ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެ ޕާޓީން ވަކިވާން ތައްޔާރަށް ތިބިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ނިންމާލުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ޕީއެންސީގެ މެންބަރަކު އެ މަނިކުފާނަށް ގުޅުއްވައި، ސަރުކާރުގެ މިސްރާބު ހުރިގޮތުން ޕާޓީ ދޫކޮށްލަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ މެންބަރާއެކު އިތުރު ބައެއް މެންބަރުންވެސް އެ ނިންމުން ނިންމުމަށް ތައްޔާރަށް ތިބިކަމަށް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑަށް ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ތިމަންނައާ އެކީގައި އެބަ ތިއްބޭ މިތައް މިތައް މެންބަރުން. މިއީ ހަމަ ޝަރީހު ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތުވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނިކުމެ މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ،" ސޯލިހު ވިދާޅުވިއެވެ.

ނަމަވެސް އެ މެންބަރުންވަނީ ޝަރުތުތަކެއް ކުރިމަތިކުރައްވާފައިކަމަށް ސޯލިހު ވިދާޅުވިއެވެ. އެއީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލިއްޖެ ހާލަތެއްގައި، އަލުން އިންތިހާބުވުމަށްޓަކައި ރާއްޖޭގެ ކުރީގެ ތިން ރައީސުން އެއްބަސްވެވަޑައިގެން އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވުންކަމަށް ސޯލިހު ވިދާޅުވިއެވެ.

"އެ ތިން ބޭފުޅުން މަސައްކަތެއް ފައްޓަވައިފީމެއް ނުންހޭ. ތިމަންނަމެން ޕާޓީ ދޫކޮށްފައި ނުކުތީމާ، ގޮނޑި ގެއްލުނީމާ އެ ގޮނޑި ތިމަންނާމެންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މި ސަރުކާާރު ޖަވާބުދާރީކުރުވަން ތައްޔާރަށޭ،" ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލިސް "ތިލަފަތަށް ބަރުވަމުން" އަންނަ ކަމަށް ސިފަކުރައްވައި، ސޯލިހު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވާ ފަދައިން، މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.

އަދި އެކަން ނުކުރެވޭ ނަމަ، ރައީސް މުއިއްޒު ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކުރައްވައި ގެއަށް ވަޑައިގަންނަވަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.