ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިއަދު އިންޑިއާ ކައިރިންވެސް ބަލިވެއްޖެއެވެ.
ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗާއެކު ރާއްޖެއަށް ވަނީ މިފަހަރު ސާފް ނިމިފައެވެ. ޖެހިޖެހިގެން ދެވަނަ ފަހަރު ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، މިއީ ސާފްގެ މުބާރާތެއްގައި ރާއްޖެއަށް ގޯލެއް ނުޖެހި ނިމިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި މެޗަށް ނުކުންނަ އިރުވެސް ރާއްޖެ އޮތީ ފުރަތަމަ ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން 3-0 އިން ބަލިވެފައެވެ. އިންޑިއާއިން އޮތީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއަދު މެޗުން ޕޮއިންޓަކާއެކުވެސް އިންޑިއާއަށް ސެމީ ޔަގީންވާން އޮތް އިރު، ރާއްޖެ ކައިރިން ތިން ގޯލްގެ ފަރަގަކުން ބަލިނުވެއްޖެ ނަމަވެސް، އިންޑިއާއަށް ސެމީއަށް ދެވެން އޮތެވެ. ރާއްޖެއަށް އޮތީ ތިން ގޯލްގެ ފަރަގަކުން އިންޑިއާ ބަލިކުރުމެވެ.
ރާއްޖޭން އެންމެފަހުން 2023 ވަނަ އަހަރު ބެންގަލޫރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުންވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އިންޑިއާއަކީ އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަނުން ކަމަށްވީ އިރު، ރާއްޖެއަށް އޮތީ އުނދަގޫ ޗެލެންޖެކެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖޭން ވަނީ ހަތަރު ބަދަލެއް ފުރަތަމަ 11 އަށް ގެނެސްފައެވެ. ފަހަތަށް ކުޅޭ، އަހުމަދު އައިހަމް (އައިހު)ގެ އިތުރުން ހުސައިން ޝިފާއު ޔޫސުފް (ކްރޯ)، މެދަށް ކުޅޭ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ފޯވަޑް ނާއިޒް ހަސަން (ދާދު)ވެސް މިއަދު ފުރަތަމަ 11 ގައި ހިމަނާފައިވެއެވެ.
ކުރިން މެޗުގައި ފެށި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި މުޒްދާން ހަސަންގެ އިތުރުން މުހައްމަދު ނާއިމް އަދި އަހުމަދު މައިޝް ރަޝީދުވެސް މިއަދުގެ މެޗު ފެށީ ބެންޗުންނެވެ. އެއީ ޕާކިސްތާން މެޗުގެ ފުރަތަމަ 11 ގައި ހިމެނުނު ކުޅުންތެރިންނެވެ.
އަނެއްކޮޅުން އިންޑިއާއިންވެސް މިއަދުގެ މެޗަށް ނުކުތީ ބަދަލުތަކަކާއެކުގައެވެ.
އިންޑިއާއިން މިމަހު 12 އާއި 15 ވަނަ ދުވަހު ނިއު ޒީލެންޑާ ދެކޮޅަށް އެގައުމުގައި ކުޅޭ ދެމެޗަށް ނެގި ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕްގައި ކުޅެމުންދިޔަ ތިން ކުޅުންތެރިއަކު ވަނީ ހިމަނައިފައެވެ. އެ ތިން ކުޅުންތެރިންގެ އިތުރުން އަނިޔާގެ ސަބަބުންވެސް ބައެއް ކުޅުންތެރިންނަށް ސާފް ޓީމާ ގުޅެވޭ ގޮތްވެފައި ނުވާ އިރު، ޖުމުލަ ފަސް ކުޅުންތެރިން ޕާކިސްތާން މެޗަށްފަހު ސާފް ޓީމުން ގޮސްފައިވެއެވެ.
އެހެން ނަމަވެސް އިންޑިއާއިން ވަނީ ހަތް ކުޅުންތެރިޔަކު އަލުން ސްކޮޑަށް ގެނެސްފައެވެ. އެއީ ޗިންގްލެންސަނާ ސިންހް، ބްރިސޮން ފެނާންޑޭސް، އިރްފާން ޔަދްވާދް، މެކާޓަން ނިކްސަން، އަބްދުލް ރަބީހް، ޕީވީ ވިޝްނޫ އަދި ސަންދީޕް މަންޑީއެވެ. އޭގެ ތެރެއިން ރަބީހާއި މެކާޓަންގެ އިތުރުން ބްރިސްބަންވެސް މެޗު ފެށިއެވެ.
ކުރީކޮޅުގައި އިންޑިއާއިން ނުރައްކަލެއް ކުރިމަތި ކުރިއެވެ. އޭރިއާ ތެރެއިން ސުހައިލް އަހުމަދު ބަޓަށް ލިބުނު ބޯޅައިގައި ޑިފެންޑަރު ހަސަން އީނާޒް ނައްޓާލުމަށްފަހު ހަނިކަނުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދުއްވާލީ ކީޕަރު ހުސައިން ޝަރީފެވެ.
އޭގެފަހުން ދެޓީމުގެ ފަރާތުންވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، އިންޑިއާއިން ހިފަހައްޓައިގެން ކުޅުނު ވަގުތުތަކެއްވެސް ދިޔައެވެ. އެހެން ނަމަވެސް ރާއްޖޭންވެސް މަޑުމަޑުން ޕާސްތައް ރަނގަޅުކޮށް މެޗުތެރެއަށް ވަދެފައިވެއެވެ.
ހާފު ނިމެން ދިޔަ އިރު އިންޑިއާއިން ދިޔައީ މަޑުމަޑުން ނުރައްކާ ކުރަމުންނެވެ. 30 ވަނަ މިނެޓުގައި އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި އަބްދުލް ރަބީހު ރަނގަޅު ބޯޅައެއް ނަގައިދިން ނަމަވެސް ސުހައިލްއަށް ބޯޅައިގައި ޖައްސާލެވޭ ގޮތެއް ނުވިއެވެ. އޭގެ ހަތަރު މިނެޓު ފަހުން ރާއްޖެއަށް ރަނގަޅު ހިލޭ ޖެހުމެއް ލިބުނެވެ. ހާފުގެ މެދަށްވުރެ ކުރިން ލިބުނު ހިލޭ ޖެހުމެއްގައި އައިހު ބާރު ބޯޅައެް ފޮނުވާލި ނަމަވެސް އަމާޒުވީ ހުރަސް އަޅައިގެން ތިބި ކުޅުންތެރިން ގަޔަކަށެވެ. ރާއްޖެއަށް ލިބުނު ކޯނަރުގައިވެސް ނުރައްކާ ކުރި އިރު، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ކުޅުންތެރިޔަކަށް ނުލިބުނެވެ.
މެޗުގެ 38 ވަނަ މިނެޓުގައި އިންޑިއައިން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ޝިފާއު އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ގޯލް ޖަހައިދިނީ ސުހައިލެވެ. އެ ގޯލަކީ އޭނާ މުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ. ޕާކިސްތާން ކޮޅަށް ސުހައިލް ވަނީ ދެ ގޯލް ޖަހައިފައެވެ.
އެ ގޯލާއެކު އިންޑިއާ ކުރީގައި އޮވެ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ރާއްޖޭން ނުކުތީ ބަދަލަކާއެކުގައެވެ. ދާދުގެ ބަދަލުގައި ކުޅެން ނުކުތީ ނާއިމްއެވެ. އިންޑިއާއިންވެސް ދެ ބަދަލެއް ކުރި އިރު، ހާފުގެ ކުރީކޮޅުގައި ބަދަލަކަށް ނުކުތް އިރްފާން ޔާދްވާދް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ބްލޮކްކޮށް ބޭރުކޮށްލީ ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އެވެ.
އޭގެފަހުން ރާއްޖޭން ބަދަލުތައް ކޮށްގެންވެސް ހަމަލާއެއް އުފައްދަން ކުރި މަސައްކަތަށް މާބޮޑު ކާމިޔާބެއް ނުލިބުނެވެ. އިންޑިއާއިން ފަޅި ފުރުސަތުތަކެއް ހޯދައިގެން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި އިރު، އެޑިންޑާސް ޔެސުދާސަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ މަތިން ބޭރަށެވެ.
އޭގެ ފަހުން ރާއްޖޭން ފަހުކޮޅުގައި ނުރައްކާކުރިއެވެ. އައިސަމް ހިލޭ ޖެހުމެއްގައި މެދުތެރެއިން ބާރު ހަމަލާއެއް ފޮނުވާލި އިރު، އެ ބޯޅަ މަތަކުރީ އިންޑިއާ ކީޕަރު ޕްރިޔާންޝް ޑޫބޭއެވެ. އަދި އޭގެ އިރުކޮޅެއްފަހުން 84 ވަނަ މިނެޓުގައި ރާއްޖޭން ބަދަލަކަށް ނެރުނު މުޒްދާން ހަސަން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ އިންޑިއާ ކީޕަރެވެ.
އޭގެ އިރުކޮޅެއްފަހުން މެޗުގެ އިތުރު ވަގުތުގައި އީތަންއަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް އަމާޒުވީ ކީޕަރު މޫނު މައްޗަށެވެ. އެހިސާބުން ރާއްޖެ އިތުރު މަސައްކަތްތަކެއް ކުރި ނަމަވެސް ނިމުނީ އިންޑިއާ މޮޅުވެގެންނެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް