ސްކޫލެއްގެ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ޓީޗަރެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށް، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރުގެ ތެރޭގައި ސްކޫލެއްގައި ކިޔަވައިދެމުންދިޔަ އަހުމަދު ޝަރީފް ނަމަކަށް ކިޔާ ޓީޗަރަކު، އޭނާ ކިޔަވައިދިން ކުލާހެއްގެ އަންހެން ދަރިވަރުންތަކަކާމެދު އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލުތަކެއް ހިންގި ކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ.

މި މައްސަލަ ދަށު ކޯޓުގައި ހިނގައި، 19 ޑިސެންބަރު 2023 ގައި އެ ކޯޓުން ނިންމާފައިވަނީ އަހުމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ދަށު ކޯޓުން އެގޮތަށް ކަނޑައެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ބާވަތުގެ ހެކި ހަމަނުވާކަމަށް ބަލައިގެންނާއި، ކުދިންގެ ކިޔައިދިނުންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ބެލުމުގެ އިތުރުން އަހްމަދު ޝަރީފްގެ ކިބައިގައި ހުރި ލޮލަށް ފެނުމާއި އަޑުއިވުމުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކުށުގެ މައުނަވީ ރުކުން ފުރިހަމަނުވާ ކަމަށް ދެކިގެންނެވެ.

ދަށު ކޯޓުގެ އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ކުށް ސާބިތުވާ މިންވަރަށް ހެކިބަސް ލިބިފައިވަނިކޮށް، ދަށު ކޯޓުން އެ ހެކިތަކަށް ފުރިހަމައަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް ދަށު ކޯޓުތަކުން ތަބާވާންޖެހޭނެކަމަށް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދަށު ކޯޓުން ހިލާފުވެފައިވާކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

އެގޮތުން ޝަރީއަތަށް ބަސް ލިބިފައިވާ އަންހެން ކުދިންނާއި ތަހުގީގަށް ބަޔާން ދިން ކުދިންގެ ވާހަކަތަކުންވެސް އަހުމަދު ޝަރީފް އެކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށާއި، ކުލާހުގައި ވަކިން ތިބޭ ފިރިހެން ކުދިންނަށް މި މަންޒަރުތައް ނުފެނުމަކީ ކުށް ސާބިތުނުވާންވީ ސަބަބެއް ނޫންކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން އަހުމަދު ޝަރީފުގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގައި ކުރި ދައުވާގައި އޭނާ ކުދިންގެ ގައިގައި އަތްލާފައިވަނީ ޖިންސީ ނިޔަތެއްގައިކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އޭނާއަކީ ލޮލަށް ފެނުމުގެ މައްސަލަތަކެއް ހުންނަ މީހަކަށް ވާތީ، ޖިންސީ ނިޔަތެއް ނެތި ކުދިންގެ ގައިގައި ޖެހިފައި އޮވެދާނެ ކަމަށާއި، ކުލާހުގެ ފިރިހެން ކުދިންނަށް މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ، ދަށު ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު ހުކުމުގެ ރައުޔުގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ބާވަތުގެ ހެކި ކޮންމެހެން ހަމަނުވި ނަމަވެސް، ސުޕްރީމް ކޯޓުން އަހުމަދު މުހުތާރުގެ ގަޒިއްޔާ އަދި މުހައްމަދު ނަސީރުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، ޝައްކެއްނެތް މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ނަމަ، ކުށް ސާބިތުވާނެ ކަމަށެވެ.

އަދި އަނިޔާ ލިބުނު ކޮންމެ ކުއްޖެއްގެ ބައި ވަކިވަކިން ހައިކޯޓުން ވަޒަންކުރިއިރު، އެ ކުދިން ކަން ހިނގި ގޮތް ތަފުސީލުކޮށް ކިޔައިދީފައިވާތީ އެ ކިޔައިދިނުންތަކުގައި އެތެރެފުށުގެ އެއްގޮތްކަން ހުރިކަމާއި، އެއް ކުއްޖެއްގެ ބަހަށް އަނެއް ކުއްޖެއްގެ ބަހުންނާއި ބެލެނިވެރިންގެ ބަހުން ބާރު ލިބޭތީ ބޭރުފުށުގެ އެއްގޮތްކަންވެސް ފުރިހަމަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މީގެއިތުރުން، އެ ކުދިން އަހުމަދު ޝަރީފާ މެދު ދޮގު ތުހުމަތެއް ކުރުމަށްޓަކައި އެއްވެސް ނުބައި ނިޔަތެއް ނުވަތަ ރޭވުމެއް އޮތްކަން އެނގެން ނެތް ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. އަހުމަދު ޝަރީފުގެ ލޮލަށް ފެނުމާއި އަޑުއިވުމުގެ އުނިކަމެއް ހުރި ނަމަވެސް، ކުދިންނާމެދު އޭނާ ހިންގާފައިވާކަމަށް ސާބިތުވާ އަމަލުތަކަކީ އާންމު ވިސްނުމަކުން ބަލާއިރު ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތެއް ނެތި މީހަކު ކުރާނެ ފަދަ ކަންކަން ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން ކުށުގެ މައުނަވީ ރުކުން ފުރިހަމަވާ ކަމަށާއި، އަހުމަދު ޝަރީފަކީ އެ ކުދިން ތައުލީމު ހާސިލުކުރަމުންދިޔަ ސްކޫލުގެ މުދައްރިސަކަށް ވާތީ، އޭނާއަކީ އެ ކުދިން އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި ފަރާތެއްކަން ޝައްކެއްނެތި ސާބިތުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން، ދަށު ކޯޓުން އަހުމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައިވަނީ ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް ކަމުގައި ކަނޑައަޅައި، ދަށު ކޯޓުގެ ހުކުމް ބާތިލުކަމަށް ކަނޑައަޅައި، އަހުމަދު ޝަރީފު 15 އަހަރަށް ޖަލަށްލުމަށް ފަނޑިޔާރު ރައުޔު ކަނޑައެޅުއްވިއެވެ.

އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު މަޒީދު ވިދާޅުވީ އަހުމަދު ޝަރީފުގެ މައްޗަށް ކޮށްފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އަހުމަދު ޝަރީފު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި، އަހުމަދު ޝަރީފު ތަންފީޒުކުރަންޖެހޭ ޖަލު އަދަބުން 35 ދުވަސް އުނިކުރާ ކަމަށެވެ.