ނ. މަނަދޫ 62 އަހަރުގެ ނައީމާ މޫސާ އޭނާގެ އަމިއްލަ ގެ ކަމަށްވާ، އަންނާރުމާގޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި، ތިން މީހެއްގެ މައްޗަށް އޭމާގެ މަރުގެ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހެޅި 94 ހެކިންގެ ތެރެއިން މިއަދުގެ ނިޔަލަށް 60 ހެކިންގެ ހެކިބަސް ނަގައިފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ ހަތެއް އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ ފެހި ވިލާގެ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި މަނަދޫ ފިނިފެންމާގެ އަބްދުލްވާހިދު ރިފާސް (21އ) ގެ އިތުރުން މަނަދޫ ވިނަރެސް ހަސަން ފަވާޒު (21އ)އެވެ.

މި މައްސަލައިގައި އެއިން ކޮންމެ މީހެއްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ.

އޭގެ ތެރޭގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން، ނައީމާ މަރާލުމަށްފަހު، ނ. މަނަދޫ ނާމަގު ސަރަހައްދަށް ގޮސް، އެތަނުގައި ވަޅެއް ކޮނެ، އެކަމަށް ބޭނުން ކުރި ވަޅިޔާއި އެއްޗެހި އަންދާލަން މަސައްކަތްކޮށް، ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އޭގެ އިތުރުން އެ ހާދިސާ ހިންގުމަށްފަހު، އެ ގޭގެ ދޮރު ތަޅުލާފައި ގޮސްފައިވާތީ، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެއެވެ.

އެގޭ ދޮރު ތަޅުލާފައި ދިއުމުގެ ސަބަބުން، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އާއިލާ މީހުންނަށް ވެސް އެނގިފައިވަނީ ހާދިސާ ހިނގިތާ 40 ގަޑިއިރު ފަހުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ތުހުމަތުވާ މީހުންގެ އިތުރުން އެހެން ބައެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށާއި އެ ތިން މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ޑީއެންއޭ ހެކިތަކެއް ވެސް ހިމެނޭ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.