ނިމިދިޔަ އަހަރަކީ ބޭރު ދުނިޔޭގެ ކުޅިވަރުގައި ގައުމީ ޓީމުގެ ބޮޑެތި މުބާރާތްތައް މަދު އަހަރެއް ނަމަވެސް، ތަފާތު މަންޒަރުތަކެއް ދައްކުވައިދިން އަހަރެކެވެ. ޕީއެސްޖީން ޔޫރަޕްގެ ރަސްކަން ހޯދައި އުފާފާޅުކޮށްފައިވާ އިރު، ޗެލްސީން ވަނީ ފީފާއިން އަލަށް ބޭއްވި ކްލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ އުފާވެރި ވަގުތުތަކުގެ ތެރެއިން ޕޯޗުގަލްގެ ތަރި ޖޮޓާގެ ހިތާމަވެރި ވަކިވުމާއި، ފީފާއަށް ކީ ފާޑު ކިޔުންތައްވެސް މިދިޔަ އަހަރު ފާހަގަވިއެވެ. އެއާއެކު ޓެނިހުގައި ކާލޮސް އަލްކަރާޒާއި ޖަނިކް ސިނާގެ ތަފާތު ވާދަވެރިކަމެއް ނިމިދިޔަ އަހަރުން ފާހަގަކުރެވުނެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ކްލަބު ފުޓުބޯޅަ ފޯރިގަދަ ކުރުމަށް މިދިޔަ އަހަރު ފީފާ ކްލަބު ވޯލްޑް ކަޕެއް ބޭއްވި ނަމަވެސް، އެއީ އެންމެ ކާމިޔާބު މުބާރާތްކަމާ މެދު އޮތީ ސުވާލުތަކެއް ކުރިމަތިވެފައެވެ. އެމެރިކާގައި މުބާރާތް ބޭއްވުމުގައި އިންތިޒާމުތަކަށް ފާޑުކިޔުންތައް ބޮޑުވިއެވެ. އެގައުމުގެ މޫސުމުގެ މައްސަލަތައް ކްލަބުތަކުން ޖެއްސުމުގެ އިތުރުން، ޓިކެޓް ވިއްކަންވެސް ފީފާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ކޮންމެއަކަސް އެ މުބާރާތަކީ ޗެލްސީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ކްލަބުން ވަނީ ސިފަކޮށްފައެވެ.

ކްލަބު ވޯލްޑް ކަޕްގެ ތެރެއިން ގޮސް، ފީފާއިން ދެން އެންމެ ބާރަށް ދެއްކި ވާހަކައަކީ މިއަހަރު އޮންނަ ވޯލްޑް ކަޕްގެ ވާހަކައެވެ. އެ ވާހަކަތަކުގެ ތެރެއަށް "ސިޔާސީ ކަންކަން ވަދެފައިވާކަމަށް،" ގިނަ ބަޔަކު ދިޔައީ ސިފަކުރަމުންނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ގާތް ގުޅުމެއް މިދިޔަ އަހަރު ފެނުނު އިރު، އެ ގުޅުމަށް އެތައް ފާޑުކިޔުމެއް އަމާޒުވިއެވެ. ހަމަ އެކަމުގެ ތެރެއިން، ފީފާއިން އަނިޔާވެރި އިޒްރޭލް ފުޓުބޯޅައިން ބޭރު ނުކުރުމަށް ފައި ވިއްދާފައި އޮތް ކަމަށް އެތައް ބަޔަކު ސިފަ ކޮށްފައިވެއެވެ.

ވޯލްޑް ކަޕްގެ ގުރުވެސް ސިޔާސީ، އެތައް ބައެއްގެ އެދުމަށްވެސް އިޒްރޭލް ބޭރެއް ނުކުރި

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އެތައް ކުޑަކުދީންނަކާއި އާންމުން އަދި ކުޅިވަރު އެތުލީޓުންވެސް ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ފަލަސްތީނު ޕެލޭގެ ނަމުން މަގުބޫލުވެފައިވާ ސުލައިމާން އޮބެއިދުވެސް ހިމެނެއެވެ. މިދިޔަ އަހަރު ތެރޭގައި އދ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ހިންގަމުންދަނީ އިންސާނީ ކަރާމާތަށް ހުތުރު އަމަލެއް ކަމަށާއި، ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުންވެސް ހަމަލާތައް ހުއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފަލަސްތީނުން ފީފާގެ އާއްމު ބައްދަލުވުމެއްގައި އިޒްރޭލް ބޭރުކުރަން ހުށަހެޅި ނަމަވެސް، އެމެރިކާގެ ފިއްތުންތަކާއެކު އެކަން ކުރާކަށް ފީފާއަކަށް ނުކުރުނެވެ. އެ މައްސަލަ ކުރިއަށްވެސް ކެނޑިޔަކު ނުދިނެވެ.

ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ---

ރަޝިއާއިން ޔޫކްރޭނާ ދެމެދު ހަނގުރާމަ ފެށިތާ މާގިނަދުވަހެއް ނުވަނީސް، ފީފާއާއި ޔޫއެފާއިންވެސް ވަނީ ރަޝިއާ ފުޓުބޯޅައިން ބޭރުކުރުމަށް ނިންމައި އެކަން ކޮށްފައެވެ. އަދި ރަޝިއާގެ ވިޔަފާރިވެރިންނަށްވެސް ދަތިތައް ކުރިމަތިކުރުވިއެވެ.

އެކަން އެހެން ކުރި ނަމަވެސް، އިޒްރޭލް ބޭރުކުރުމަށް ފީފާއިން ދިޔައީ ބަހަނާއަކަށްފަހު ބަހަނާއެއް ދައްކަމުންނެވެ. އިންފަންޓީނޯ ވިދާޅުވީ ފުޓުބޯޅައަކީ ދެ ގައުމުގެ ދެމެދުގައި ޖެހޭ މައްސަލަ ހައްލުކުރާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އެކަމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ޔޫރަޕް ގައުމުތަކުގެ އެފްއޭއިންވެސް ޔޫއެފާއަށް ޕްރެޝަރުކުރި ނަމަވެސް، ޔޫއެފާއިންވެސް އިޒްރޭލަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އޭގެފަހުން ދެން ފެނުނީ ވޯލްޑް ކަޕްގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތެވެ. ރަސްމިއްޔާތު އެ ރަސްމިއްޔާތު ޓްރަމްޕަށް ވަރަށް ބޮޑަށް ބައްޓަން ކޮށްފައިވާ އިރު، އެެމެރިކާގެ ވޮޝިންޓަނުގައި ބޭއްވި އެ އިވެންޓްގައި ހުށަހެޅުންތައް ފެނިގެން ދިޔައީވެސް ޓްރަމްޕަށް ހާއްސަ ކޮށްގެންނެވެ. އެކަމާ ހެދި، ބައެއް ފަރާތްތަކުން ގުރު ސިޔާސީ ވީކަމަށް ބުނެ ފާޑު ކިޔާފައިވެއެވެ.

ވޯލްޑް ކަޕް ގުރުނެގުމުގެ އިވެންޓްގެ ތެރެއިން ---

ގުރު ނެގުމުގެ ރަސްމިއްޔާތާއެކު ހައްގުތަކަށް މަސައްކަތް ކުރާ ފެއާސްކެއާއިން ފީފާގެ އެތިކްސް ކޮމިޓީއަށް އިންފަންޓީނޯގެ މައްސަލައެއްވެސް ހުށަހެޅިއެވެ. އެ މައްސަލައާ ހަމައަށް ދާން ޖެހުނު އިތުރު ކަމެއްގެ ގޮތުގައި ފީފާއިން އަލަށް ދިން ޕީސް ޕްރައިޒް، ޓްރަމްޕަށް ދިނުންވެސް ހިމެނެއެވެ.

ޕީއެސްޖީއަށް ކާމިޔާބު، އެންމެ މޮޅު ކުޅުންތެރިޔަކީ ޑެމްބެލޭ

ޑެމްބެލޭ، ބެލޮންޑިއޯ އެވޯޑާއެކު ---

ނިމިގެންދިޔަ އަހަރު ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު ބޮޑު ކްލަބަކީ ޕީއެސްޖީއެވެ. ލުއިސް އެންރިކޭގެ ކޯޗުކަމުގައި ޕީއެސްޖީން ވަނީ ކްލަބު ތާރީހުގައި މުޅިން އަލަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައި، ޑޮމެސްޓިކް ދެ ތަށިވެސް ކާމިޔާބު ކޮށްފައެވެ. ޒުވާން ކުޅުންތެރިންތަކަކާއެކު ޝައުގުވެރި ފުޓުބޯޅައެއް ކުޅުނު ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާން ބަލިކުރީ 5-0 އިންނެވެ.

ކިލިއަން އެމްބާޕޭއާވެސް ނުލައި ޕީއެސްޖީން އެ ކާމިޔާބު ހޯދި އިރު، އެންމެ ވިދުން ގަދަވީ ފްރާންސްގެ އުސްމާން ޑެމްބެލޭއެވެ. އޭނާއަށް ވަނީ ބެލޮންޑިއޯއާއި ފީފާ ބެސްޓް އެވޯޑުވެސް ލިބިގެން ގޮސްފައެވެ.

ޕީއެސްޖީއާއި ޑެމްބެލޭގެ އެ ކާމިޔާބީތަކަކީ އުންމީދު ކުރެވުނު ނަތީޖާއެއް ކަމަށް ބުނަން އުނދަގޫވެދާނެއެވެ. ހާއްސަކޮށް އާ ކުޅުންތެރިންތަކެއް ވިދުން އެ ކްލަބުން ފެނުން ވެގެންދިޔައީ ފާހަގަކޮށްލެވޭ ކަމަކަށެވެ.

ސިނާއާއި އަލްކަރާޒްގެ ތަފާތު ވާދަވެރިކަމެއް

އަލްކަރާޒް ޔޫއެސް އޯޕަން ތަށްޓާއެކު --- ފޮޓޯ/ ގެޓީ

ޓެނިހުގެ މިދިޔަ އަހަރު ޝައުގުވެރިއެކެވެ. ހާއްސަކޮށް އާ "ރައިވަލްރީއެއް" ޓެނިހުން އުފަން ވެއްޖެއެވެ. ރަފޭލް ނަޑާލްއާއި ރޯޖާ ފެޑަރާގެ އިތުރުން ނޯވަކް ޖޮކޮވިޗަށް ސަމާލުކަން ކުޑަވެ، މިހާރު އެންމެ ވާދަވެރިކަން ބޮޑީ ސިނާއާއި އަލްކަރާޒާ ދެމެދުއެވެ.

ގްރޭންޑް ސްލޭމް ތިން މުބާރާތެއްގެ ފައިނަލުގައި ސިނާއާއި އަލްކަރާޒް ކުރިމަތިލިއެވެ. އޭގެ ތެރެއިން ފްރެންޗް އޯޕަން ފައިނަލަކީ ޓެނިހުގެ ތާރީހީ ފައިނަލެކެވެ. އަލްކަރާޒް އެމެޗުގައި ހެދި ކަމްބެކަކީ ކުޅިވަރު ތަރީހުން ހާއްސަ ވަގުތު ކޮޅެކެވެ. ދެ ސެޓުން ފަހަތުން އަރައި، ސިނާގެ ތިން ޗެމްޕިއަންޝިޕް ޕޮއިންޓުން ސަލާމަތްވެ، އަލްކަރާޒް ތަށި ނެގީ ފަސް ގަޑިއިރާ ބައިގެ ފައިނަލަކުންނެވެ.

އޭގެފަހުން ސިނާއަށްވެސް ކާމިޔާބު ލިބުނު އިރު، ޓެނިހުގެ އެންމެ ވަރުގަދަ ތަރިއަކަށް މިވަގުތު ހުރީ އަލްކަރާޒެވެ.

ޖޮޓާގެ ކުއްލި ވަކިވުމުން ފުޓުބޯޅަ ރޮއްވާލި

ޕެޑްރޯ ނެޓޯ، ޖޮޓާއާއި އަންދްރޭ ސިލްވާގެ ހަނދާނުގައި ދިން ހާއްސަ ޓްރިބިއުޓުގެ ތެރެއިން ---

ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޕޯޗުގަލް އަދި ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޮޓާ މަރުވުމަކީ މުޅި ކުޅިވަރުގައިވެސް މިދިޔަ އަހަރު ލިބުނު އެންމެ ބޮޑު "ޝޮކް"އެވެ. ޖޮޓާ މަރުވެފައި ވަނީ ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. ކާރުގައި ތިބީ ޖޮޓާއާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ އެވެ. ދެމީހުންވެސް މަރުވެފައި ވަނީ ކާރު ކޮންޓްރޯލް ނުވެގެން ގޮސް، އަލިފާން ހިފައިގެންނެވެ.

ޖޮޓާގެ ލަމްބޯގިނީ ދުއްވާފައި ދިޔައީ އާދަޔާ ހިލާފު ބާރު ސްޕީޑެއްގައެވެ. އޭނާ ޕްރި ސީޒަނަށްފަހު އެނބުރި ލިވަޕޫލަށް ދިޔައީ އިވެންޏަށް ފަހު ޗުއްޓީ ނިންމާލައިފައެވެ.

ލަމްބޯގިނީއެއްގައި އެއްގަމު މަގުން ޖޮޓާ އިނގިރޭސިވިލާތަށް ދާން ދިޔައީ މަތިން ދަތުރުކުރުމަށް ޑޮކްޓަރު ހުއްދަ ދީފައި ނުވާތީއެވެ. އެއީ މައިނާ ސާޖަރީއެއްގެ ސަބަބުންނެވެ. ކާރުގައި ގޮސް ފެރީއެއްގައި އިނގިރޭސިވިލާތަށް ދާން ޖޮޓާ ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓްވީ ސްޕެއިންގެ ތެރެއިންނެވެ.

އެ ހަބަރާއެކު ލިވަޕޫލަށް ކުއްލި ޝޮކެއް ލިބި، އަދިވެސް އެ ކްލަބުން ދަނީ ތައުޒިޔާގެ އެކިއެކި ކަންކަން އިންތިޒާމުކުރަމުންނެވެ. އަހަރު ތެރޭގައި އެންމެ އަސަރުގަދަ ފޮޓޯތަކަކަށްވީ ޖޮޓާގެ އަނބިމީހާގެ އިތުރުން ދަރިންނަށް ލިބުނު ހިތްދަތިކަން ދައްކުވައިދިން ފޮޓޯތަކެވެ. ލިވަޕޫލުން ވަނީ އަބަދަށް 20 ނަމްބަރު ރިޓަޔާ ކޮށްފައެވެ.

ޖޮޓާ 20 ނަމްބަރު ޖާޒީ ---

ފާހަގަކުރެވުނު ކަންތައްތަކުގެ އިތުރުންވެސް ކުޅިވަރުގައި ތަފާތު ޖަޒުބާތީ ވަގުތުތަކެއް 2025 ގެނެސްދިނެވެ. 150،000 މީހުން ދިރިއުޅޭ ކިއުރަސާއޯ ވޯލްޑް ކަަޕަށް ކޮލިފައިވުމުގެ އިތުރުން އަޔަލޭންޑުން ކުޅުނު ތަފާތު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު ފާހަގަވިއެވެ. އޭގެ އިތުރުންވެސް އިންޑިއާ ފުޓުބޯޅަ އަޑި އަޅާލުންވެސް އަހަރު ތެރެއިން ފާހަގަވިއެވެ. އެގައުމަށް ލިއޮނަލް މެސީ ޒިޔާރަތް ކުރި ނަމަވެސް، ލީގު ހުއްޓި، ކުރިމަގު އޮތީ ވާނުވާގައެވެ.