ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަކީ، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ބުނާ މަސްލަހަތު ފުށުއަރާ މެންބަރަކަށް ވާނީ އަފީފަށް ރިޔާސަތުގައި ނީންނެވޭނެ ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވެއްޖެއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ނާއިބު ރައީސަށް އެކަނި ކަމަށް މަޖިލިސް އިދާރާއިން ނިންމުން ގާނޫނު އަސާސީއާ ހިލާފު ކަމަށާއި ނާއިބު ރައީސް އުޒުރުވެރިވާނަމަ މަޖިލިސް ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އެހެން މެންބަރުންނަށްވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ނަމަވެސް އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ މެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް މަޖިލިސް ތަޅުމުގައި މިއަދުވެސް އުފެދުނެވެ.
ޑިމޮކްރޭޓްސް އިން ބުނަނީ އެ ގަރާރަކީ މަޖިލިސް ގަވާއިދުގައި ބުނާ ސިފަތައް ހަމަނުވާ ގަރާރަކަށް ވާތީ އެ ގަރާރު އެޖެންޑާ ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
އެކަން ފާހަގަ ކުރައްވައި ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގެ ބައެެއް މާއްދާތަކަށް ހަވާލާ ދެއްވައި، އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ގަރާރުތަކުގައި ދީބާޖާއެއް އޮންނަންވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވާއިރު، އެ ގަރާރުގައި އެބައި ނުހިމެނޭ ކަމަށެވެ. އެހެންކަމުން އެއީ މަޖިލިސް ގަވާއިދުގައި ބުނާ ސިފަތައް ހަމަނުވާ ގަރާރެއް ކަމަށް ބުނެ އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން ވާހަކަ ދެއްކެވީ އަލީ އާޒިމްގެ ވާހަކައަށް ތާއީދު ކޮށެވެ.
އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަޖިލިސް ރިޔާސަތުގައި އަފީފު އިންނެވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަފީފަކީ އެ މައްސަލައިގައި، މަސްލަހަތު ފުށުއަރާ ބޭފުޅެއް ކަން ފާހަގަ ކުރައްވައި، އެ މައްސަލައިގެ މަސްލަހަތު އޮތް ބޭފުޅަކު މަޖިލިސް ރިޔާސަތުގައި ނުބޭންދުމަށް އޭނާ މަޖިލީހުގެ އަމީންއާއްމަށް ދެންނެވިއެވެ.
"އެއް ކަމަކީ މި ގަރާރަކީ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ ގަރާރެއް، ދެވަނަ ވާހަކައަކީ ގާނޫނުއަސާސީއާ ހިލާފަށް ރިޔާސަތުގައި އިންނަވާ ބޭފުޅާ ފުރުސަތު ދެއްވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ރިޔާސަތުގައި ތިހުންނެވީ، މަނިކުފާނަކީ މި މައްސަލައިގައި މަސްލަހަތު އޮތް ބޭފުޅެއް، އެހެންކަމުން ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ޖަލްސާއަށް ހުރަސް އަޅަނީ އަޅުގަނޑު އަމީންއާއްމަށް ދަންނަވަން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަސްލަހަތު ފުށުއަރާ ބޭފުޅެއް ރިޔާސަތުގައި ނުބެހެއްޓެވުމަށް،"
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ، މަޖިލިސް ރައީސް އާއި އަފީފަކީ ޑިމޮކްރެޓްސް ޕާޓީގެ ދެ މެންބަރުން ކަމުން އެ މައްސަލައިގައި އަފީފުގެ މަސްލަހަތު ހިމެނޭ ކަމަށެވެ. އެހެންކަމުން ޖަލްސާގެ ރިޔާސަތުގައި އަފީފަށް ނީންނެވޭނެ ކަަމަށް ރޮޒެއިނާވެސް ވިދާޅުވިއެވެ. އެމްޑީޕީގެ މެންބަރުން ވަނީ އެކަމުގައި ޝަރީފް އާއި ރޮޒެއިނާ ދެއްކި ވާހަކައަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ނަަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލިސް ގަވާއިދާ ހިލާފު ކަމަށްބުނެ، އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ ބަލައިގަނެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަފީފު ނިންމެވިއެވެ. އަދި އެމްޑީޕީން ހުށަހެޅި ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ ގަރާރު ގަވާއިދާ އެއްގޮތަށް އަލުން ހުށަހެޅުމަށް އަންގަވައި މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު