މަގުމަތީގެ އެކްސިޑެންޓުތަކުގައި މި އަހަރު ހިތްދަތި އެތައް މަރެއް ހިނގައިފިއެވެ. އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. މަގުމަތީގެ އެކްސިޑެންޓެއްގައި މި އަހަރު އެންމެ ފުރަތަމަ މަރުވީ 31 ފެބްރުއަރީގައި ސިނަމާލެ ބުރިޖާ ގުޅުނު ހައިވޭގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީ މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނާ މަރުވީ، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ފެބުރުއަރީ 1 ވަނަ ދުވަހުއެވެ.

އެކްސިޑެންޓެއްގައި މި އަހަރުގެ ދެވަނަ މަރާއި ތިން ވަނަ މަރު ހިނގީ ދާދި ގާތްގާތުގައެވެ. އެގޮތުން އޭޕްރީލް 12 ވަނަ ދުވަހު އައްޑޫ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ފޭދޫ/ އުލްފަތު، އިބްރާހިމް ސިޔާދު، 36އ ވަނީ މަރުވެފައެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު، 23އ. ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔައެވެ.

26 ޖޫން 2025، ރ. ފައިނުގައި އެކްސިޑެންޓް ހިނގި ސައިކައިލު ދުއްވަން އިން ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ -- ފޮޓޯ/ ފައިނު އޮންލައިން

އޭޕްރީލް 12 ވަނަ ދުވަހު ވަނީ އެކްސިޑެންޓެއްގައި އިތުރު މީހަކުވެސް މަރުވެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ލ. މާންދޫ ބެންޑް (ގަމާއި ފޮނަދުއާ ދެމެދު ހަދާފައި އޮންނަ ލިންކު ރޯޑު ލަނބައިލާ ހިސާބު) ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓެއް ހިނގައި މަރުވީ މާބައިދޫ/ ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް (30އ) ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައުޒަމް ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓުވީ މަގުގެ އެއް ފަރާތުގައި ޖެހިގެންނެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކުގެ ސަބަބުން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 27 ގައި ގދ. ތިނަދޫގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ވަނީ ސައިކަލު ދުއްވަން އިން 31 އަހަރުގެ އަންހެން މީހާވެސް މަރުވެފައެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިޖެންސީގައި ހަމަ އެ ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

މި އަހަރު މަގުމަތީގެ އެކްސިޑެންޓު މަރުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް މަރަކީ ޖުލައި 13 ވަނަ ދުވަހު، އެކްސިޑެންޓެއްގައި މަރުވި، ޔޫސުފް އަލްސަން މުހައްމަދުގެ މަރެވެ. އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅެވެ.

ތޭރަވާ އާއި އަޝްފާ އަދި އެ ދެމީހުންގެ ހަމައެކަނި ދަރިފުޅު އަލްސަން --

ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓު ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

މަގުމަތީގެ އެކްސިޑެންޓެއްގައި މި އަހަރު އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ނޮމެންބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. ގއ. ވިލިނގިލީގައި ސައިކަލަކާއެކު ގެއެެއްގެ ފާރުގައި ޖެހި އެކްސިޑެންޓެ، މަރުވީ ވިލިނގިލި، ސޯސަން ވިލާ، ވިކާޝް އަހުމަދު (26އ) އެވެ.

8 ނޮވެމަބަރު 2025: ގެއެއްގެ ފާރުގައި ޖެހި އެކްސިޑެންޓުވި، އ. ވިލިގިލީ/ ސޯސަން ވިލާ، ވިކާސް އަހުމަދު (26އ.) --- ފޮޓޯ/ ކަށުނަމާދު ޕޭޖު

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުރަތަމަ ހަ މަސް ދުވަހު މާލެ ސަރަހައްދުގައި 1000 އަށްވުރެ ގިނަ އެކްސިޑެންޓުގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން މި އަހަރަކީ އެކްސިޑެންޓުތައް ގިނަ އަހަރެކެވެ.