ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖު އެންމެ ފަހު މެޗުގައި ބަންގްލަދޭޝްއިން މިރޭ 4-0 ގެ ނަތީޖާއަކުން ސްރީ ލަންކާ ބަލިކޮށްފިއެވެ.

ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް ތަފާތު ފެންވަރެއް ދައްކާލާފައިވާ އިރު، އެ ޓީމުން ގްރޫޕް އެއްވަނަ ޔަގީންކުރީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ދެވަނަ ބޫޓާނަށް ލިބުނީ ޕޮއިންޓަކާއެކު، ގެއްލުން އެއް ގޯލާއެކުގައެވެ. ލަންކާއާއި ބޫޓާން ކުޅުނު މެޗު 2-2 އިން އެއްވަރު އޮތުމުން ލަންކާއަސް މިރޭގެ ބައްޔާއެކު މުބާރާތް ނިމުނީ އެއް ޕޮއިންޓާއެކުގައެެވެ. ފައިދާ ގޯލްގެ ތަފާތަށް ބަލާއިރު، ލަންކާ އޮތީ މައިނަސް ހަތަރު ގޯލާއެކުގައެވެ.

މިއީ 2008 ވަނަ އަހަރަށްފަހު ބޫޓާން ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝްއިން 2003 ވަނަ އަހަރަށްފަހު ސާފް ނަގަން މަސައްކަތް ކުރާ އިރު، މިރޭގެ މެޗުން ފެނުނީ އެޓީމުގެ ވަރުގަދަ ފޯމެވެ.

މިރޭގެ މެޗަށް ނުކުތްއިރިވެސް ބަންގްލަދޭޝްއަށް އޮތީ ސެމީ ފައިނަލް ޔަގީންވެފައެވެ. ސްރީ ލަންކާއަށް މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ސެމީއަށް ދެވެން އޮތް އިރު، އެޓީމަށް ބަންގްލަދޭޝް ދެ ގޯލްގެ ފަރަގަކުން މޮޅު ނުވެއްޖެ ނަމަވެސް ސެމީއަށް ދެވެން އޮތެވެ.

އެހެން ނަމަވެސް އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމައްޗަށް މިރޭ ސްރީ ލަންކާ ނުކުތީ ބޮޑު ޗެލެންޖަކަށެވެ. ބަންގްލަދޭޝް ފުރަތަމަ މެޗުގައި 1-0 އިން ބޫޓާން ބަލިކޮށްފައިވާ އިރު، އެމެޗުގައި ނުކުޅޭ މުހިއްމު ދެ ކުޅުންތެރިން ބަންގްލަދޭޝް ޓީމަށް ގުޅިފައިވެއެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކުރިން ލެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ހަމްޒާ ޗޯދުރީއެވެ. ހަމްޒާއަކީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕެއްގައި ފެނިގެންދާނެ އެންމެ ތަޖުރިބާކާރު، އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ހަމްޒާ މިހާރުވެސް ކުޅެމުން ދަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފީލްޑް ޔުނައިޓެޑަށެވެ. އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމް ވުޑަށް ކުޅެމުންދާ ފަރްހާން އަލީ ވަހީދުވެސް މިރޭގެ މެޗު ފަށާފައިވެއެވެ.

ހަމްޒާ ކެޕްޓަން ބޭންޑްގައި ނުކުތް ވަގުތުވެސް މުޅި ދަނޑު ގުގުމަމުން ދިޔައީ އޭނާގެ ނަމުންނެވެ. ބަންގްލަދޭޝްއިން ވަރުގަދަ އެޓޭކިން ވިސްނުމަކާއެކު ފެށި އިރު، ހަމްޒާވެސް ފެނުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔަތަނެވެ. އޭގެ ޕްރެޝަރު ސްރީ ލަންކާއަށް ކުރިމަތިވި އިރު، ކުރީކޮޅުގައި ހަމްޒާ ފޮނުވާލި ބާރު ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔައީ ކިރިޔާއެވެ.

އޭގެ އިރުކޮޅެއްފަހުން އަށް ވަނަ މިނެޓުގައި ޝަމިޓް ޝޯމްގެ ގޯލުން ބަންގްލަދޭޝް ލީޑު ނެގިއެވެ. ހަމްޒާ އަރިމަތިން ނަގައިދިން ބޯޅަ ލަންކާ ކީޕަރު ސުޖަން ޕެރޭރާއަށް ރަނގަޅަށް ޖައްސާ ނުލެވިގެން ދިޔަ އިރު، އޭރިއާ ތެރެއިން ޝޯމްއަށް ލިބުމުން އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ވީ ބްލޮކެވެ. އަދި ދެވަނަ ފަހަރަށް ރިބައުންސްގައި ބޯޅަ ގޯލަށް އަމާޒުކޮށްލިއެވެ.

އޭގެ އިރުކޮޅެއްފަހުން 15 ވަނަ މިނެޓުގައި ލަންކާގެ ކުރިއަށް ކުޅުނު ކްލައުޑިއޯ ކެމާނެޗް ފޮނުވާލި ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ޑިލޮން ސެނަން ޑެ ސިލްވާގެ ނުރައްކާވެސް އެޓީމުން ފެނުނެވެ. އޭނާ އަރިމަތިން ގޮސް ނަގައިދިން ބޯޅަ ދިޔައީ އެއްވެސް ކުޅުންތެރިޔަކަށް ނުލިބިއެވެ.

ފަހުކޮޅަށް ފޮސް އަނެއްކާވެސް ބަންގްލަދޭޝްއިން ނުރައްކާ ކުރަމުން ދިޔަ އިރު، ހަމްޒާ ދިޔައީ އޭރިއާ ތެރެއަށް ވަދެ ޕްރެޝަރު ކުރަމުންނެވެ. އެކަމުގެ ނަތީޖާ ފޮނިވެސް މެއެވެ. ހާފު ނިމެން ދަނިކޮށް، 44 ވަނަ މިނެޓުގައި ހަމްޒާ ވަނީ އޭރިއަ ތެރެއަށް ވަދެ ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން ބަންގްލަދޭޝްއަށް ލީޑު ފުޅާކޮށްދީފައެވެ. ދަނޑަށް ވަދެ ތިބި 15،000 ސަޕޯޓަރުން މުޅި ތަން ކައްކުވާލިއެވެ. އެއީ ހަމްޒާ ގައުމީ ޓީމަށް ޖެހި ފަސްވަނަ ގޯލެވެ.

ހަމްޒާ ޗޯދުރީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

ދެވަނަ ހާފުގައިވެސް ބަންގްލަދޭޝްއިން ލަންކާއަށް ޖާގަ ދީފައެއް ނުވެއެވެ. މެދުތެރެއިން ޑޮމިނޭޓްކޮށް ކުޅެމުން ދިޔުމުގެ ނަތީޖާއަކަށްވީ ހާފުގެ ކުރީކޮޅުގައި ތިންވަނަ ގޯލެއް ޖެހުމެވެ. އެ ގޯލް ވެގެން ގޮސްފައި ވަނީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލަށެވެ. އިނގިރޭސިވިލާތުގައި ކުޅެމުންދާ ފަރްހާން އަލީ ވަހީދު، އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން އެއްފަހަރާ ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ގޯލަށް ވަނީ ލަންކާ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

އޭގެ ފަހުންވެސް ބަންގްލަދޭޝް ފެނުނީ މާބޮޑަށްވެސް ނުރައްކާ ކޮށެވެ. ސައިދު ގަޒިމް ކިރްމަން ފޮނުވާލި ހަމަލާ ސުޖަން ޕެރޭރާ މަތަކުރި އިރު، ބަދަލަކަށް އެރި ޝޫކީ އިޓޮފޫސާ ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ ސުޖަންއެވެ. އަދި އަނެއް ފަޅިން ފައިސަލް އަހުމަދު ފާހިމް ފޮނުވާލި ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ސުޖަންއެވެ.

މެޗުގެ 85 ވަނަ މިނެޓުގައިވެސް ޝުކީގެ ނުރައްކާ ފެނުނެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ މަތަކޮށް ބޭރުކޮށްލީ ސުޖަންއެވެ. އޭގެ ދެމިނެޓް ފަހުން ބަންގްލަދޭޝްއިން އިތުރަށް ނުރައްކާކުރި އިރު، މެދުތެރެއިން ދުއްވާލި ހުސް ބޯޅައެއްގައި ހަތަރު ވަނަ ގޯލް ޖަހަިއދިނީ ރާކިބް ހޮސައިންއެވެ. މެޗުގައި މޮޅަށް ކުޅުނު ރާކިބް އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ނިންމާލީ ސުޖަން ބޯމަތިން ޗިޕް ކޮށްލައިގެންނެވެ.

އެންމެފަހު ވަގުތު ބަދަލަކަށް ނުކުތް ޖަމާލް ބުޔާންގެ ނުރައްކާތެރި ހަމަލާއެއްވެސް ފެނުނު އިރު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

ބަންގްްލަދޭޝް ފެނުނީ މާބޮޑަށްވެސް ފޯމުގައެވެ. އެޓީމުގެ ފެންވަރު މިރޭ ސާބިތުކޮށްދީފައިވާ އިރު، ސެމީގައި ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ޕާކިސްތާނާ ދެކޮޅަށެވެ. އަނެއް ސެމީގައި އިންޑިއާއާ ވާދަކުރާނީ ބޫޓާނެވެ.