ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ރިޔާސަތު ބަދަލު ކުރެއްވިގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގެން މަޖިލީހުގެ ނައިބު ރައީސް ތަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރަން ފެއްޓެވުމުން މަޖިލިސް ޖަލްސާ މެދު ކަނޑާލައިފިއެވެ.

އަސްލަމް، ޝަރީފާ ރިޔާސަތު ހަވާލު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުގެ ހުވައި ކުރެއްވުމަށް ވަޑައިގެންނެވުމަށެވެ.

ނަމަވެސް އެވަގުތު އީވާ މަޖިލިސް ތަޅުމަށް ހާޒިރުވެ ވަޑައިގެންނެތެވެ. ލައިވް ސްޓްރީމުންވެސް އޭނާ ފެންނާކަށްނެތެވެ.

ޝަރީފަށް ރިޔާސަތު ހަވާލު ކުރައްވަމުން އަސްލަމް ވިދާޅުވީ، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި ކުރައްވަން ވަޑައިގަންނަވަން ޖެހޭތީ، މަޖިލިސް ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ނެތުމާއެކު މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ބޭފުޅަކު ރިޔާސަތަށް ވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެއަށްފަހު ވިދާޅުވީ އެވަގުތު ޖަލްސާގައި ވަޑައިގެން އިންނެވީ ޝަރީފު ކަމަށެވެ. އެހެންކަމުން ރިޔާސަތަށް ވަޑައިގަތުމަށް އަސްލަމް ޝަރީފަށް ދެންނެވިއެވެ.

ޝަރީފަކީ މަޖިލީސް ރައީސް އާއި ނައިބު ރައީސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވަޑައިނުގެންނެވޭ ހާލަތުގައި ރިޔާސަތު ބަލަޙައްޓަވަން މަޖިލިސް ގަވާއިދުގެ 44 ވަަނަ މާއްދާއިން ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ.

އަސްލަމް ޝަރީފާ ރިޔާސަތު ހަވާލު ކުރައްވައި ވަޑައިގެންނެވުމުން، އޭރު މަޖިލިސް ތަޅުމުގައި ކުރިއަށްދިޔަ ސަޕްލިމެންޓް ބަޖެޓްގެ ބަހުސްގައި ވާހަކަ ދެއްކުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމަށް، ޝަރީފް ފުރުސަތު ދެއްވިއެވެ.

ޝަހީމްގެ ވާހަކަ ފެއްޓެވިތާ ކުޑަ އިރުކޮޅެއްފަހުން އީވާ މަޖިލިސް ތަޅުމަށް ވަންނަވައި ނިޒާމީ މައްސަލައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އަސްލަމް މަޖިލިސް ރައިސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، މެންބަރަކު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ނިޒާމީ ނުކުތާ ނުދޭން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޝަރީފް އީވާއަށް ފުރުސަތެއް ނުދެއްވިއެވެ.

ނަމަވެސް ނިޒާމީ މައްސަލައަށް ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވުމަށްފަހު ދެން އީވާ ވިދާޅުވެމުން ގެންދެވީ އޭނާއަކީ މިހާރުވެސް މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އެހެންކަމުން އޭނާ މަޖިލިސް ތަޅުމުގައި ހުންނަވަނިކޮށް ޖަލްސާގެ ރިޔާސަތު އެހެން ބޭފުޅަކާ ހަވާލު ނުކުރެވޭނެ ކަމަށާއި އެއީ މަޖިލިސް ގަވާއިދާ ހިލާފަށްކުރި ކަމެއް ކަމަށްވެސް އަޑުގަދަކުރައްވަމުން ވިދާޅުވިއެވެ. އަދި އޭނާ ހުންނަވަނިކޮށް ޖަލްސާގެ ރިޔާސަތު އެހެން މީހަކާ ހަވާލުކުރިގޮތް އޮޅުންފިލުވައިދެއްވުމަށްވެސް ގޮވަމުން ގެންދެވިއެވެ.

ނަމަވެސް ރިޔާސަތުން އެކަމަށް އެއްޗެއް ވިދާޅު ނުވުމުން އެވަގުތު ވާހަކަ ދައްކަވަން ހުންނެވި މެންބަރު ޝަހީމުގެ އަރިހަށް ވަޑައިގެން އޭނާ ވާހަކަދައްކަވަމުން ގެންދެވި މައިކުގައި ހަމަ އެވާހަތައް ގޮވައި އަޑުގަދަކުރަން ފެއްޓެވިއެވެ.

އެކަމާ ގުޅިގެން، ވާހަކަ ދައްކަވަމުން ގެންދަވާ މެންބަރަށް އުނދަގޫ ނުކުރެއްވުމަށާއި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ޝަރީފް ތަކުރާރުކޮށް އީވާއަށް ދަންނަވަމުން ގެންދެވިއެވެ.

އެންމެފަހުން އެކަން ނުކުޓުމުން، ޝަރީފް އީވާގެ ނަން އިއްވެވިއެވެ. ނަމަވެސް އޭގެ ފަހުންވެސް އީވާ ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. އެންމެފަހުން މަޖިލީހުގެ ގަވާއިދާ އިދިކޮޅަށް މަސައްކަތް ކުރައްވައި، ވާހަކަ ދައްކަވަމުން ގެންދަވާ މެންބަރުންނަށް އީވާ އުނދަގޫ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޝަރީފް މަޖިލިސް ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.