ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިއަދު އިންޑިއާ ކައިރިން ބަލިވުމާއެކު ރާއްޖޭގެ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދޭން ކޯޗު އިސްތަވާން އުރުބާނީ ދެކޮޅު ހަދައިފިއެވެ.

ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗާއެކު ރާއްޖެއަށް ވަނީ މިފަހަރު ސާފް ނިމިފައެވެ. ޖެހިޖެހިގެން ދެވަނަ ފަހަރު ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، މިއީ ސާފްގެ މުބާރާތެއްގައި ރާއްޖެއަށް ގޯލެއް ނުޖެހި ނިމިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗަށް ނުކުންނަ އިރުވެސް ރާއްޖެ އޮތީ ފުރަތަމަ ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން 3-0 އިން ބަލިވެފައެވެ.

މެޗަށްފަހު ޕްރެސްއަށް ގޮސް އުރުބާނީ ފުރަތަމަ ފާހަގަކުރީ އޭގެ ކުރިން ޕްރެސް ދިން އިންޑިއާ ކޯޗު، ނައުޝާދު މޫސާ ރާއްޖެއަށް ތައުރީފުކުރުމުން އެކަމެވެ. އޭނާ ބުނީ އިދިކޮޅު ޓީމުގެ ކޯޗު ތައުރީފުކުރުމުން އެކަން ބަލައިގަންނަ ކަމަށެވެ.

ފުރަތަމަވެސް އަހަރެން ވަރަށް އުފާކުރަން އިންޑިއާ ކޯޗު އަހަރެމެންނަށް ތައުރީފުކުރުމުން. އަބަދުވެސް އިދިކޮޅު ޓީމުން ދެކޭ ގޮތްވެސް އެއީ މުހިއްމު ކަމެއް،" އުރުބާނީ ބުންޏެވެ. ދެން އޭނާ ފާހަގަކުރީ މެޗަށް ގެންގުޅުނު ވިސްނުމެވެ. އުރުބާނީ ބުނީ އޭނާ ބެލީ ވީހާވެސް ބޮޑަށް ބޯޅަ ނެތިވެސް މެޗު ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށާއި، ހާފު ނިމެންދެން ހިފަހައްޓާލަން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެކަން ނުވެ، ދެވަނަ ހާފުގައި އިތުރު ގޯލަކަށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އެޓޭކިން ރަނގަޅު ރަންތަކެއް ނުފެނުނު ކަމަށް އުރުބާނީ ބުންޏެވެ.

އޭގެފަހުން ދަށް ރެކޯޑުތަކަކާއެކު ކޯޗުކަން ދޫކޮށްލަން ވިސްނަންތޯ ރާއްޖޭގެ ނޫސްވެރިޔަކު ސުވާލުކުރުމުން އުރުބާނީ ބުނީ ދެއްކީ މުޅިން ނުގުޅޭ ވާހަކަތަކަކެވެ.

"ދެވަނަ ހާފު އަހަރެމެން ކުޅުނީ ވަރަށް އިންޓެންސް ގޭމެއް. އަހަރެން ވަރަށް އުފާކުރަން ޒުވާން ކުޅުންތެރިންގެ ކުޅުމަށްވެސް. އަހަރެމެންގެ ޓީމަށް އިންޓަނޭޝަނަލް ލެވެލްގައި ހައި އިންޓެންސިޓީ ރަންތަކެއް ނުނެގޭ. އެކަމަށް ވިސްނާނަން،" ކުރި ސުވާލަށް ޖަވާބު ނުދީ އުރުބާނީ ބުންޏެވެ.

ވަގުތު ލިބި ނަތީޖާ ނުނެރެވުމުން އެއީ ފެއިލިއާއެއްތޯ "ވަން ސްޕޯޓްސް"އިން ސުވާލުކުރަން ކުރި މަސައްކަތުގައި އުރުބާނީ ވަނީ ސުވާލު މެދުތެރެއިން ނުގުޅޭ ޖަވާބެއް ދޭން ފަށައިފައެވެ. އެއާއެކު އެ ސުވާލުތަކަށް ޖަވާބު ދޭނީ އެނބުރި މާލެ ގޮސްފައި ކަމަށްވެސް އުރުބާނީ ފާހަގަކުރިއެވެ. އަދި އަލުން އެ ސުވާލު ފުރިހަމަކުރަން ވަގުތު ދިނުމަށް ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް ފެށީ މެޗާ ގުޅޭ އެހެން ވާހަކަތަކެކެވެ.

އުރުބާނީ ތިންވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގައެވެ. ޓެކްނިކަލް ޑިރެކްޓަރު ކަމާއެކު އުރުބާނީ ފުރަތަމަ ހަވާލުވީ 20 އަހަރުން ދަށުގެ ޓީމާއެވެ. އެެއީ ސާފް 20 އަހަރުން ދަށުގެ މުބާރާތަށެވެ. ރާއްޖޭގައި އެ މުބާރާތް ކުޅެ، އުރުބާނީ ނިންމާލީ މާޔޫސީ ނަތީޖާތަކަކާއެކުގައެވެ. 20 އަހަރުން ދަށުގައި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ތިބި ނަމަވެސް، އުރުބާނީއަށް ނަތީޖާއެއް ނުނެރެވުނެވެ. ސީނިއާ ޓީމާއެކުވެސް އުރުބާނީއަށް ހޯދިފައި ވަނީ އެންމެ މޮޅެކެވެ. އެއީ ޓިމޯ ލެސްޓޭ ކައިރިންނެވެ.