މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން އިންޑިއާ އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.
ބަންގްލަދޭޝްގައި މިއަހަރު ނޮވެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ގުރު ނެގުން މިއަދު އޮތީ ބޫޓާންގެ ތިމްޕޫގައެވެ. ރާއްޖޭން މިފަހަރު މުބާރާތުގެ ގްރޫޕް ބީގައި ހިމެނިފައިވާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީވެސް ތިން ޓީމެވެ.
ރާއްޖެއާއި އެންމެފަހުގެ ޗެމްޕިއަން އިންޑިއާ އަދި ޕާކިސްތާން ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ އިރު، އަނެއް ގްރޫޕްގައި ދެން ހިމެނެނީ ހޯސްޓް ބަންގްލަދޭޝްއާއި ބޫޓާން އަދި ސްރީ ލަންކާއެވެ. މިއަދު ނެގި ގުރުގައި ނޭޕާލް ހިމެނިފައި ނުވަނީ އެގައުމު މިވަގުތު ސަސްޕެންޝަނުގައި އޮތުމުންނެވެ.
ސާފުން ބުނެފައި ވަނީ ނޭޕާލް މިވަގުތު ސަސްޕެންޝަނުގައި އޮތް ނަމަވެސް، ފީފާގެ ސަސްޕެންޝަނަށް ހައްލު ހޯދިއްޖެނަމަ އެގައުމުން މުބާރާތުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ސާފުން ފުރަތަމަ ރާވާފައި އޮތީ ސެޕްޓެމްބަރު 21 އިން އޮކްޓޯބަރު 6 އަށް އޮންނަ ބައިނަލްއަގުވާމީ މެޗުތައް ކުޅޭ ވިންޑޯގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ. އެހެން ނަމަވެސް މުބާރާތް ފަސްކުރީ އިންޑިއާއިން ފީފާގެ އާސިއާން ކަޕްގައި ވާދަކުރަން ޖެހޭތީއެވެ. ފަހުން ޕާކިސްތާނަށްވެސް އެ މުބާރާތުން ފުރުސަތު ލިބިފައިވެއެވެ. އެހެންކަމުން ރާއްޖެއާއެކު ގްރޫޕް ސްޓޭޖުގައި ވާދަކުރާ ދެޓީމުވެސް ސާފަށް ދާނީ އާސިއާން ކަޕަށްފަހުއެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތާއި އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ފައިނަލް މެޗުގައި ކުވައިތު ބަލިކޮށް އިންޑިއާއިން ތަށި އުފުލާލީ ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ.
އެ މުބާރާތުން ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި އިރު، އެއީ މުބާރާތުގެ ތާރީހުގައިވެސް ރާއްޖޭން ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.
ރާއްޖޭން މީގެ ކުރިން 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، ރާއްޖެއަށް މިފަހަރު ގްރޫޕް ސްޓޭޖު ޗެލެންޖިންވާނެއެވެ. އެއީ ޕާކިސްތާނަކީ ރާއްޖޭގައި ދާދިފަހުން ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަނަށްވެސް ވުމާއެކުގައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް