ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގެ ނަތީޖާތަކާއެކު އާސެނަލާއި ޗެލްސީގެ އިތުރުން ރެއާލް މެޑްރިޑުންވެސް ކުއާޓާ ފައިނަލް ދަތުރު ކޮށްފިއެވެ.
ރޭ އާސެނަލުން 2-0 އިން އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަން ބަލިކޮށް ކުއާޓާ ޔަގީންކުރި އިރު، ޕީއެސްޖީން ވަނީ ދެވަނަ ލެގުގައިވެސް ޗެލްސީ ކައިރިން 3-0 އިން މޮޅުވެފައެވެ. އަދި މެންޗެސްޓާ ސިޓީން ނަތީޖާ އަނބުރާލަން ކުރި މަސައްކަތްވެސް ކާމިޔާބުނުވެ، ރެއާލުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެޓީމު ކަޓުވާލީ ދެވަނަ ލެގުގައި 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އާސެނަލުން ރޭގެ މެޗަށް ނުކުތްއިރު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތް ނަމަވެސް ރޭ ވަނީ ނަތީޖާ ނެރެފައެވެ. 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް ކުރި ހޯދި އިރު، މެޗުގައި ފުރަތަމަ ގޯލް ޖެހީ އެބެރެޗީ އެޒޭއެވެ. އެއީ ހިތްގައިމުވެސް ގޯލެކެވެ.
އޭރިއާ ބޭރުން ވައި ތެރޭގައި އޮތް ބޯޅައެއް ކޮންޓްރޯލް ކޮށްލައި، ހާފް ވޮލީއެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ. އިނގިރޭސި ލީގު ތާވަލުވެސް ލީޑު ކުރަމުން އަންނަ އާސެނަލުން ދެވަނަ ގޯލެއް ޖެހީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އެއީ ޑެކްލަން ރައިސް ޖަައިގެން މޮޅު ގޯލެކެވެ. ރައިސްވެސް ބޯޅަ ގޯލަށް ވައްދާލީ އޭރިއާ ބޭރުންނެވެ.
ޗެލްސީން ފުރަތަމަ ލެގުގައިވެސް ތަފާތު ބޮޑުކޮށް ބަލިވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، ގޯލް ނުޖެހުމުގެ މައްސަލައާއެކު އެޓީމު ކެޓީ އެގްރިގޭޓް 8-2 ގެ ނަތީޖާއަކުންނެވެ.
ދެ ލެގުގައިވެސް ޗެލްސީން ގޯލް ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، ޕީއެސްޖީން ފެނުނީ ޗެމްޕިއަނުންގެ ކޮލިޓީގައެވެ. އެޓީމުން ރޭގެ މެޗު ފަށައިގެންވެސް ފުރަތަމަ 15 މިނެޓް ތެރޭގައި ދެ ގޯލް ޖެހިއެވެ. އެއީ ފުރަތަމަ ލެގުގައިވެސް ދެ ގޯލް ޖެހި ހަވީޗާ ކަވަރަޓްޝޭލިއާއާއި ބްރެޑްލީ ބާކޯލާ ޖެހި ގޯލްތަކެކެވެ.
މެޗަށް އަނބުރާ ވަނުމަށް ޗެލްސީން ކުރި މަސައްކަތުގައި އިތުރު ގޯލެއް ނުފެނި، ދެވަނަ ހާފުގެ ކުރީކޮޅުގައި ޕީއެސްޖީގެ ސެނީ މަޔޫލޫ ގޯލް ޖަހައި ތަފާތު ބޮޑުކޮށް ކުއާޓާ ޔަގީންކުރިއެވެ.
ސިޓީން ޖެހިޖެހިގެން ތިންވަނަ ފަހަރު ރެއާލް އަތްދަށުވެގެން ކަޓާފައިވާ އިރު، މިފަހަރު ބަލިވީ އެގްރިގޭޓް 5-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ރެއާލްއިން ހޯމްގައި ފަސޭހައިން ކާމިޔާބުކޮށް، ރޭގެ މެޗަށް ނުކުމެ ނަތީޖާ ޔަގީންކުރީވެސް މޮޅަކާއެކުގައެވެ.
ސިޓީއަށް ފަހަތުން އަރަން ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ބަނާޑޯ ސިލްވާއަށް 20 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމެވެ. އެ ރަތް ކާޑަކީ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާއެއް ގޯލް ރޮނގުމަތިން ކަހަލަ ގޮތަށް ހުއްޓުވުމުގައި އަތުން ޖެއްސުމުން ރެފްރީ ދެއްކި ރަތް ކާޑެކެވެ.
އެ ރަތް ކާޑާއެކު ލިބުނު ޕެނަލްޓީގައި ވިނީޝިއަސް ވަނީ ރެއާލަށް ދެވަނަ ލެގުގައިވެސް ލީޑު ނަގައިދީފައެވެ. ރަތް ކާޑާއެކު ކުޅުންތެރިޔަކު މަދުވި ނަމަވެސް ސިޓީން ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހާފު ނިމުމުގެ ކުރިން އާލިން ހާލަންޑް ވަނީ ސިޓީއަށް މެޗު އެއްވަރުވެސް ކޮށްދީފައެވެ.
އެހެން ނަމަވެސް އެއް ކުޅުންތެރިޔަކު ކުޅެމުންދިޔަ ރެއާލުން ވަނީ ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި ސިޓީ ބަލިކޮށްފައެވެ. އެ ގޯލް ޖެހީވެސް ފޯމުގައި ފެނިގެންދިޔަ ވިނީޝިއަސްއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު