ފޭސްބުކް ޕޯސްޓެއްގެ މައްސަލައިގައި، ހައިކޯޓުގެ ޑިޕިއުޓީ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމުން މ. މޮޑަންކޮމެޓް، މުހައްމަދު ނިޒާމް ވަކިކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، 20 ޖެނުއަރީ 2019 އިން ފެށިގެން، މ. މޮޑަންކޮމެޓް، މުހައްމަދު ނިޒާމް، އަދާކުރަމުންދިޔަ ހައިކޯޓުގެ ޑިޕިއުޓީ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމުގައި ހުރެ، ފޭސްބުކްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފުވެފައިވާތީ، އޭނާ މަގާމުން ވަކިކުރި މައްސަލައެކެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނިޒާމް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ މައްޗަށް އެއްވެސް އިދާރީ ފިޔަވަޅެއް އެޅުމެއްނެތި އަދި ސަބަބެއް އެންގުމަކާނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުގެ ޗިޓު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެހެންކަމުން ޓްރައިބިއުނަލްގައި އޭނާ އެދިފައިވަނީ ޓްރައިބިއުނަލުންވެސް އެގޮތަށް ކަނޑައަޅައިދިނުމަށާއި، ނިޒާމް އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ މަގާމު ހުސްކޮށް ނެތްނަމަ އެ ފެންވަރުގެ އެހެން މަގާމެއް އިއާދަކޮށްދިނުމަށެވެ.

އަދި އޭނާއަކީ، ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމަށް ނުބެލުމަށާއި، އޭނާ އަދާކުރަމުންދިޔަ މަގާމުގެ މުސާރަ އާއި އިނާޔަތްތަކާއި އެ ވަޒީފާގައި ހުރިނަމަ ލިބޭނެ ވަޒީފާގެ އެހެނިހެން ހައްގުތައް ލިބިދިނުމަށް ވެސް ހުށަހެޅިއެވެ.

ނަމަވެސް ޓްރައިބިއުނަލުން ނިންމީ، ނިޒާމް ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާތީ، އޭނާ އެދުނުގޮތަށް މައްސަލަ ނިންމައިދެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި ޓްރއިބިއުނަލްގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ނިޒާމްގެ ފަރާތުން މި މައްސަަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ.

މައްސަަލަ ބެލުމަށްފަހު ހައިކޯޓުން ހުކުމް ކުރީ، ޓްރައިބިއުނަލްގެ ނިންމުން ބާތިލު ކުރުމަށެވެ. އަދި ނިޒާމަށް ގާނޫނީގޮތުން ލިބެންޖެހޭ ފަރުވާއަކީ ކޮބައިކަން ޓްރައިބިއުނަލުން ކަނޑައަޅައި، އެ ފަރުވާ ލިބިދިނުމަށްޓަކައި އެ މައްސަލަ އަލުން ޓްރައިބިއުނަލަށް ތަހުވީލު ކުރުމަށްވެސް ހުކުމްކުރިއެވެ.

ނަމަވެސް ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ، ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުން ބާތިލު ކޮށްފައިވަނީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލު ކަމަށް ކަނޑައަޅައި، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމަކީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.