ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ 30 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސަނީ އުމަރު "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ 30 ވަނަ މާއްދާއާއި 33 ވަނަ މާއްދާ އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން 30 ދުވަހަށް ސަނީ ބަންދު ކުރުމުގެ އަމުރަކަށް މިއަދު އެދިފައިވާނެ ކަމަށެވެ.

"މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކުރައްވާފައިވެއެވެ" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަނީ އުމަރުގެ ބަންދު އިތުރު ކުރަމުންދާނެ ކަމަށެވެ.

އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން ވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ ހޯމަ ދުވަހު ސަނީ އުމަރު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)އަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭރު ހައްޔަރުކޮށްފައެއް ނުވެއެވެ.

އެފަހުން އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓައި ހަމަ އެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވައި، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.