ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކުރި އިރު، ޕީއެސްޖީން ލިވަޕޫލް ކައިރިން ކޮންޓްރޯލް ހޯދައިފިއެވެ.
ބާސާއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބަލިވީ 2-0 އިންނެވެ. ދެން ކުޅުނު މެޗުގައި ޕީއެސްޖީންވެސް އަމިއްލަ ދަނޑުގައި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، އެޓީމުން ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. މި ސީޒަނުގައި ބާސާއާއި އެތުލެޓިކޯ، މިހާތަނަށް ފަސް ފަހަރު ކުރިމަތިލާފައިވާ އިރު، ރޭ ބާސާއަށް ކޮންޓްރޯލް ގެއްލުނީ ރަތް ކާޑަކާ ހަމައިންނެވެ. މެޗުގެ 44 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރު ޕައު ކުބާސީއަށް ރަތް ކާޑު ދެއްކީ، ޖޫލިއަން އަލްވަރޭޒް ގޯލާ ދިމާއަށް ދަނިކޮށް، އެންމެ ފަހު ކުޅުންތެރިޔާގެ ގޮތުގައި ކުރި ފައުލަކާ ގުޅިގެންނެވެ.
އެ ފައުލަށް އޭރިއާ ބޭރުން ދިން ހިލޭ ޖެހުމުގައި އަލްވަރޭޒް ވަނީ ހިތްގައިމު ގޯލެއް ޖަހައި، އެތުލެޓިކޯއަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ބާސާއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި މާކަސް ރަޝްފޯޑަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކާވެސް ގޯލް ޖެހީ އެތުލެޓިކޯއެވެ. ބާސާ ދަނޑު ހަމަހިމޭން ވެގެންދިޔަ އެ ގޯލް ޖަހައިދިނީ އެލެކްޒެންޑާ ސޯލޯތެވެ.
ޗެމްޕިއަން ޕީއެސްޖީންވެސް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، ރޭ ކުޅުނު މެޗުވެސް އެޓީމުން ޑޮމިނޭޓް ކުރިއެވެ. ކުރީކޮޅުގައި ޑިސައިރޭ ޑޫއޭ ޖެހި ގޯލުން ލީޑު ނަގާފައިވާ އިރު، އޭގެ ފަހުންވެސް ލިވަޕޫލް ކީޕަރާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެގޮތުން ޑޫއޭއާއި ހަވީޗާ ކަވަރަޓްސްޝޭލިއާގެ ދެ ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ޖިއޯޖީ މަމަޑޭޝްވިލީ މަތަކުރި އިރު، ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ ޖެރެމީ ފްރިމްޕޮންގަށް ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ.
ދެވަނަ ހާފު ފެށިގެންވެސް ނުރައްކާ ކުރަމުންދިޔަ ޕީއެސްޖީން ފުލުފުލުގައި ހަމަލާތައް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ކަވަރަސްޝޭލިއާ ވަނީ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ އިތުރުންވެސް ގޯލް ޖަހާނެ ރަނުގެ ފުރުސަތުތައް ޕީއެސްޖީއަށް ލިބިފައިވާ އިރު، އެޓީމަށް ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ އިތުރު ގޯލްތަކެއް ނުޖެހި ދެވަނަ ލެގަށް ނުކުންނަން ޖެހުމެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު