މިދިޔަ އަހަރު ޝަރުއީ ދާއިރާގައި ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) 393 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އަހަަރުގެ ފަހު ދުވަސްކަމަށްވާ 31 ޑިސެމްބަރުގައި ކުރި ހުކުމެވެ. އެ ހުކުމް ވެގެންދިޔައީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމަށެވެ.
ދައުލަތުން މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާކުރިއިރު އޭގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކުގެ އެތަކެއް އެޕާޓްމެންޓެއް މަންޑޭ އޮޅުވާލުމެއްގެ ތެރެއިން ވިއްކާލާފައިވާއިރު އެއް އެޕާޓްމެންޓެއް ތިން ހަތަރު މީހުންނަށް ވިއްކައި، އެކަމުގެ ލިޔުން ދޫކޮށް، މަންޑޭ ވަނީ ފައިސާ ނަގައިފައެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އެތަނުން އެޕާޓްމެންޓެއްގައި ދިރިއުޅެވޭ ގޮތް ނުވުމުން މަންޑޭގެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ. މި މައްސަލައިގެ ތަހުގީގުން އެނގޭގޮތުގައި އެޕާޓްމެންޓު ގަންނަ މީހުން ފައިސާ ޖަމާކުރަމުންދިޔަ ބޭންކު އެކައުންޓަކީވެސް ހަންބޯ ކޮމްޕެނީގެ އިސްވެރިއެއްގެ ސޮއި ފޯޖުކޮށްގެން ހުޅުވާފައިވާ އެކައުންޓެކެވެ.
އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި އެތަކެއް ފަރާތަކަށް އޮޅުވާލައިގެން ހޯދި ފައިސާއިން މަންޑޭ ވަނީ އެފްޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައެވެ. އެއީ 7.8 މިލިއަން ރުފިޔާއަށް މަންޑޭ ގެނެފައިވާ އެޕާޓްމެންޓެކެވެ.
"އެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެތަނުގައި ހުރި މުދާ ބަލައި ފާސްކުރި އިރުގައި ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ އެތަނުގައި އެބަހުރި. 200 ވަރަކަށް ސެންޓް ފުޅި އެބަހުރި ނުކަނޑާ. ލަގްޒަރީ ހޭންޑްބޭގާއި 90،000 ރުފިޔާ، 40،000 ރުފިޔާ، 50،000 ރުފިޔާގެ އަތް ދަބަސް އެބަހުރި. ދެން ގަހަނާ 10،000 ޑޮލަރު 25،000 ޑޮލަރުގެ ގަހަނާ އެބަހުރި،" މަންޑޭގެ މައްޗަށް ދައުވާކުރިއިރު ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ.
ޝަމީމް ވިދާޅުވެފައިވަނީ އެތަނުގައި ހުރި މުދަލާއި އެ އެޕާޓްމެންޓް ގަންނަން ހޭދަވި ފައިސާ އެއްކޮށްލުމުން، ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑު ކަމަށެވެ.
މަންޑޭއަށް ކޮށްފައިވާ ދައުވާތަކާއި ޖަލު ހުކުމުގެ ތަފުސީލުތައް:
ދައުލަތުން ވަނީ މަންޑޭގެ މައްޗަށް ޓެކުމުގެ 46 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ އެއް ދައުވާކޮށްފައެވެ.
މަންޑޭގެ މައްޗަށް ޓެކުމުގެ 46 ދައުވާއެއް ކުރިއިރު އެއިން ކޮންމެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން މަންޑޭ އަށް އަހަރަށް ޖަލަށްލުމަށް ގާޒީ އަލީ ނަދީމް ހުކުމްކުރެއްވިއެވެ. އެހެންކަމުން ޓެކުމުގެ 46 ދައުވާގެ އަދަބެއްގެ ގޮތުގައި މަންޑޭ 368 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.
އޮޅުވާލުމުގެ 44 ދައުވާއެއް ކުރިއިރު އެއިން ކޮންމެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން މަންޑޭ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. އެހެންކަމުން އޮޅުވާލުމުގެ 44 ދައުވާގެ އަދަބެއްގެ ގޮތުގައި މަންޑޭ ޖުމްލަ 13 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.
ދައުލަތުން މަންޑޭގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއަށް ސާބިތުވާތީ ގާޒީ ކުރެއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއް ކުރިއިރު އެ ދައުވާތަކުގެ އަދަބެއްގެ ގޮތުގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް މަންޑޭ ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ.
ގާޒީ ވަނީ މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި ވަނީ ހުޅުމާލެއިން މަންޑޭ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.
އެހެން މީހުންނަށް އިބުރަތަކަށްޓަކައި މަންޑޭއަށް ބޮޑު އަދަބުތަކެއް ދޭންޖެހޭ!
ކޭ ޕާކް ފުލެޓް ގަތުމަށް އުމުރުން ވަރަށް ދޮށީ އަންހެނަކު ފައިސާ ދައްކާފައިވަނީ އޭނާގެ މުޅި އުމުރު ދުވަހު ކުރި މަސައްކަތުން އެއްކުރި ފައިސާއިންނެވެ. ނަމަވެސް ފުލެޓް ލިބިފައިނުވާތީ، އެ ވާހަކަ މާޔޫސްކަމާއެކު އޭނާ ވަނީ ޝަރީއަތަށް ކިޔައިދީފައެވެ.
ގާޒީ ވިދާޅުވީ އެ އަންހެން މީހާ ޝަރީއަތުގައި ހެކިބަސް ދެމުން "ދެން އުމުރުގައި އެ އަދަދަށް ފައިސާ ހޯދޭނެ ދުވަހެއް ނެތްކަމަށް" ބުނެފައިވާ ކަމަށެވެ.
މަންޑޭގެ އަމަލުތަކުގެ ސަބަބުން އެ އަންހެން މީހާއަށް ގެއްލިގެން ދިޔައީ ހަމެއެކަނި ފައިސާއެއް ނޫން ކަމަށާއި އެ އަންހެން މީހާ ދިރިއުޅުމަށް ކުރި އުންމީދުތައްވެސް ގެއްލިފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގެ ތެރޭގައި އެފަދަ އެހެން މީހުން ގިނައިން ތިބިކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ މަންޑޭގެ މައްޗަށް އަދަބުގެ މިންވަރު މަތިވާންޖެހޭ ހާލަތެއް އުފަންވެފައިވާ ކަމަށެވެ.
މި ކުށް ކޮށްފައިވާ ގޮތަށް ބަލާއިރު އެހެން މީހުންނަށް އިބުރަތަކަށްވާނެ ފަދަ ގޮތަކަށް މި މައްސަލައިގައި އަދަބު ދޭންޖެހޭކަން ގާޒީ ވަނީ ފާހަގަކުރައްވައިފައެވެ.
މަންޑޭގެ މޫނުމަތިން މާޔޫސްވުމުގެ އަސަރެއް ނެތް!
މި މައްސަލައިގެ ޝަރީއަތުގައި އެންމެ ފާހަގަވެގެން ދިޔައީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ގިނަ ދައުވާތަކެއް އުފުލި، މިހާ ދިގު މުއްދަތަކަށް ޖަލަށްދާން ޖެހިދާނެ މީހެއްގެ ކިބައިން ފެންނަ ހާސްވުމާއި މާޔޫސްކަން މަންޑޭގެ ފަރާތުން ފެނިފައިނުވުމެވެ. މަންޑޭގެ ޝަރީއަތް ނިމިގެންދިޔައިރު އޭނާގެ ދިފާއީ ވަކީލަކު ބައިވެރިވެފައިވަނީ މަދު ޝަރީއަތްތަކެއްގައެވެ. ޝަރީއަތަށް ހާޒިރުވާން ޗިޓު ފޮނުވާފައިވިޔަސް ޝަރީއަތަށް ހާޒިރުނުވެ، މަގުމަތީގައި އުޅެއެވެ. ދެ ފަހަރެއްގެ މަތިން ފުލުހުން ލައްވައި ކޯޓަށް ހާޒިރުކޮށްފައިވެއެވެ.
މައްސަލައިގެ ހުކުމް ކުރުން ތާވަލުކުރި ދުވަހުވެސް ޝަރީއަތަށް ހާޒިރުވެފައެއް ނުވެއެވެ. އަދަބާ ބެހޭގޮތުން ވާހަކަދެއްކުމުގެ ޝަރީއަތުގައިވެސް މަންޑޭ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.
"އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް" 94 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އަދަބާ ބެހޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި އެއްވެސް ވަރެއްގެ ހާސްވުމެއްނެތި މަންޑޭ ބުންޏެވެ.
މި މައްސަލައިގެ ހުކުމްތައް ގާޒީ އިއްވަމުން ދިޔައިރުވެސް މަންޑޭ ވަރަށް ހަމަޖެހިލައިގެން ހަމަ ހުރީއެވެ. ދޭތެރެއަކުން އެހެން ހުރެފައި ހީލައެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ ޖައިޝާން ސައީދު، ކިނާރާ، ރ. އަލިފުށިގެ، މައްޗަށްވެސް 95 ދައުވާއެއް ކޮށްފައެވެ. އޭގެ ތެރެއިން 86 ދައުވާއެއް ސާބިތުވެ އޭނާ 159 އަހަރަށް ޖަލަށްލުމަށް ގާޒީ ވަނީ ހުކުމް ކުރައްވައިފައެވެ.
މުހައްމަދު އިޝާން
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
393 އަހަރަށް މީހަކު ޖަލަށް ލާން ހުކުމް ކުރި ޚަބަރުގެ އަޑު އިވުމުން ، ތި ހުކުމާއި މެދު ވިސްނާލަން މަޖުބޫރު ވެއްޖެ. ސަބަބަކީ ތިހުކުމްތަންފީޛު ކުރެވޭެ ކަމުގެ އެއްވެސް ޔަޤީން ކަމެއް އެއް ގޮތަކަށް ވެސް ނެތުމުން . ތިހިކުމުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން އޭނާ މަރު ވެއްޖިއްޔާ ދެނޯ ؟ ހުކުމުގެ ބާކީ އިން ބައި ތަންފީޛު ކުރަން ހަދާނީ ކިހިނެއް ؟ މަރުވީމާ ވަޅު ނުލައި ޖަލު ގޮޅީގައި މަސްގަނޑު ބާއްވާނީތަ ؟ ނުވަ ހުކުމުގެ ބާކީ އިން ބައި މަރުވި މިޙާގެ ވާރުތަ ވެރީންނަށް ބަހައި އެމީހުން ޖަލަށް ލާނީތަ ؟
މުހައްމަދު ސައީދު - 5 މަސް ކުރިން