ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހެޔޮ އަގުގައި ސައިކަލު ލިބޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ ޓަކައިގެންފައިވާ ކަމަށްބުނެ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަހުމަދު އާތިފް ހަސަންގެ މައްޗަށް ޓެކުމުގެ 139 ދައުވާއެއް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ދައުވާތައް އުފުލާފައިވަނީ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހުމަދު އާތިފް ހަސަންގެ މައްޗަށެވެ. ދައުވާ ކޯޓަށް ހުށަހެޅީ އިއްޔެއެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރެވޭ މި ދައުވާތައް ހުށަހެޅީ ސައިކަލަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކިން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ކިންގްސްޓަންގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އަހްމަދު އާތިފް ހަސަން ވަނީ 2023 ވަނަ އަހަރުން ފެށިގެން ސައިކަލު ހޯދައިދޭނެ ކަމުގެ ދަޅަ ދައްކައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ނެގުމަށްފަހު، ސައިކަލު ހޯދައިދިނުމަށް މަސައްކަތެއް ނުކޮށް އެ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ސައިކަލު ފޯރުކޮށްދީފައި ނުވާ އިރު ފައިސާވެސް ރައްދުކޮށްފައެއް ނުވެއެވެ.

ހުރިހާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ އާތިފްގެ އަތުން ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުން އެދިފައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު 11 މީހެއްގެ ބައި ތަހުގީގުކުރުމަށް ފުލުހުންނަށް ލަފާ ދީފައިވާ ކަމަށާއި، އެ ތަހުގީގު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.