ޝަރުއީ ދާއިރާގެ އެންމެ ބޮޑު ކަންބޮޑުވުމެއް މިދިޔަ އަހަރާ ހަމައަށް އޮތީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ނުނިމި ދިގުލައިގެން ގޮސް އެފަދަ މީހުން ވާނުވާ ބަންދެއްގައި ތިބެން ޖެހުމެވެ. މި މައްސަލައަކީ ބަންދުގައި ތިބޭ މީހުންނާއި، އެ މީހުންގެ ވަކީލުންނާއި، ޕްރޮސިކިއުޓާ ޖެނެރަލް، ކޯޓުތަކުގެ ފަނޑިޔާރުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، އެޓާނީ ޖެނެރަލް އޮފީސް، ހޯމް މިނިސްޓްރީ އަދި ރައީސުލްޖުމްހޫރިއްޔާގެވެސް ކަންބޮޑުވުން ހިމެނޭ މައްސަލައެކެވެ.

ވާނުވާގެ މައްސަލަ ހައްލުކުރަން އެކި ސަރުކާރުތަކުން އެކި ކަންކަން ކޮށްފައިވެއެވެ. މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުކުރުމުން އެ މީހުންގެ ހައްގުތަކެއް ގެއްލިގެންދާނެތީ، ރައްޔިތުންގެ މަޖިލީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ ކަމަށެވެ. އެ އިސްލާހު ގެނައުމުގެ މަގުސަދަކީ ބަންދުގައި ހުރި މީހާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ފަދަ ސަބަބެއް އަދިވެސް އޮތްތޯ ފަނޑިޔާރު ބެލުމަށްފަހު، ސަބަބެއް ނެތްނަމަ ބަންދުން ދޫކޮށްލުމެވެ.

އެ އިސްލާހު ގެނެސްފައިވަނީ ނިމިދިޔަ ސަރުކާރުގައެވެ. އެކަމަކު އެ އިސްލާހު ވެގެންދިޔައީ އިތުރު ތަކުލީފަކަށެވެ. ބަންދުގައި ހުންނަ މީހާ ކޮންމެ 30 ދުވަހަކުން ޝަރީއަތަށް ހާޒިރެއް ނުކުރެވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދަން ބެލި ކަމުގައި ވިޔަސް ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިިކަމުގެ ސަބަބުން އެކަމެއް ނުކުރެވެއެވެ. ބަންދުގައި ހުންނަ މީހާ އޮންލައިންކޮށް ޝަރީއަތަށް ހާޒިރުކުރަނީ ޖަލުގައި ހުންނަ އެކަމަށް ހާއްސަ ކޮޓަރިއަކަށް ވައްދައިގެންނެވެ. ކުރިމިނަލް ކޯޓުން ޝަރީއަތް ކުރަން ޖެހެނީ ޝަރީއަތުގެ މާލަމުގައެވެ. ގާޒީގެ ޕާސަނަލް ކެބިންގައި ހުންނަވައި ޕާސަނަލް ކޮމްޕިއުޓަރުން އެކަން ކުރުމަށް ކޯޓުތަކާއި އަދި ޝަރީއަތް ކުރުމާބެހޭ ގާނޫނުތައް ޖާގައެއް ނުދެއެވެ.

13 ފެބްރުއަރީ 2022، މާލޭ ޖަލުގެ ކޯޓުރޫމް -- ފޮޓޯ ކަރެކްޝަން

ކުރު ގޮތަކަށް ބުނާނަމަ ވާނުވާ މައްސަލަ ހަމަ ވާނުވާ ނޭނގި ހުރި ހިސާބުގައި މަޑުޖެހިފައި ހުރީއެވެ. ނަމަވެސް ހުރިހާ ސަރުކާރެއްގެ ކަމާބެހޭ ބޭފުޅުންގެ އެއް ވިސްނުމަކީ ވާނުވާގެ މައްސަލަ ހައްލު ކުރެވެން އޮތީ ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނެސްގެން ކަމަށެވެ. އެހެންވެ ކުރީ ސަރުކާރުންވަނީ ކުރިމިނަލް ކޯޓަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީ، ކުރިމިނަލް ކޯޓުގެ އާ ކޮމްޕްލެކްސްގެ މަސައްކަތް ފަށައިފައެވެ. ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަކީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކި ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން ސާފުވެއެވެ. އެހެންވެ މި ސަރުކާރުން ވަނީ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް، އެތަނުގެ މަސައްކަތް ނިންމައިފައެވެ. 2025 ގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ރައީސް މުއިއްޒުވަނީ އެތަން ހުޅުއްވައިވެސް ދެއްވައިފައެވެ.

މިއީ ވާނުވާގެ ތަކުތީފުތަކަށް ނިމުމެއް ގެންނާނެ ނިންމުމެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ދައުލަތާއި ސަރުކާރުން ދެކެނީ ހުޅުމާލޭގައި ހުޅުވި އާ ކޯޓް ކޮމްޕްލެކްސްއާއެކު ވާނުވާގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލު ނުވެ ދިގުލައިގެން ދިއުމެވެ. މީގެ ކުރީން ވެސް ކޯޓުތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ. ކުރިމިނަލް ކޯޓުގައި ދުވާލަކު 25 އަށްވުރެ ގިނަ މައްސަލަ ތާވަލުކުރި ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިއަށް ގެންދެވެނީ އޭގެ ތެރެއިން މަދު ޝަރީއަތްތަކެވެ. ބަންދު މުރާޖާއަށް ގެންދާ މީހުންނާއި ބަންދާމެދު ގޮތެއް ނިންމަން ގެންދާ މީހުންގެ މައްސަލަތައްވެސް ކުރިއަށް ގެންދިއުމަށް އެތައް ދަތިތަކެއް ދިމާވެއެވެ.

އަލަށް ހުޅުވި ކޯޓު ކޮމްޕްލެކްސްގައި ޑްރަގު ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ.

ކްރިމިނަލް ކޯޓުން "ވަން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި "ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެވެސް ޖުމްލަކޮށް ހުރިހާ ޝަރީއަތްތަކެއް ދެން އަވަސްވާނެ. ކުރިން ދިމާވި ޖާގައިގެ ދަތިކަން ދެން ދިމާނުވާނެތީ. ޝަރީއަތް ބާއްވާނެ ޖާގަނެތިއެއް ނުދާނެ" ކަމަށެވެ.

29 އޮކްޓޫބަރު 2022، "އޮޕަރޭޝަން ހޭހަން" ގައި ގައިދީންތަކެއް --

ކުރިމިނަލް ކޯޓުގައި 11 ސެކްޝަނަކުން ޝަރީއަތް ކުރެއެވެ. އާ ކޯޓު ކޮމްޕްލެކްސްގައި ވަނީ ޝަރީއަތްކުރާނެ 10 މާލަމެއް ކުރިމިނަލް ކޯޓަށް ހާއްސަކޮށްފައެވެ. އެއީ މީގެކުރިން މާލޭގައި ބޭނުންކުރަމުންދިޔަ ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ މަލާންތަކާ އަޅައިބަލާއިރު ގިނަ އަދަދެކެވެ.

"ކޮންމެ ދުވަހަކު ހުރިހާ ސެކްޝަނަކުން ޝަރީއަތްތައް ކުރިއަށް ގެންދާނެ. ކޮންމެ 30 މިނިޓަކުން ޝަރީއަތެއް ކުރިއަށް ގެންދާނެ. ޝަރީއަތްތައް ކުރިއަށްދާ މިންވަރު ތިބޭފުޅުންނަށް ޝެޑިއުލްތަކުން ފެންނާނެ" އެ ކޯޓުން ބުންޏެވެ.

ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވުމާއެކު ޝަރީއަތްތައް ލަސްވުމުގެ ފުރުސަތު ދެން ވަރަށް ކުޑަވާނެކަމަށް ގަބޫލުކުރެވެއެވެ.

އެއީ ކަމާބެހޭ ބޭފުޅުންގެވެސް ވިސްނުމެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ފާހަގަކުރައްވާ ގޮތުގައި ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ ޝަރީއަތް ކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމެވެ. ކުރިމިނަލް ކޯޓުގެ މަޝްވަރާގެ މަތީން އެ ކޯޓުންވެސް ބޭނުންވި ގޮތަށް މިހާރު އެވަނީ ޖާގަ ތަނަވަސް އާ ކޯޓު އިމާރަތެއް ދީފައެވެ.

މިއީ މިދިޔަ އަހަރު ޝަރުއީ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ކުރިމިނަލް ކޯޓުގެ ހިނގަމުންދާ ޝަރީއަތްތަކަށް ބަލާއިރު ބައެއް މައްސަލަތައް ކޯޓުގައި ހިނގަމުންދާތާ މިހާރުވަނީ ހަ އަހަރުވެފައެވެ. އެ މައްސަލަތަކުގައި ތުހުމަތު ކުރެެވޭ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ވާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫން ގޮތެއް މަައްސަލައިގެ ބާވަތުން ނޯވެއެވެ. އެފަދަ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވުރެ ހައްސާސް މައްސަލައަކީ އެފަދަ މީހުންގެ މައްސަލަތައް ހުކުމަކާ ހަމައަށް ނުގޮސް، ފަހެއް ނުވަތަ ހައެއްކަ އަހަރު ވެގެން ދިޔުމެވެ. ރާއްޖޭގެ ކަމާބެހޭ ގާނޫނު ތަކުންނާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ގޮތުން އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތަކުގައި ހުކުމް ކުރަން ޖެހެއެވެ. އެއީ ތުހުމަތުކުރެވޭ ފަރާތަށް ލިބިދީފައިވާ އިންސާނީ ހައްގެކެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރައިފައެވެ. ޕީޖީ އޮފީހުން "ވަން" އާ ހިއްސާކުރި ޝަރީއަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބަންދުގައި ހޭދަކުރި 364 މީހެއްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭގެ ތެރެއިން 38 މީހެއްގެ މައްސަލަ ނިމިފައިވަނީ ތިން އަހަރާއި ހަތަރު އަހަރާ ދޭތެރޭގަ އެވެ. 24 މީހެއްގެ މައްސަލަ ނިމުނުއިރު ވަނީ ހަތަރެއް ނޫނީ ފަސް އަހަރުވެފައެވެ. 131 މީހެއްގެ މައްސަލަ ނިމިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. ފަަސް އަހަރާއި ހަ އަހަރުގެ ތެރޭގައި 8 މީހެއްގެ މައްސަލަ ނިމުނުއިރު 67 މީހެއްގެ މައްސަލަ ނިމިފައިވަނީ ދެ އަހަރާއި ތިން އަހަރުގެ ތެރޭގައެވެ. އަދި 92 މީހެއްގެ މައްސަލަ ނިމިފައިވަނީ އެއް އަހަރާއި ދެ އަހަރުގެ ތެރޭގައެވެ. ހަތަރު މީހެއްގެ މައްސަލަ ނިމުނީ ހަ އަހަރު ފަހުންނެވެ.

01 ފެބްރުއަރީ 2025، ޝަރީއަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް ޝަރުއީ ކޯޓުތައް ފިޔަވައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިއަށްގެންދިޔަ "ބަންދު ފޯރަމް" ---- ފޮޓޯ: ޕީޖީއޮފީސް

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ޝަފީއު އަހުމަދު "ވަން" އަށް ވިދާޅުވި ގޮތުގައި ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވިގެން ދިއުމާއެކު 2022 ވަނަ އަހަރުން ފެށިގެން ކުރިމިނަލް ކޯޓަށް ދިމާވި ޖާގައިގެ ދަތިކަން ހައްލުވެ ޝަރީއަތްތައް ހިންގުމަށް ދިމާވި ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެއެވެ. އެހެންކަމުން އޭނާވެސް ދެކިވަޑައިގަންނަވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނާއި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ނިމެން ދެން އެހާ ދިގު މުއްދަތެއް ނުނަގާނެއެވެ.

"ދެން ކުރިމިނަލް ކޯޓު މަސައްކަތް ކުރަމުންދާނީ އެ ކޯޓުގެ ފުލް ކެޕޭސިޓީގައި. އެކަމަށް ޕީޖީ އޮފީހުގެ މުވައްޒަފުންވެސް ވަނީ ތައްޔާރުވެފައި" ޝަފީއު ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓުގައި އާ އިމާރަތް ބޭނުންކުރަން ފެށި ފަހުން ޝަރީއަތްތައް ބޭއްވި އަދަދު އިތުރުވެއްޖެއެވެ. އެކަން ރިކޯޑުތަކުން ފެންނަން އެބަހުއްޓެވެ. ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ 11 މާލެމެއް މިހާރު ބަރާބަރަށް ފަންކުޝަން ކުރެއެވެ. މިއީ ވާނުވާގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތައް މިދިޔަ އަހަރު ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.