ވަން މީޑިއާ ގުރޫޕަށް ހަތް އަހަރު ފުރި މިހާރު ގުނަމުން މި އަންނަނީ އަށްވަނަ އަހަރުގެ ދުވަސްތަކެވެ. އެންމެ ދެ ނޫސްވެރީންނާއެކު 2018 ވަނަ ފެށި މި ދަތުރަށް ހަތް އަހަރު ފުރުނުއިރު، "ވަން" އަކީ އިތުބާރު ހިފޭ ނަމަކަށް ހެދުމަށް "ޓީމް" ވަން އިން ވަނީ ގޮންޖެހުން ބޮޑު، ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މިއަދު "ވަން"ގެ ނަން ވަނީ ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަކުގެ ލިސްޓުގައި ހިމެނިފައެވެ. އިތުބާރު ހިފޭ ނޫހަކަށް ވެފައެވެ. މިއަދުގެ "ވަން" އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން، އެންމެ މަގުބޫލު އެއް ނޫހެވެ. ހުރިހާ ވައްތަރެއްގެ ކޮންޓެންޓް ގެނެސްދޭ ނޫހެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިނގާ ދިވެހިރާއްޖޭގެ މުހިންމު ހުރިހައި އިވެންޓްތަކެއް "ވަން"ގެ ނޫސްވެރީން އަންނަނީ ކިޔުންތެރީންނާ ހަމަޔަށް ގެނެސްދެމުންނެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، "ވަން" ގެ ނިއުސްޓީމުން އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ އެންމެ އަވަހަށް، އެހެން ނަމަވެސް އިތުބާރާއެކު ހަބަރާއި މައުލޫމާތު ގެނެސްދިނުމަށެވެ. ހަބަރާއި މައުލޫމާތުގެ ތެދުކަން ކަށަވަރުކޮށް ކިޔުންތެރީންގެ އިތުބާރު ދެމެހެއްޓުމަކީ އެންމެ އިސް ވާޖިބު ކަމުގައި ބަލައިގެންނެވެ. އަވަހަށް ހަބަރުތައް ބްރޭކް ކޮށްލުމުގެ ނިޔަތުގައި، ކޮލިޓީ ގުރުބާންކޮށްފައެއް ނުވާނެއެވެ. ޔަގީން ނުވާ ޚަބަރެއް ޝާއިއުކޮށްފައެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، "ވަން"ގައި ޝާއިއުކުރެވޭ ހަބަރަކީ، އޭގެ ސައްހަކަމާ މެދު ކިޔުންތެރީން ސުވާލު ނުއުފައްދާ ކޮންޓެންޓްކަމުގެ ޔަގީންކަން ވަނީ ހޯދައިދެވިފައެވެ. އެ އިތުބާރު ދެމެހެއްޓުމުގެ މަސައްކަތަކީ މިއަދު "ވަން"ގެ އެޑިޓޯރިއަލް ޓީމުން އެންމެ ބޮޑު އިސްކަމެއް ދީގެން އަދާކުރަމުން އަންނަ ޒިންމާއެވެ.

2018 ވަނަ އަހަރުގެ ސެޕްޓަމްބަރު 20ގައި ވަން ފެށިގެން އައީ ހަމައެކަނި ދިވެހި ބަހުން ނެރޭ ކުޑަކުޑަ އޮންލައިން ނޫހެއްގެ ގޮތުގައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ވަންގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ވަކި ނޫހެއްގެ ގޮތުގައި އެ އެޑިޝަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބެލެނިވެރި ކުންފުންޏެއްގެ ގޮތުގައި، 2019 ވަނަ އަހަރު "ވަން މީޑިއާ ގުރޫޕް" ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ވަން އިނަޓްނޭޝަނަލް އާއި ވަން އޮންލައިންގެ ދިވެހި އެޑިޝަން މިހާރު ހިންގަމުން އަންނަނީ "ވަން މީޑިއާ ގުރޫޕް" ކުޑައިގެ ދަށުންނެވެ.

ކިޔުންތެރީންގެ މެދުގައި މަގުބޫލު އަދި އިތުބާރު ހިފޭ މީޑިއާއެއްގެ ގޮތުގައި "ވަން" ދެމެހެއްޓުމަށް، މިދިޔަ ހަތް އަހަރު ދުވަހު، މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ވަންގެ ޓީމުން ވަނީ ކޮށްފައެވެ. އޭގެ އެންމެ ބޮޑު ވަސީލަތަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރެވިފައި ވެއެވެ.

"ވަން"ގެ ބައެއް މުވައްޒަފުން -- ވަން ފޮޓޯ

"ވަން"ގެ ފޭސްބުކް، އެކްސް އަދި އިންސްޓަގްރާމް މެދުވެރިކޮށް ކިޔުންތެރީންނާ ގާތުން ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް އިސްކަން ދެވުނެވެ. މި މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް ތައާރަފު ކުރި "ވަން"ގެ ވައިބާ އަދި ޓެލްގްރާމް ކޮމިއުނިޓީ ގްރޫޕު އިތުރު އެހީއަކަށް ވެގެންދިޔައެވެ. މި ދެ ގްރޫޕް މެދުވެރިކޮށް ވަގުތުން ވަގުތަށް ވަންގެ ހަބަރުތައް ކިޔުންތެރީންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

"ވަން"ގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަބަދުވެސް އަދާކުރަނީ "ޓީމް ވަން"ގެ ހީވާގި މުވައްޒަފުންނެވެ. މިވަގުތު ޓީމް "ވަން" ގެ އެކި ޑިޕާޓްމަންޓުތަކުގައި 25 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. ރެޔާއި ދުވާލު، ބަންދު ދުވަހަކަށް ބެލުމެއް ނެތި، އެ މުވައްޒަފުންގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދިން އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ހައްގު ޝުކުރު އަދާކުރަމެވެ. އެއީ ވަންގެ އެންމެ ބޮޑު ރައުސްމާލެވެ.

ފުލްޓައިމް މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު މަގުބޫލު، ޢިލްމީ ލިޔުންތެރީންވެސް އަންނަނީ އެބޭފުޅުންގެ ލިޔުންތަކާއި ކޮލަމްތައް ވަންގައި ޝާއިއުކުރައްވަމުންނެވެ. އެގޮތުން އަބްދުﷲ ފާރޫގް ހަސަން ކޮންމެ ހަފުތާއަކު ގެނެސްދެއްވާ ކޮލަމާއި އިސްލާމީ ތާރީޚުގެ ވާހަކަތަކަކީ، ކިޔުންތެރީންގެ މެދުގައި މަގުބޫލު ލިޔުންތަކެކެވެ. މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު، ފުންނާބު އުސް ލިޔުންތެރިޔާ، އިމާދު ލަތީފް ގެންދަވަނީ ފުލްޓައިމްކޮށް ވަން ގައި މަސައްކަތްކުރައްވަމުންނެވެ. އިމާދު ގެނެސްދެއްވާ އަދުގެ ދުނިޔޭގެ ހަބަރުތަކާއި ދިވެހި ތާރީހު އަދި ބޭރު ކުޅިވަރުގެ ދިރާސާ ރިޕޯޓުތަކަށް ކިޔުންތެރީން ދޭ ސަމާލުކަން ބޮޑެވެ. ހަމަ އެހެންމެ ގާނޫނީ، އަދި އިސްލާމީ ތާރީހުގެ މަޝްހޫރު ލިޔުންތެރިޔާ. އަލް އުސްތާޛް އަހުމަދު މާޖިދުވެސް މިހާރު ލިޔުއްވަމުން ގެންދަވަނީ "ވަން" އަށެވެ. މާޖިދުގެ ރިޕޯޓު އަދި މަޒުމޫނު ތަކަކީވެސް އިލްމީ ގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ލިޔުއްވުންތަކެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް 2025 ވަނަ އަހަރުވެސް "ވަން"ގެ ނޫސްވެރީން ވަނީ އެކި ހާދިސާތަކާއި ބޮޑެތި އިވެންޓުތަކުގެ ފުރިހަމަ ކަވަރޭޖުތައް ގެނެސްދީފައެވެ. އެގޮތުން އެކި ރަށްރަށުގައި ހިނގާފައިވާ މަރުގެ މައްސަލަތަކާއި އެކި ހާދިސާތައް ގެނެސްދިނުމަށް އެ ރަށްރަށަށް ދަތުރުކޮށް ރިޕޯޓުތައް ވަނީ ގެނެސްދީފައެވެ. އޭގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމުގެ ރިޕޯޓުތައް ފާހަގަކޮށްވެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް ކުޅިވަރު ޑިޕާޓްމަންޓުން ވަނީ 2025 ވަނަ އަހަރު ވެސް ތަފާތު ދައްކައިފައެވެ. އެގޮތުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 އަދި ރާރާ ޕްރޯގެ ފުރަތަމަ އެޑިޝަންގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ކުޅިވަރު އިވެންޓްތަކެއްވެސް ފުރިހަމައަށް ކަވަރު ކޮށްފައިވެއެވެ.

"ވަން"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަމްއޫން ވަނީ، ބަހުރެއިންގެ ބޭއްވި އޭޝިއަން ޔޫތު ގޭމްސް 2025 ގެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ މީޑިއާ ޓީމުގެ މެންބަރެއްގެ ގޮތުގައި ވެސް އިސް މަސައްކަތްތަކެއް ކޮށް، ކިޔުންތެރިންނާ ހަމައަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ މީޑިއާ ޓީމުގެ މެންބަރެއްގެ ގޮތުގައި "ވަން"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަމްއޫން ބަހުރެއިންގައި -- ފޮޓޯ/ އެމްއޯސީ، ނައުޝަމް ވަހީދު

"ވަން" އިން ވަނީ މީޑިއާ ޕާޓްނަރުގެ ގޮތުގައި މަސައްކަތްކޮށް، އެކި ހަރަކާތްތަކުގެ އެންމެ ފަހުގެ ހަބަރާއި ރިޕޯޓުތައް ގެނެސްދީފައެވެ. އެގޮތުން 2025 ވަނަ އަހަރު "ވަން" އިން ހަރަކާތްތެރިވެފައިވާ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ؛

  • ގޯލްޑަން ފުޓްސަލް ޗެލެންޖް 2025
  • ރާރާ ޕްރޯ
  • ލީޑް ވެޓެރަންސް ކަޕް 2025
  • ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
  • ހަންޏާސް ކަޕް
  • ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025
  • ވައިޕީ ވެޓެރަންސް މުބާރާތް
  • ބޮޑުބެ ޗެލެންޖް 2025

"ވަން" ގެ ލޮބުވެތި ކިޔުންތެރީންނާއި ޕާޓްނަރުން "ވަން" އަށް ދެއްވާ ލޯތްބާއި އިތުބާރާއެކީ 2026 ވަނަ އަހަރުގެ ދަތުރު "ވަން" އިން މި ފަށަނީ މި މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށަށް އިތުރު މަސައްކަތްތަކެއް ތައާރަފުކޮށް 2025 ވަނަ އަހަރަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދާއި ހިތްވަރާ އެކުގައެވެ. "ވަން" އަކީ އެންމެނެވެ. ވީ އާ "ވަން" އެވެ. ހުރިހާ ބޭފުޅުންނަށް ވެސް އާ އަހަރުގެ ތަހުނިޔާއެވެ.