ގއ. ނިލަންދޫގައި ތޫނު ހަތިޔާރާއެކު މަގުމައްޗަށް ނުކުމެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ހަސަނާއި ހަމަ އެ ރަށު ސަރްދީގެ، އަލީ އިބްރާހީމްގެ މައްޗަށެވެ. މި ދެ މީހުން 29 މެއި 2025 ވަނަ ދުވަހުގެ ރޭ ނިލަންދޫ މަގުމަތީގައި އަޑުގަދަކޮށް، ތޫނު ހަތިޔާރު ގެންގުޅެ، މާރާމާރީ ހިންގައި ރަށުގެ އަމާންކަން ނަގާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް 23 ޖުލައި 2025 ގައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދައުވާ ހުށަހެޅީ ޕީޖީ އޮފީހުންނެވެ.

މުއުމިން ހަސަންގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. ފުރަތަމަ ދައުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އާންމު ތަނެއްގައި ބިރު އުފެދޭ ގޮތަށް އަމަލުކުރުމުގެ ދައުވާއެވެ. އަލީ އިބްރާހީމްގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ބިރު ހީވާނެކަން އެނގިހުރެ، މާރާމާރީހިންގައި، ތަޅައިފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުމުގެ ދައުވާއެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދައުވާގައި ބަޔާންކޮށްފައިވާ އަމަލުތައް އެ ރޭ މި ދެ މީހުން ހިންގިކަމަށް ދައުލަތުން ހުށަހެޅި ހަތަރު ޝަފަހީ ހެކިން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވެއެވެ. އޭގެ އިތުރުން ހުށަހެޅުނު ފޮޓޯ ރިޕޯޓުންވެސް އެކަން ސާފުވާން އޮތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެހެންނަމަވެސް އިއްޔެ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ ދައުވާތައް ސާބިތުނުވާ ކަމަށެވެ. ކޯޓުން އެ ނިންމުން ބިނާކުރީ ދައުވާ ފޯމުގައި ކުށުގެ އަމަލު ހިނގި ސަރަހައްދު ލިޔުމުގައި ކުށެއް ހެދިފައި އޮތުމުގެ މައްޗަށެވެ. ޝަރީއަތުގެ އަޑުއެހުންތައް ފެށުމާއެކު ދައުވާ ލިބޭ ފަރާތުން ވަނީ "މޯނިން ހައުސް" ކިޔާ ގެއެއް އެ ރަށުގައި އަސްލު ނުވެސް ހުންނަކަން ފާހަގަކޮށްފައެވެ. އަދި ދައުލަތުން ހުށަހެޅި ހަތަރު ހެކިން ވެސް ކޯޓުގައި ބުނެފައިވަނީ މި ހާދިސާ ހިނގީ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ. އެއާއެކު، ދައުލަތުން ވަނީ އެއީ ލިޔުމުގެ ކުށެއް ކަމަށް ބުނެ، ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުސަތަކަށް އެދިފައެވެ.

މި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހައްމާދު ވާފިރު ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު، މުޅި ދައުވާ ބިނާވެފައިވާ އަސާސީ ކަންކަން ބަދަލުކުރުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންނުދޭ ކަމަށެވެ.

މީގެ އިތުރުން، ދައުވާ ފޯމުގެ އިތުރުން ފުލުހުންގެ ތަހުގީގު ބަޔާނުގައި ވެސް ލިޔެފައިވަނީ "މޯނިން ހައުސް" ކަމަށްވުމުން، ހެކިންގެ ވާހަކަތަކާއި ދައުލަތުގެ ލިޔެކިޔުންތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރިއެވެ.

އެހެންކަމުން، ހާދިސާ ހިނގި ތަނާމެދު އުފެދުނު މި ބޮޑު ފުށުއެރުމުގެ ސަބަބުން، ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ގާނޫނުއަސާސީ ލާޒިމުކުރާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" ހަމަނުވާތީ، މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށް މައްސަލަ ނިންމާލައިފައެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި، ދައުވާ ފޯމުގައި ހެދިފައިވަނީ އިދާރީ ކުށެއް ކަމާއި ރަނގަޅު ގޮތް ޝަރީއަތުގެ މަޖިލީހުގައި ސާފުކޮށްދެވިފައިވެއެވެ. މި ދައުވާތައް ސާބިތުކުރަން ދައުލަތުން ދައްކަންޖެހެނީ އާންމު ތަނެއްގައި އެ އަމަލު ހިންގިކަން ކަމަށާއި، ވަކި ހާއްސަ ތަނެއް ކައިރީގައި ކުރި ކަމަށް ވުމަކީ ކުށުގެ އުންސުރެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 85 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ދައުވާ ފޯމުގައި އެފަދަ ކުށެއް ލިޔެވިފައި އޮތުމުން ދައުވާ ލިބޭ ފަރާތަށް ދައުވާ އޮޅިގެންދާ ހާލަތެއް ނެތް ނަމަ ދައުވާއަށް އެކަމުން އަސަރު ނުކުރާނެ ކަމަށް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ސަބަބުތަކަށް ރިއާޔަތްކޮށް، ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފައެވެ.