަގީންވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ގެންދަވަނީ ކަންކަން ހާސިލުކުރައްވާނެކަން އުއްމީދާއެކު ސާބިތުކޮށްދެމުން ކަމަށާއި ކުރީގެ ރައީސް ސޯލިހަށް ކަމެއްގައި ގުޅުއްވުމުން ޖަވާބުވެސް ނުދެއްވާ ކަމަށާއި ނަމަވެސް ރައީސް މުއިއްޒު، ހަމަ ވަގުތުން ޖަވާބު ދެއްވައި އެކަންކަމަށް ހައްލު ގެންނަން މަސައްކަތް ކުރައްވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު