ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ ނުވަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހައކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އިބްރާހީމް މާހިރު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޝަރުއީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި ވަކީލުން ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން މިހާރު ޑްރަގް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީ އާދަމް އާރިފްވެސް ހިމެނިވަޑައިގަންނަވައެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލި ބޭފުޅުން:
- ޝުޖާއު އުސްމާން
- އާދަމް އާރިފް
- ހަސަން ފަހީމް އިބްރާހީމް
- އަހުމަދު ޒިޔާދު
- އަލީ ރިޒާ އިސްމާއީލް
- މުހައްމަދު އިބްރާހީމް
- އަބްދުއްސަލާމް
- އަހުމަދު ޝިފާއު
- މަރްޔަމް ހަނީފާ ހާލިދު
ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމުގެ މަރުހަލާއެވެ. އަދި ޝަރުތު ހަމަވާ ބޭފުޅުންނާ އެކު އިންޓަވިއު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.
ހައި ކޯޓަށް އާ ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅަކީ، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހީ ބިލެއް ހުށަހަޅާފައިވާ ވަގުތެކެވެ.
ކޮމެންޓް