ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅު ސެމީ ފައިނަލުން އެންމެފަހުގެ ޗެމްޕިއަން މިލަންދުއާއި ރަނަރަޕް ކަނޑިތީމުގެ އިތުރުން ފުނަދުއާއި ފޯކައިދޫން އަތޮޅު ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

ށ. އަތޮޅުން މިފަހަރު 8 ޓީމު ވާދަކުރަމުން އަންނަ އިރު، ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭއިން ކަނޑިތީމު ސެމީ ޔަގީން ކުރީ ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ.

ފުރަތަމަ މެޗުގައި މަރޮށި ބަލިކޮށްފައި އޮވެގެން ރޭގެ މެޗަށް ނުކުމެ، ކަނޑިތީމުން ފީވައް ބަލިކުރީ 5-2 އިންނެވެ. މެޗުގައި ކަނޑިތީމުގެ ގޯލްތައް ޖަހައިދިނީ ހުސައިން ނިހާލާއި ރައުލް ނިޔާޒް އަދި އިބްރާހީމް ނަދާދެވެ. ނިހާލާއި ރައުލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދީފައެވެ.

ފީވަކަށް ދެ ގޯލްވެސް ޖަހައިދިނީ ހުސައިން ޝާމިހެެވެ.

އެ ގްރޫޕުން ފޯކައިދޫވެސް ރޭ ދެވަނަ މޮޅެއް ހޯދި އިރު، އެޓީމުން މަރޮށި ބަލިކުރީ 3-2 އިންނެވެ. ފޯކައިދޫގެ އިބްރާހީމް މުޝީރު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ މުހައްމަދު މުއާން ސަބީހެވެ.

މަރޮށީގެ ގޯލްތައް ޖަހައިދިނީ އަބްދުﷲ ނާސިފާއި އިބްރާހީމް ނިޔާޒެވެ.

ފޯކައިދުއާއި ކަނޑިތީމުވެސް ކުޅުނު ދެމެޗުން މޮޅުވެފައިވާ އިރު، އެ ގްރޫޕްގެ އެއްވަނަ ޔަގީންވާނީ އެދެޓީމު ވާދަކުރާ މެޗުންނެވެ. މަރޮއްޓާއި ފީވަކަށް އެ ދެޓީމު ކުޅޭ މެޗު ބާކީ އޮތް ނަމަވެސް، ދެން ސެމީގެ ފުރުސަތެއް ނޯންނާނެއެވެ.

ށ. އަތޮޅު ގްރޫޕް ބީން ސެމީ ޔަގީންކުރި މިލަންދޫންވެސް ރޭ ދެވަނަ މޮޅެއް ހޯދި އިރު، އެޓީމުން ކޮމަންޑޫ ބަލިކުރީ 1-0 އިންނެވެ. އެއީ އިބްރާހީމް ޒާހީގެ ގޯލުންނެވެ.

އެ ގްރޫޕުގައި ފުނަދޫން ކުޅުނު ދެވަނަ މެޗުންވެސް ރޭ މޮޅުވި އިރު، ފުނަދޫ މޮޅުވީ 2-1 އިންނެވެ. ފޯރިގަދަކޮށް ފެނުނު އެމެޗުގައި މުހައްމަދު ފުނަދޫގެ މުހައްމަދު ޒިޔާމަށް ރަތެއްވެސް ދައްކާފައިވެއެވެ.

ފުނަދޫގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން އަބްދުﷲ ޒަމީނާއި އަލީ ޝައިހާން ނަސީމެވެ.

ގޮއިދޫގެ ގޯލް ޖަހައިދިނީ މުހައްމަދު އަހުސަމެވެ.

ގޮއިދުއާއި ކޮމަންޑުއަށް ދެން ބާކީ އޮތީ އެ ދެޓީމު ވާދަކުރާ މެޗެވެ. އެ ގްރޫޕްގެ އެއްވަނަ ޔަގީންވާނީ ފުނަދުއާއި މިލަންދޫ ވާދަކުރާ މެޗުންނެވެ.

ފުނަދޫން ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.