ކެނަބިލް ޓްރެފިކް ކުރި މައްސަލައިގައި ލ. ގަން ވައްކަރު އަހްމަދު ރަޝީދު އުމުރަށް ޖަަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު، ލ. ގަން ނީލްވިލާ ބޯޓުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ކުރިއަށްގެދިޔަ އޮަޕަރޭޝަނަކާ ގުޅޭ މައްސަލައެވެ.

އެ ދޯނި ގަމަށް ލެފީ، އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް ތިއްބައެވެ. އަދި ނީލްވިލާ ބޯޓުން ރީނދޫ ކުލައިގެ ދަބަހެއް ހިފައިގެން އަހްމަދު ރަޝީދު ފައިބަނިކޮށްފެނިގެން ފުލުހުން އޭނާ ހުއްޓުވިއެވެ. އަދި އޭނާގެ ހަށިގަނޑާއ،ި ކޮނޑުގައި އޮތް ރީނދު ކުލައިގެ ދަބަހެއް ބަލައި ފާސްކުރިއެވެ.

މި ދަބަސް ބަލައި ފާސްކުރިއިރު އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ރަބަރު ޕެކެޓަކާއި ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތްފިލްމު ހުސްކުރި ދަޅެއް ދަބަހުގެ ތެރެއިން ފުލުހުންނަށް ފެނުނެވެ

އެ ތަކެތީގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭތީ ތަހުލީލުކޮށް ބެލިއިރު ދަބަސް ތެރެއިން ފެނުނު ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅުގައި ހުރީ ކެނެބިސް ތަހްލީލު ރިޕޯޓުން ދެއްކިއެވެ.

މި މައްސަލައިގައި އަހްމަދު ރަޝީދު ހައްޔަރުކޮށް، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ލ. ގަން މެޖިސްޓްރޭޓް ކޯޓުގައި އޭނާގެ މައްޗަށް ދައުލަތުން ކުރިއެވެ.

މައްސަލައިގައި، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަަށް ކަނޑައަޅައި، އުމުރަށް ޖަލަށް ލުމާއެކު 100.000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސަ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން އަހްމަދު ރަޝީދުގެ މައްޗަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް އެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެ ހުކުމުގެ މައްސަލަ އަހްމަދު ރަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅިއެވެ.

އިސްތިއުނާފް މައްސަލަ ބެއްލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކުރީ، އަހްމަދު ރަޝީދުގެ މައްޗަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.