މުހައްމަދު ޝައްމޫން - ޑާކާ، ބަންގްލަދޭޝް
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ އިސްތަވާން އުރުބާނީ ތިންވަނަ ފަހަރަށް ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގައެވެ. އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. ކުރިން އޭނާއާއެކު ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއްހާ ދުވަހު ހުއްޓެވެ.
އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރުން 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވާ އިރު، އޭނާ ވަނީ ޒުވާން ޓީމާއެކުވެސް މަސައްކަތްތަކެއް ކޮށްފައެވެ. އުރުބާނީއާއެކު 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައިވާ އިރު، ލަންކާގައި 2023 ވަނަ އަަހަރު ބޭއްވި 23 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ މަހިންދަރާޖާ އިންޓަނޭޝަނަލް ކަޕްވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
އެ ތާރީހު އޮތުމާއެކު އުރުބާނީ މިފަހަރު ގައުމީ ޓީމާ ހަވާލުވިއިރުވެސް އުންމީދުތަކެއް ހުއްޓެވެ. ރާއްޖޭގެ ލީގު ފުޓުބޯޅައާއި ފުޓުބޯޅައިގެ އިދާރާ ކަންކަން ދަށްކޮށް އޮތް ނަމަވެސް، ނަތީޖާއަށް ކުރެވިފައި އޮތީ އުންމީދެވެ. އެއީ މެދުކެނޑުމެއްގެ ތެރެއިންވެސް ގައުމީ ޓީމުން ބައެއް ނަތީޖާތައް ނެރެފައި ހުރީމައެވެ. ފުޓުބޯޅަ މުޅި މަންޒަރު ގެއްލިފައި ވަނިކޮށް، ކޯޗު އަލީ ސުޒައިނާއެކު ބަންގްލަދޭޝް ކައިރިން ނަތީޖާ ނެރުނު އިރު، މުހައްމަދު ޝިޔާޒް (މޯހަން)އާއެކު ނުކުމެ، ސްރީ ލަންކާ ބަލިކޮށްގެން ސައުތު އޭޝިއަން ސުޕަ ކަޕްވެސް ހޯދިއެވެ.
ޓެކްނިކަލް ޑިރެކްޓަރު ކަމާއެކު އުރުބާނީ ކޯޗަކަށް އައިސް، ފުރަތަމަ ހަވާލުވީ 20 އަހަރުން ދަށުގެ ޓީމާއެވެ. އެެއީ ސާފް 20 އަހަރުން ދަށުގެ މުބާރާތަށެވެ. ރާއްޖޭގައި އެ މުބާރާތް ކުޅެ، އުރުބާނީ ނިންމާލީ މާޔޫސީ ނަތީޖާތަކަކާއެކުގައެވެ. 20 އަހަރުން ދަށުގައި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ތިބި ނަމަވެސް، އުރުބާނީއަށް ނަތީޖާއެއް ނުނެރެވުނެވެ.
ސްރީ ލަންކާ ކައިރިން ބަލިވީ 3-2 އިންނެވެ. އެއީ ދެ ގޯލް ޖަހާފައި ވަނިކޮށެވެ. ބޫޓާނާއި ނޭޕާލް ކައިރިން ރާއްޖެވީ އެއްވަރެވެ. އެއާއެކު އުރުބާނީ ބުނީ ޗެލެންޖް ބޮޑު ކަމަށެވެ. ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެއީ މިއަހަރު މާޗު މަހުއެވެ.
އުރުބާނީއަށް ގައުމީ ޓީމާއެކު މޮޅުވެވުނީ ހަމައެކަނި ޓިމޯ ލެސްޓޭ ކައިރިންނެވެ. އެއީ 31 މާޗުގައި ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެއްގައެވެ. 2-1 އިން މޮޅުވި އެމެޗަށްފަހު ޖޫން މަހު އުރުބާނީއަށް ވަނީ ޑައިމަންޑް ޖުބިލީ މުބާރާތްވެސް ލިބިފައެވެ. އެއީ ސާފަށް ތައްޔާރުވާން ފުރިހަމަ މުބާރާތެކެވެ. އެ މުބާރާތުންވެސް ނިންމާލީ މޮޅެއް ނުލިބިއެވެ. އަފްގާނިސްތާން ކައިރިން ބަލިވެ، ޕާކިސްތާން ކައިރިން ބޮޑު ބައްޔެއްވިއެވެ. އެއީ 1991 ވަނަ އަހަރަށްފަހު ރާއްޖޭން ޕާކިސްތާން ކައިރިން ބަލިވި ފުރަތަމަ ފަހަރެވެ.
އޭގެފަހުން ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމު ކައިރިންވެސްވީ ބައްޔެވެ. އުރުބާނީ އެ މެޗުތަކަށްފަހު ބުނީ ލީގުގެ ވާހަކައެވެ. ލީގު އެހާ ދުވަހު ރަނގަޅަށް ނުކުޅެ ތިބުމުގެ ވާހަކައެވެ. އެއީ ޖޫން މަހުއެވެ.
"އަހަރެން މި މަސައްކަތް ކުރަނީ އަލުން ގައުމީ ޓީމުގެ ބޭސްއެއް އެކުލަވާލަން. އެހެންވެ އޭގެ ތެރެއިން ޒުވާން ކުޅުންތެރިންތަކެއް މި މުބާރާތަށް ނެގިން. އެ ކުޅުންތެރިން ތަފާތުވެސް ދެއްކި. އެހެންވިޔަސް ލީގު ތެރެއިން އައިސް މި ލެވެލަށް އައިމަ ކަންކަން ހުންނާނެ. ޓެކްނިކަލީ ރަނގަޅު މެޗުތައް ކުޅެވުނު، އަދި ގޭމް ޕްލޭންވެސް ދެމެހެއްޓުނު. އެކަމަކުވެސް ކުރިއާ އަޅައި ކިޔަން އަދި އެ ހާލަތަކަށް ނުދޭ،" އުރުބާނީ އޭރު ބުންޏެވެ.
އޭގެފަހުން މީގެ ކުރިން ދިޔަ އިންޓަނޭޝަނަލް ބްރޭކްގައިވެސް ޓީމު ދަސްކުރަން އުރުބާނީއަށް ތިން މެޗު ލިބުނެވެ. އެއީ ޗައިނާ، ކިރިގިސްތާން އަދި ލުބާނާނާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ދިގު ދަތުރުތަކެއް ކޮށް ކުޅުނު އެމެޗުތަކުގެ ނަތީޖާ ދިޔައީ ދަށްކޮށް ނަމަވެސް، އެއީ ވަރުގަދަ މެޗުތަކެކެވެ. ޗައިނާ ކައިރިން 3-0 އިން ބަލިވި އިރު، ކިރިގިސްތާން ކައިރިން ބަލިވީ 5-0 އިންނެވެ. އަދި ލުބުނާން ކައިރިން ބަލިވީ 6-0 އިންނެވެ.
ކޮންމެއަކަސް އެ މެޗުތަކަކީ އުރުބާނީ އެންމެ ބޭނުންވި ކަހަލަ މެޗުތަކެއް ނޫން ނަމަވެސް، އެއީވެސް ލިބުނު ވަގުތެވެ. ގައުމީ ޓީމުން މީގެ ކުރިން ބައެއްް އިންޓަނޭޝަނަލް ބްރޭކްތަކުގައި މެޗުތައް ނުކުޅެ ދިޔަ ނަމަވެސް، އެ ބްރޭކްގައި ތިން މެޗު ކުޅުނެވެ.
ސާފަށް ތައްޔާރުވާން އޭގެ ކުރިން އިންޑޮނޭޝިއާގެ ކޭމްޕަކަށްވެސް ރާއްޖެ ދިޔައެވެ. ފުރަތަމަ ޕާކިސްތާން މެޗުން ބަލިވުމާއެކު އުރުބާނީ ބުނީ އެއީ ކޭމްޕަކަށް ނުވި ކަމަށެވެ. އެ ވެގެންދިޔައީ "ގެޓް ޓު ގެދާ"އަކަށް ކަމަށެވެ. ކޮންމެއަކަސް އުންމީދު ކުރެވުނީ ރާއްޖެ ސާފް ނަގާނެ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ފުޓުބޯޅައިން ލިބިފައިވާ ކުދިކުދި ކުރިއެރުންތަކުގެ އަސަރުވެސް ޓީމަށް އުރުބާނީ ގެނެސްދެވޭނެ ކަމަށެވެ. އެކަން ނުވުމަކީ އުންމީދު ގެއްލެމުންދާ ސަބަބަކަށް ވެދާނެއެވެ.
ލީގު ވާދަވެރި، މެޗުތައްވެސް ލިބުނު
ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިއަދު އިންޑިއާ ކައިރިންވެސް ބަލިވެ، މުބާރާތް ނިމުނީ ގޯލެއްވެސް ނުޖެހިއެވެ. ޖެހިޖެހިގެން ދެވަނަ ފަހަރު ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، މިއީ ސާފްގެ މުބާރާތެއްގައި ރާއްޖެއަށް ގޯލެއް ނުޖެހި ނިމިގެންދިޔަ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި އޮތް މައްސަލަތަކުގެ ވާހަކަ އަލުން ދެއްކުމުގެ ބޭނުމެއް ނެތެވެ. މިދިޔަ އަހަރުތަކުގައި އިދާރާ އެތައް މައްސަލައެއް ފެންމަތިވެ، ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން ގެއްލިގެންވެސް ދިޔައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ލީގުވެސް ހުއްޓި މާޔޫސްވާންވެސް ޖެހުނެވެ. އެހެން ނަމަވެސް މިއީ މަޑުމަޑުން އެ ހާލަތު ބަދަލުވަމުން އަންނަ ވަގުތެކެވެ. ކޮންމެ ގޮތަކުން ގޮސްވެން ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. އެއީ ދާއިމީ ހައްލެއް ނޫންކަންވެސް ސާފެވެ. އެހެން ނަމަވެސް އެއީ ކުރިއަށްވުރެ ރަނގަޅު ހާލަތެކެވެ.
އޭގެ އިތުރުން ކޯޗު އުރުބާނީ އަމިއްލަ ވިސްނުމާއެކު ސާފަށް އައުމުގެ ކުރިން މެޗުތައް ކުޅުނުވެސް މެއެވެ. އެއީ ދިގު ދަތުރުތަކުން އެންމެ އެކަށީގެންވާ މެޗުތަކެއް ނޫން ނަމަވެސް، އެއީ ލިބޭ ފުރުސަތެކެވެ. މުބާރާތުގެ ކުރިން ސާފްގެ އިންތިޒާމުތަކާއެކުވެސް ރާއްޖެއަށް އާދެވުނީ ލަހުންނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އެހެން ގައުމުތަކަށްވެސް އުނދަގޫތަކެއް ދިމާވިއެވެ.
ކޮންމެއަކަސް ރާއްޖޭން މި މުބާރާތް ނަގާނެކަމަށް އުންމީދުތައް މަތިނުކުރި ނަމަވެސް، ރާއްޖޭގެ ފަރާތުން ކުރިއެރުމަކަށް ދިވެހީން އުންމީދުކުރިއެވެ. އެހެން ނަމަވެސް އެ މަންޒަރު ހަގީގަތުގައި ނުފެނުނެވެ. ކޯޗު އުރުބާނީ ބޭނުންވާ ބައެއް ކުޅުންތެރިން އޭނާއަށް ނުވެސް ގެނެވުނެވެ.
"ތަޖުރިބާކާރު އެހެން ކުޅުންތެރިން މުބާރާތަށް ގެންނަން އަހަރެން ބޭނުންވި. (ލީގުގައި) އެންމެ ގިނަ ގޯލް ޖެހި އެއް ކުޅުންތެރިޔާ އަހަރެންގެ މެސެޖަކަށް ޖަވާބެއް ނުދިން. އަހަންނަށް އޭނާއާ ކޮންޓެކްޓެއް ނުވި. އިތުރު އެހެން ތަޖުރިބާކާރު ކުޅުންތެރިޔަކު އޮތީ އާއިލާއާއެކު ޗުއްޓީއަށް ތައިލެންޑަށް ދާން ޓިކެޓް ނަގާފަ. އޭނާ ބުނީ ކަންދިމާކުރި ގޮތުން ދެވޭކަށް ނެތޭ،" އުރުބާނީ ބުނެފައިވެއެވެ.
އުރުބާނީ ބޭނުންވާ ޓެކްޓިކްސްއަށް ޓީމު ކުޅޭތޯ ސުވާލުކުރުމުން އޭނާ ބުނީ އެކަމަށް ސީދާ ޖަވާބެއް ނެތް ކަމަށެވެ. އަދި މިހާރު ވަކި ކަމެއް ކުރަން ބުނުމަށްވުރެ ރަނގަޅަށް ކުރަން ޖެހޭ ކަންކަން ކޮށްލަން ބުނާ ކަމަށްވެސް އޭނާ ބުންޏެވެ. ސީދާ ކާމިޔާބު ޓެކްޓިކަލް ބަދަލެއް ގެނެސްދެވުނުތަނެއް އަދި ފެނިފައި ނުވާ އިރު، އުރުބާނީ މުބާރާތް ފެށުމުގެ ކުރިން ބުނީ ކޯޗުކަން ހުއްޓާލައި، ޓެކްނިކަލް ޑިރެކްޓަރުގެ މަސައްކަތަށް ހުސްވަން ވިސްނާ ކަމަށެވެ. އެހެން ނަމަވެސް ސާފްގެ ދަށް ނަތީޖާއާއެކު ސުވާލުކުރުމުން އެ ސުވާލަށް އޭނާ ޖަވާބެއް ނުދިނެވެ.
ބަލިވުން އެއީ މިހާރު އޮތް ހާލަތު ކަމަށް ބުނާނެ ގިނަ ބަޔަކު ތިބޭނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ސަޕޯޓަރުން ކޮންމެވެސް ނަތީޖާއަކަށް އިންތިޒާރުކުރީ ލީގު ނެތިވެސް ކުޅުންތެރިން ކޮށްފައިވާ ހިތްވަރުންނެވެ. މިއީ ސައުތު އޭޝިއަން ސުޕަ ކަޕް ނެގިއިރަށްވުރެ ރަނގަޅު ހާލަތެއްކަން ޔަގީނެވެ. އެހެންކަމުން އެ ކުރިއެރުން ނުފެނުން އެއީ މާޔޫސްކަމެކެވެ. އުރުބާނީގެ ޖާދުލުގެ ކުޑަ މިންވަރެއްވެސް ނުފެނުނެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް